ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ފަށަނީ

Fri, 18 Oct 2024 12:34 PM

View on this article on Sun Online

ހުޅުމާލޭގައި ބައިކް ޝެއަރިން ސްކީމެއް ފަށަނީ

ހުޅުމާލޭގައި "ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓް"ގެ ނަމުގައި ބައިކް ޝެއަރިން ސްކީމެއް ފަށަން ތައްޔާރުވެފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ.



ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި ސަރުކާރުން ކުރާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެގޮތުން، ހުޅުމާލޭގައި އެ ސްކީމް ފެށުމަށް ކުރަން ޖެހޭ ދިރާސާތައްކޮށް ނިމިފައިވާ ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި، އެ ސްކީމަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގު އިބްރާހިމް ވާހަކަދައްކަވަނީ -- ފޮޓޯ/ ސަން

ތޯރިގު ވިދާޅުވި ގޮތުގައި މި ސްކީމްގައި 100 ބެޓެރި ބައިސްކަލް ބޭނުންކުރާނެއެވެ. އަދި، މި ބައިސްކަލްތައް ސޯލާ ހަކަތައިން ޗާޖުކުރެވޭގޮތަށް، ސޯލާ ޗާޖިން ސްޓޭޝަންތައް ވެސް ހުޅުމާލޭގައި ގާއިމްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"...މި މަސައްކަތަކީ ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކޮށް، ސަރުކާރުން ތެލަށް ބަރޯސާވުން ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް،" އޭނާ ވިދާޅުވިއެވެ.

"ވަރަށް އަވަހަށް މި ބައިސްކަލްތައް ގެނައުމުގެ ޕްރޮގްރާމްގައި އެޗްޑީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރާނަން،"

ބައިކް ޝެއަރިން ސްކީމަކީ މިހާރު ވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބުކަމާ އެކު ހިންގާ ސްކީމެކެވެ.

ރާއްޖެއިން ތެލަށް ބާރޯސާވާ ވަރު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ހަތަރު އަހަރުތެރޭ، ރާއްޖޭގައި އުފައްދާ ހަކަަތައިގެ ނިސްބަތުގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އެގޮތުން، އިއާދަކުރަނިވި ހަކަތައިގެ ވިޔަފާރިއަކީ ރާއްޖޭގައި ފައިދާ ބޮޑު ވިޔަފާރިއަކަށް ވާނެ ކަމަށް ވިދާޅުވެ، އެ ދާއިރާއިން ރާއްޖޭގައި އިންވެސްޓުކުރުމަށް ރައީސް ވަނީ ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް ވެސް ގޮވައިލައްވާފައެވެ.



More from Sun Online