އަމްރުގެ ޕްރޮގްރާމް ހުއްޓުވީ މިއުވާން- ޢަލީ އާޒިމް

Sun, 26 Mar 2023 01:44 AM

View on this article on Vaguthu

އަމްރުގެ ޕްރޮގްރާމް ހުއްޓުވީ މިއުވާން- ޢަލީ އާޒިމް

ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަމްރު މުހައްމަދު ރަޝާދު ދައުލަތުގެ މީޑިއާއަކަށް އިންޓަވިއު ދީފައިވާ ޕްރޮގްރާމް އެއަރ ނުކޮށް ހުއްޓުވީ ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވެފައިވަނީ ހޮނިހިރު ދުވަހުގައި ޕީއެސްއެމް ނިއުސްއިން އެއަރ ކުރުމަށް ހަމަޖެހިފައިވާ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އެސްޓީއޯއިން ދީފައިވާ އިންޓަވިއު އެއަރ ނުކުރުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ޕީއެސްއެމްއާއި ހަވާލާދީ މީޑިއާއަކުން ވަނީ އިންޓަވިއު ކެންސަލް ނުކުރާ ކަމަށާއި ރީޝެޑިއުލް ކުރީ ކަމަށް ރިޕޯޓް ކޮށްފައެވެ.

އެހަބަރާއި ގުޅިގެން އާޒިމް ކުރެއްވި ޓްވީޓްގައި އޭނާ ވިދާޅުވީ ޕީއެސްއެމް ގެ ސީސީ ޓީވީ ފުޓޭޖް ބައްލަވާލެއްވުމުން ރައީސް އޮފީހުގެ ތަރުޖަމާނު އެތަނަށް ގޮސް ޕްރޮގްރާމް ހުއްޓިވކަން އެނގޭނެ ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާގެ ސްޕޯކްސް ޕާރސަން މިއުވާން އެތަނަށް ގޮސް ޕްރޮގްރާމް ހުއްޓުވީ" އާޒިމް ވިދާޅުވިއެވެ.

"ވަގުތު"އަށް އެނގިފާއިވާގޮތުން މިރޭ 9:00 ޖަހާއިރު އޮތް ރާއްޖެ މިއަދު ޕްރޮގްރާމް ގައި ދެއްކުމަށް އަމުރުގެ އިންޓަވިއުގެ ރެކޯޑިންގ ހަދާފައި ވަނީ މިއަދު ހެނދުނު 10:30 އިން 11:00 އާ ދެމެދު އެވެ.

ނަމަވެސް ރެކޯޑިންގ ނިމުނު ފަހުން ރައީސް އޮފީހުން ވަނީ އަމުރުގެ ޕްރޮގްރާމް ދެއްކުން މަނާ ކޮށްފައެވެ.

އަދި އެ ޕްރޮގްރާމްގެ ބަދަލުގައި ޕީއެސްއެމްއިން ވަނީ ރާއްޖެ މިއަދުގެ އެހެން ޕްރޮގްރާމެއްގެ ރިޕީޓް އަޅުވާފައިއެވެ. "ރާއްޖެ މިއަދު"އަކީ ކޮންމެ ރެއަކަށް ގަވާއިދުން އައު ޕްރޮގްރާމްތައް ޝޫޓްކޮށްފައި ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ޕްރޮގްރާމެކެވެ.

އަދި އަމްރުގެ ޕްރޮގްރާމް ހޮނިހިރު ދުވަހުގެ ރޭ "ރާއްޖެ މިއަދު" އިން ދައްކާނެ ކަމަށް އެސްޓީއޯއިން ވަނީ ރަސްމީކޮށް އެ ކުންފުނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާންވެސް ކޮށްފައިއެވެ.

މިކަމާއި ގުޅިގެން "ވަގުތަށް" ޕީއެސްއެމްގެ ބަހެއް އަދި ލިބިފައި ނުވެއެވެ.

އެސްޓީއޯ އެމްޑީ ތާއިދު ކުރައްވަނީ، އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ. އަދި އަމްރު ވަނީ ދާދި ފަހުން ފިކުރެއްގެ ދިރުމާއި ޖުމްހޫރީ ޕާޓީން ބޭއްވި ބައްދަލުވުމުގައިވެސް ބައިވެރިވެފައިއެވެ.



More from Vaguthu