ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުން ދެކޮޅު ޖެހޭތަ؟

Fri, 18 Oct 2024 12:39 PM

View on this article on Sun Online

ޚަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުން ދެކޮޅު ޖެހޭތަ؟

ސަރުކާރުން ވަނީ ތިން ޓެކުހެއް ބޮޑުކުރަން ހުށަހަޅައިފައެވެ. އެއީ، ދައުލަތުގެ އާމްދަނީއަށް ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް މާލީ ވުޒާރާއިން އަންދާޒާ ކުރެއެވެ.



ސަރުކާރުން ވަނީ، ޓީޖީއެސްޓީ، ގްރީން ޓެކްސް، އަދި އެއާޕޯޓް ޑިވޮލޮޕްމަންޓް ފީ ވެސް ބޮޑުކުރަން ހުށަހަޅާފައެވެ. އެ އަދަދުތަކަކީ:

  • ޓީޖީއެސްޓީ 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުން
  • ގްރީން ޓެކްސް، ގެސްޓްހައުސްތަކުން - 3 ޑޮލަރުން 6 ޑޮލަރަށް ބޮޑުކުރުން
  • ގްރީން ޓެކްސް، ސިޓީ ހޮޓާ އަދި ރިސޯޓުތަކުން - 6 ޑޮލަރުން 12 ޑޮލަރަށް ބޮޑުކުރުން

މީގެ އިތުރުން، އެއާޕޯޓު ޑިވޮލޮޕްމަންޓް ފީގެ ގޮތުގައި ޑޮލަރުން ނަގަމުން އައި ޓެކުހަށް ވެސް ވަނީ ބަދަލުތަކެއް ހުށަހަޅައިފައެވެ. އެ ބަދަލުތަކަކީ:

  • އިކޮނަމީ ކްލާހުން ދަތުރުކުރާ ބިދޭސީން އަތުން ނަގައި ފީ 30 ޑޮލަރުން 50 ޑޮލަރަށް ބޮޑުކުރުން
  • އިކޮނަމީ ކްލާހުން ދަތުރުކުރާ ދިވެހީން އަތުން ނަގައި ފީއަށް ބަދަލެއް ނުގެންނާނެ
  • ބިޒްނަސް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 60 ޑޮލަރުން 120 ޑޮލަރަށް ބޮޑުކުރުން
  • ފަސްޓް ކްލާހުން ފުރާ މީހުން އަތުން ނަގައި ފީ 90 ޑޮލަރުން 240 ޑޮލަރަށް ބޮޑުކުރުން
  • ޖެޓުގައި ފުރާ މީހުން އަތުން ނަގައި ފީ 120 ޑޮލަރުން 480 ޑޮލަރަށް ބޮޑުކުރުން

މި ހަފުތާގެ 'ސަން އެޑިޓާސް ޓޯކް' ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ސަން އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ސާއިލު އަލީ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ކަމަށެވެ. އެކަމަކު، އެކަން ކުރާއިރު ދައުލަތުގެ މާލިއްޔާއިން ކުރާ އިސްރާފު ވެސް ކުޑަކުރަންޖެހޭ ކަމަށާއި ބޭކާރު ޚަރަދުކުރަން ޓެކްސް ބޮޑުކޮށްގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާއިލް ވިދާޅުވީ، ސަރުކާރުގެ ވަޒީރު ބޭފުޅަކު ރައްޔިތުންގެ އަރިހުން ޓޭކްއެވޭ ނުހަދައި ގަރުދިޔައާއި ބަތް ކާން އެދުނު ފަދައިން ސަރުކާރުން ވެސް ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށެވެ.

މި މައުޞޫއުގައި ސަންގެ ޕޮލިޓިކަލް އެޑިޓަރު އަހުމަދު އިނާހް ވިދާޅުވީ، ރާއްޖޭގެ ދަރަނި ޖީޑީޕީގެ 116 އިންސައްތައިގައި ހުރިއިރު ޚަރަދުތަކާއި އާމްދަނީ ވެސް ޖީޑީޕީގެ ތިން އިންސައްތައަށް އިތުރުކުރަން ބޭރުގެ މާލީ އިދާރާތަކުން އިރުޝާދު ދީފައިވާ ކަމަށެވެ. މި ބަދަލާ އެކު އާމްދަނީ ޖީޑީޕީގެ ތިން އިންސައްތައާ ގާތްކުރާ އަދަދަކަށް އިތުރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމަކު، ޚަރަދު ކުޑަނުކުރާ ނަމަ ޓެކްސް ބޮޑުކުރުމަކީ ފޫނެތް ފަޔަށް ފެން ފުރުން ޒާތުގެ ކަމެއް ގޮތުގައި އިނާހް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެއީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން މަލްޓިމީޑިއާ އެޑިޓަރު މުހައްމަދު ނާއިލް ހަފީޒް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރާއިރު އެ ކަމުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާނީ ކޮންކޮން އަސަރުތަކެއްތޯ ވަރަށް ރަނގަޅަށް ބަލަންޖެހޭ ކަމަށެވެ. ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ މުހިންމު ސިނާއަތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާއިލް ވެސް ވަނީ ޚަރަދު ކުޑަކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އިންތިޚާބުތަކާ ދިމާކޮށް ސިޔާސީ ބޭބޭފުޅުން ވަމުން އަންނަ ވައުދުތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓެކްސް ބޮޑުކުރުމާއި އެކަމުގެ ސަބަބުން ނުކުންނާނެ ނަތީޖާތަކާ ގުޅޭ ގޮތުން މި ނޫން ވެސް މުހިންމު ގިނަ ވާހަކަތަކެއް މި ހަފުތާގެ ޕޮޑްކާސްޓްގައި ވަނީ ދައްކައިފައެވެ. މުޅި ޕޮޑްކާސްޓް އައްސަވާލައްވާށެވެ.



More from Sun Online