ބެޓު ކުރުމަކީ ޖުވާ، އެއީ ބަނގުރޫޓުވެ ދަރަނިވެރިވާނެ ކަމެއް"

Fri, 18 Oct 2024 01:21 PM

View on this article on Sun Online

ބެޓު ކުރުމަކީ ޖުވާ، އެއީ ބަނގުރޫޓުވެ ދަރަނިވެރިވާނެ ކަމެއް"

ބެޓު ކުރުމަކީ ވެސް ޖުވާކުޅުން ކަމަށާއި އެ ކަމަކީ އަތްމަތި ދަތިވެ، މީހާ ބަނގުރޫޓުވެ ދަރަނިވެރިވާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާކޮށްދީފިއެވެ.



މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ "ޖުވާކުޅުމަކީ ހަރާމް ކަމެއް"ގެ މައްޗަށެވެ.

ޖުވާއަކީ ދެ މީހަކު ނުވަތަ އެއަށް ވުރެ ގިނަ ބަޔަކު ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ބެހެއްޓި ފައިސާ މޮޅުވާ ފަރާތަށް ދޭން ޝަރުތުކުރެއެވެ. އެއީ، މީސްތަކުންގެ މުދާ ހަރާމް ގޮތުގައި ކެއުމެވެ.

ޚުތުބާގައި ވަނީ މީސްތަކުންގެ މުދާތަކަށް ނުޙައްގުން އަރައިގަތުމަށާއި ބާޠިލު ގޮތުގައި އެ ތަކެތި ކެއުމަށްޓަކައި މިއަދު ތަފާތު ވައްތަރުތަކާއި އާ ގޮތްތައް ހޯދައިފައިވާކަން ފާހަގަކުރައްވާފައެވެ. މިހާރަކަށް އައިސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޖުވާކުޅުން އާންމުވަމުންދާކަމަށް ޚުތުބާގައި ބުންޏެވެ.

"...އޭގެ ތެރޭގައި ޖުވާކުޅޭ ވެބްސައިޓުތަކާއި، ގޭމުތަކާއި، އެޕުތައް ހިމެނޭ. މި ވަބާގެ ޝިކާރައަކަށް ހަރުމީހުންނާއި ޒުވާނުންނާއި ކިޔަވާކުދިން ވެގެން ދާކަމީ ނުހަނު ހިތާމަހުރިކަމެކެވެ. މި ކަންކަމުން ދަރީން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރީން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ،" ޚުތުބާގައި ބުންޏެވެ.

މާތްﷲ ޖުވާ ހަރާމްކުރެއްވީ އެއިން ފަރުދުންނަށާއި މުޖުތަމައަށް ލިބޭ ގެއްލުމާއި އެ ކަމުގައި ހިމެނޭ ފަސާދައިގެ ބޮޑު ކަމުންކަމަށް ޚުތުބާގައި ބުންޏެވެ. ހަމައެއާ އެކު ޖުވާކުޅުމަކީ މާތް ﷲ ހަރާމްކުރައްވައިފައިވާ ބޮޑެތި މުންކަރާތްތަކަށް އަރައިގަތުމަށް ހިތްވަރުދޭ ކަމެކެވެ. ޖުވާކުޅުމުން ލިބޭ ގެއްލުންތަކުގެ ތެރޭގައި:

  • ޖުވާކުޅުމުން ދޭދޭ މީހުންގެ މެދުގައި އަރައިރުންތަކާއި މާރާމާރީތައް ހިނގުމަށް މަގުފަހިވޭ.
  • ޖުވާގެ އަވައިގައި ޖެހި ﷲ ހަނދުމަކުރުން މަތިން ހަނދާންނެތި ނަމާދު އަޅައި ހައްގުތަކާއި ވާޖިބުތައް ދޫކޮށްލެވޭ.
  • ޖުވާ ކުޅުމުގެ ސަބަބުން އަތްމަތި ދަތިވެ، މީހާ ބަނގުރޫޓުވެ ދަރަނިވެރިވޭ.
  • ރިޝްވަތުނެގުމަށް މަގުފަހިވޭ.
  • ދޮގުހެދުމާއި ވައްކަންކުރުމަށް މަގުފަހިވޭ.
  • މަސްތުވާތަކެތީގެ އަޅަކަށްވުމަށް މަގުފަހިވޭ.
  • ޖުވާ ކުޅުމުން ތިމާގެ ލޮބުވެތި އާއިލާ ޚަރާބުވެ ގެދޮރު ގެއްލި އަނބިދަރީން ނިކަމެތިވުމަށް މަގުފަހިވޭ.
  • ނަފުސާނީ މައްސަލަތައް ކުރިމަތިވެ، އަމިއްލަ ފުރާނަ ދުއްވައިލަން މަގުފަހިވޭ.

އިސްލާމިކް މަރުކަޒުގައި ހުކުރު ނަމާދު ކުރުން -- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ޖުވާކުޅުމަކީ ކަންނެތްކަމަށް ގޮވައިލާ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޖުވާކުޅޭ މީހުން އެ ކަން ކުރަނީ ފަސޭހައިން އަވަހަށް މުއްސަނދިވުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް، ހެޔޮ ގޮތަކީ ހަލާލު މަސައްކަތުން ފައިސާ ހޯދައި ލިބޭ މިންވަރުން ފުއްދައިގެން އުޅުން ކަމަށް ޚުތުބާގައި ބުންޏެވެ.

ޖުވާ ކުޅުމުގެ ބާވަތްތަކުގެ ތެރޭގައި ބާޖުމެރުން ނުވަތަ ބެޓުކުރުން ހިމެނެއެވެ. އެކިއެކި މުބާރާތްތަކާއި ރޭސްތައް ބާއްވާއިރު މި ވެނި ޓީމެއް ނުވަތަ މިވެނި ފަރާތެއް މޮޅުވާނެކަމަށް ބުނެ، އެ ޓީމެއް ނުވަތަ އެ ފަރާތެއް ދެރަވެއްޖެނަމަ އޭނާ ބާޖުމެރުމަށް ނުވަތަ ހަރާދުކިޔުމަށް ބެހެއްޓި ފައިސާކޮޅު ގެއްލޭނެއެވެ.

ޚުތުބާގައި ބުނީ، މިއަދު ބައެއް ގައުމުތަކުގައި ޖުވާ ވަނީ ވަރަށް ތަފާތު ސިފަސިފައިގައި ފެތުރިފައި ކަމަށެވެ. އެގޮތުން، ލޮޓަރީއާއި ޖެކްޕޮޓްފަދަ ޖުވާގެ ޒަމާނީ ބާވަތްތައް ހިމެނެއެވެ. އެ ކަމަށްޓަކައި ޚާއްސަ ނާދީތަކާއި މަރުކަޒުތައް ގާއިމުކޮށްފައިވާ ކަމަށް ޚުތުބާގައި ބުންޏެވެ. އެ ތަންތަނަށް މުއްސަނދިންނާއި ފަގީރުން ވަދެ އެ ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް ވެސް ޚުތުބާގައި ފާހަގަކުރިއެވެ.

"...މިފަދަ މުންކަރާތްތަކުގައި ބައިވެރިވުމަށް ދަތުރު ހަދައިގެން ވެސް ދޭ. ޖުވާގެ ނަން ބޭނުންނުކޮށް ރީތި ނަންނަމުގައި އިބިލީހުގެ މި އަނދަވަޅުތައް ކޮންނަމުންދަނީ މުސްލިމުންގެ ދީނީ ޝިއާރުތަކާ ދުރުހެލިކޮށް ޝައިޠާނާގެ އެކުވެރީންނަށް ހެދުމަށްޓަކައި. މީހުންގެ ހިތްތައް ވަނީ މި ޚިޔާލީ ބޮޑު ނަފާގެ ދަޅައިގައި ޖައްސައި އާވާރާކުރުވައިފައި،" ޚުތުބާގައި ބުންޏެވެ.

އަނބިދަރިންނަށް ދެވޭ ތަކެއްޗަކީ ހަލާލު ގޮތުގައި ހޯދައިފައިވާ ތަކެތިކަމުގައި ހަދަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ގޮތުގައި، އަޅާ އޭނާ މުދާ ހޯދީ ކޮންތާކުންތޯއާއި އެ މުދާ ހޭދަކުރީ ކޮންކަމަކުތޯ ސުވާލުވެވިއްޖައުމަށް ދާންދެން ގިޔާމަތް ދުވަހުގައި އޭނާގެ ދެފައި ހުރިތަނުން ގުޑުވާނުލެވޭނެކަމަށް ޚުތުބާގައި ބުނެ، ޖުވާގެ ނުރައްކާ ވަނީ ހަނދާންކޮށްދީފައެވެ.



More from Sun Online