ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި

Sun, 04 Jun 2023 11:59 PM

View on this article on Thiladhun

ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާއްޓޭ ސްޕޯޓްސް އާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުން މާއްޓޭ ސްޕޯޓްސް އިން މޮޅުވާން ދަނިކޮށް މެޗުގެ ފަހު ދިހަމިނެޓްގައި ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް މޮޅުވިޔަ ނުދީ ހިފަހައްޓައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ތިން ލަނޑު ވެސް ޖެހީ މާއްޓޭ ސްޕޯޓްސް އިންނެވެ. އެ ޓީމަށް ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޖަހައިދިނީ ހުސެއިން އަބްދުއްރަޝީދެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއް ލަނޑުން މާއްޓޭ ސްޕޯޓްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ މިނެޓެއްތެރޭ މާއްޓޭ ސްޕޯޓްސް އިން ވަނީ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ ރަޔާން އަލީ ވަހީދެވެ. މާއްޓޭ ސްޕޯޓްސްގެ ތިންވަނަ ލަނޑަކީ 57 ވަނަ މިނެޓުގައި ނޮޅިވަރަންފަރު ޓީމްގެ މަތީން އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މާއްޓޭ ސްޕޯޓްސް އިން ތިން ލަނޑުގެ ލީޑެއް ނެގުމާއިއެކު މެޗު ފަސޭހަކަމާއިއެކު އެ ޓީމުން ކާމިޔާބު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، މެޗުގެ ފަހު ދިހަ މިނެޓުގައި ނޮޅިވަރަންފަރު ޓީމުން ވަނީ އާދަޔާ ޚިލާފް ހިތްވަރެއް ދައްކައި ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނޮޅިވަރަންފަރުގެ ފުރަތަމަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު އަޝްރަފެވެ. އެ ޓީމްގެ ދެވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ޖަހައިދިނީ ހުސެއިން ރައިއާން މޫސާއެވެ. ނޮޅިވަރަންފަރުގެ ތިންވަނަ ލަނޑު 90 ވަނަ މިނެޓުގައި ޖަހައިދިނީ ވެސް މުހައްމަދު އަޝްރަފެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މި މުބާރާތުގައި މާދަމާ ބައްދަލުކުރާނީ ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކޮރަލްސް އާއި ނޮޅިވަރަމް ހުވާސް އެވެ. މިއީ ގްރޫޕް ބީގެ މެޗެކެވެ.

The post ފަހު ދިހަމިނެޓް ތެރޭ ތިންލަނޑުޖަހައި ނޮޅިވަރަންފަރުން މާއްޓޭ ސްޕޯޓްސް ހުއްޓުވައިފި first appeared on Thiladhun.



More from Thiladhun