ނެތިދާ ދިރޭތަކެތި އެތެރެކޮށްފިނަމަ 30،000ރ ގެ ޖޫރިމަނާއެއް

Fri, 18 Oct 2024 01:25 PM

View on this article on Sun Online

ނެތިދާ ދިރޭތަކެތި އެތެރެކޮށްފިނަމަ 30،000ރ ގެ ޖޫރިމަނާއެއް

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ހުއްދަޔަކާ ނުލައި އިމްޕޯޓުކޮށް، އެކްސްޕޯޓުކޮށް، ރީއެކްސްޕޯޓުކޮށް އަދި ކަނޑުން އެތެރެކޮށްފިނަމަ 30،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.



ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ދޫކުރާ ހުއްދައާއި، ވިޔަފާރިކުރާ ފަރާތްތަކާއި ތަކެތި ރަޖިސްޓްރީކުރުމާ ގުޅޭ ގަވާއިދަށް އެއްވަނަ އިސްލާހު ގެނެސް އިއްޔެ ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އިސްލާހު ގެނައިއިރު، އެ ގަވާއިދުގައި ބުނެފައިވަނީ ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތި އެތެރެކުރުމަށް އެ ގަވާއިދުގެ ދަށުން ހުއްދައެއް ނެތި އެތެރެކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެފަދަ ދިރުމެއް އެތެރެކުރުމަށް ބޭނުންވާ ހުއްދަނެތި އެތެރެކޮށްފިނަމަ، އެތެރެކުރި ކޮންމެ އެއްޗަކަށް 30،000 ރުފިޔާގެ މަގުން އެ އެއްޗެއް އެތެރެކުރާ ފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ.

އެފަދަ ދިރޭ ތަކެތި އެތެރެކުރުމުގެ އިތުރަށް އެފަދަ ތަކެތީގެ ބައެއް ނުވަތަ އެތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ އެހެން މުދަލެއް އެތެރެކުރުން ވެސް ގަވާއިދުގައި ވަނީ މަނާކޮށްފައެވެ. އެފަދަ ދިރުމެއްގެ ބައެއް ނުވަތަ އެއިން އެއްޗެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މުދަލެއް އެތެރެކުރާ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

މި ގަވާއިދުގެ ދަށުން ހުށަހަޅާ ހުށަހެޅުމަށް ދައްކާ ހުއްދައިގެ ފީއަކީ 150 ރުފިޔާއެވެ.

އެގޮތުން ދޫކުރާ ހުއްދައިގެ ޝަރުތުތަކާ ޚިލާފުވުމަކީ ވެސް ގަވާއިދުގެ ދަށުން މަނާކަމެކެވެ. އެފަދަ އަމަލެއް ކޮށްފިނަމަ:

  • ފުރަތަމަ ފަހަރު: 5،000 ރުފިޔާގެ ޖޫރިމަނާއެއް
  • ދެވަނަ ފަހަރު: 10،000 ރުފިޔާގެ ޖޫރިމަނާއެއް
  • ތިންވަނަ ފަހަރު: 20،000 ރުފިޔާގެ ޖޫރިމަނާއެއް
  • ތިން ފަހަރަށްވުރެ ގިނައިން އެފަދަ އަމަލެއް ކޮށްފިނަމަ: 50،000 ރުފިޔާއިން އަށްވުރެ ބޮޑުނޫން އަދަދެއްގެ ޖޫރިމަނާއެއް

ކުރިން ގަވާއިދުގަ އޮތް ގޮތުން ނަމަ ހުއްދަ ނެތި އެތެރެކުރާ ފުރަތަމަ ފަހަރު 10،000 ރުފިޔާއިން، ދެވަނަ ފަހަަރު 20،000 ރުފިޔާއިން އަދި ތިންވަނަ ފަހަރު 40،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި، ކުރިން އޮތީ ތިން ފަހަރަށްފަހު ގިނައިން އެފަދަ އެއްޗެއް އެތެރެކޮށްފިނަމަ އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

ގާނޫނާ ޚިލާފަށް އެތެރެކުރާ އެފަދަ އެއްވެސް ދިރޭއެއްޗެއް ނެގުމުގެ ބާރު އެންވަޔަރަމަންޓް މިނިސްޓްރީއަށް އެ ގަވާއިދުގެ ދަށުން ލިބިދެއެވެ.



More from Sun Online