ޔާމީން، ޣައްސާނަށް: ބައްޕާފުޅުގެ ލެގަސީ ހިފަހައްޓަވާ

Fri, 18 Oct 2024 11:11 AM

View on this article on Sun Online

ޔާމީން، ޣައްސާނަށް: ބައްޕާފުޅުގެ ލެގަސީ ހިފަހައްޓަވާ

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަކީ ދިވެހިރާއްޖޭގެ މިނިވަންކަން ރައްކާތެރި ކުރެެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތައް ކުރެއްވި ބޭފުޅެއް ކަމަށާއި، ބައްޕާފުޅު ގައުމުގެ ހައްގުގައި ކުރެއްވި ޚިދުމަތްތަކަށް އިހުތިރާމުކުރާނަމަ، "ހަޑި ނުހާވާ" މަގާމުން އިސްތިއުފާ ދެއްވުމަށް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރޭ ގޮވާލައްވައިފިއެވެ.



ޣައްސާންގެ ބޮޑުބޭބޭފުޅު ޔާމީން، ޣައްސާނަށް އެފަދައިން ގޮވާލެއްވީ ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވީ، ރައީސް މައުމޫނަކީ ގައުމަށް ދިގު މުއްދަތަކަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާ ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެގޮތުން، އެ މަނިކުފާނު އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގަތީ ގައުމުގެ މިނިވަންކަން ރައްކާތެރިކުރަން ކަމަށް ޔާމީން ވިދާޅުވިއެވެ.

ނަމަވެސް، މައުމޫންގެ ދަރިކަލުން، ޣައްސާން މިއަދު ޑިފެންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ދައްކަމުން ދަނީ އެހެން މަންޒަރެއް ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު، ޣައްސާން ލައްވާ، ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދައިން މަސައްކަތްކުރައްވާ ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވިއެވެ.

އެއީ، ޔާމީންގެ ބޭބޭފުޅު މައުމޫނު ގަބޫލުވެވަޑައިނުގަންނަވާނެ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

2013 ގެ ރިޔާސީ އިންތިޚާބު ތެރޭގެ ފޮޓޯއެއް: ކުރީގެ ރައީސް މައުމޫނާ އެކު ޔާމިނާއި (ވ) ރަނިންމޭޓު ޖަމީލު (ކ)-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"...ޣައްސާންގެ ބޮޑު ބޭބެއެއްގެ ހައިސިއްޔަތުން ޚުދު އަޅުގަނޑު ވެސް ގަބޫލުފުޅެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ބައްޕާފުޅުގެ ގުރުބާނީގެ 'ލެގަސީ' ދަމަހައްޓަން ޣައްސާން ބޭނުންވާނަމަ، ހިތްވަރުކުރައްވާ މަގާމުން އިސްތިއުފާދެއްވަން ޔާމީން، ޣައްސާނަށް ގޮވާލެއްވިއެވެ.

"...ރައީސް މައުމޫނަކީ ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް. ހަޑިހާވަން ނޫޅުއްވާ ޣައްސާން ފިރިހެނަކަށް ވަންޏާ އިސްތިއުފާ ދެއްވާ ވަޑައިގަންނަވާ،" ޔާމީން ގޮވާލެއްވިއެވެ.

ޔާމީން އެފަދައިން ވާހަކަދައްކަވާފައިވަނީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު މިހާރު އޮތީ ވެރިކަމަށް އައުމުގެ ކުރިން ވެރިންގެ ވާހަކަތައް ހުރި ގޮތާއި ދިމާ އިދިކޮޅަށް ކަމަށް ވިދާޅުވެއެވެ. އެގޮތުން، ހަރުއަޑުން 'އިންޑިއާ އައުޓް' ގޮވަމުން އައިސް މިއަދު އެ މަންޒަރު އެއްކޮށް ސާފުވެއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރީގެ އެމްޑީޕީ ސަރުކާރާ ދިމާލަށް އިންޑިއާ ސިފައިން ގައުމުން ބޭރުކުރަން ގޮވާލައި 'އިންޑިއާ އައުޓް' އަށް ގޮވާލި މީހުންނަށް މިއަދު އެމްޑީޕީ ސަރުކާރު މީހުން އެދަނީ ހަމަ އެގޮތަށް ފާޑުވިދާޅުވަމުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން މިދިޔަ ސަރުކާރަށްވުރެ މި ސަރުކާރު މާ ގޯސްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އޭގެ އެއް މިސާލަކީ އުތުރުތިލަފަޅުގެ މިސާލު ކަމަށް ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޕީއެންއެފްގެ ޖަލްސާގައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އެ ސަރުކާރުގެ އެކިއެކި އިސް މަގާމުތައް ޔާމީން ފުރުއްވެވިއެވެ. އޭގެ ފަހުން، ޕީޕީއެމް 2011 ވަނަ އަހަރު ފުރަތަމަ އުފެއްދިއިރު އެ ޕާޓީގެ އެންމެ އިސް ލީޑަރަކަށް ހުންނެވީ މައުމޫނެވެ. ޔާމީނާއި ދެބެއިން އޭރު މަސައްކަތްކުރެއްވީ ވަރަށް އެކުއެކީގައެވެ.

އެހެންނަމަވެސް، ޔާމީން 2013 ގައި ވެރިކަމަށް ވަޑައިގަތުމަށް ފަހު، އެ ސަރުކާރުގެ ވަކި ހިސާބަކުން މައުމޫނާއި ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ. އޭގެ ފަހުން ޔާމީންގެ ވެރިކަމުގައި ދިގުމުއްދަތަކަށް މައުމޫން ޖަލަށް ވެސް ލިއެވެ. މައުމޫން ފަހުން 2018 ވަނަ އަހަރުގެ އިންތިޚާބުގައި މަސައްކަތްކުރެއްވީ އެމްޑީޕީއާ އެކުގައެވެ. އޭގެ ފަހުން ދެ ބޭފުޅުން އެކުގައި ފެނިފައެއް ނުވެއެވެ. މައުމޫން މިހާރު ސިޔާސީ މަސައްކަތުގައި ވެސް ނޫޅުއްވައެވެ.

ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަނުކުރެއްވުނީ ޖަލު ހުކުމެއްގެ ސަބަބުންނެވެ. ބަދަލުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރެއްވީ ރައީސް މުއިއްޒެވެ. އެކަމަކު، މި ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އަމިއްލަފުޅު ޕާޓީއެއް ހައްދަވައިފައެވެ.

އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.



More from Sun Online