ނުގަވައިދުން އުމްރާއަށް ގެންދާތީ މިނިސްޓްރީން ޕޮލިހަށް

Wed, 17 Apr 2024 11:47 AM

View on this article on Sun Online

ނުގަވައިދުން އުމްރާއަށް ގެންދާތީ މިނިސްޓްރީން ޕޮލިހަށް

އުސޫލާ ޚިލާފަށް މީހުން އުމްރާއަށް ގެންދާތީ އެ މައްސަލަ ތަހުގީގު ކުރަން ޕޮލިހަށް ހުށަހަޅުއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.



ދިވެހި އަމިއްލަ ކުންފުންޏެއްގެ ހަވާލުގައި އުމްރާއަށް ދިޔަ ދިވެހީންތަކެއް މައްކާގައި ތާށިވި މައްސަލައެއް މިހާރު ވެސް ވަނީ ފެންމަތިވައެވެ. އަދި ދޭތެރެދޭތެރެއިން މިފަދަ ކަންކަން ހިނގައެވެ.

މިކަމާއި ގުޅިގެން މިއަދު ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމާ ގުޅޭގޮތުން ރާއްޖޭގައި އަމަލު ކުރާ ރަސްމީ އުސޫލާ ޚިލާފަށް މީހުން އަތުން ލާރި ނަގައިގެން އެއަށް ބައެއް ޖަމާއަތްތަކުން އިހުމާލު ވަމުންދާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން މިއަދު ޕޮލިހަށް ހުށަަހަޅުއްވާނެ ކަމަށްވެސް މިނިސްޓަރުގެ އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހުވެސް ވަޒީރު ވަނީ އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދާ މީހުން އެގެންދާ ޖަމާއަތަކަކީ, އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްތޯ ކަށަވަރު ކުރުމަށްވެސް އިލްތިމާސް ކުރައްވައިފައެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ލަނޑު ލިބިފައި އެބަހުއްޓެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވިފައިވާ ކުންފުނިތަކުގެ ލިސްޓުވަނީ އާންމުކޮށްފައެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ޖުމްލަ 50 ކުންފުންޏަކަށް ދީފައިވާއިރު، ހަތަރު ކުންފުންޏެއްގެ ހުއްދަ މިދިޔަ މަހަށް އޮތީ ހަމަވެފައެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނަމުގައި މަކަރުހަދައި އޮޅުވާލާ ކުންފުނިތަކުގެ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވެއެެވެ. އެހެންވެ މި ފަހުން ސަރުކާރުން ނިންމާފައި ވަނީ ރާއްޖޭން މީހުން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެކަނި ކަމަށެވެ.



More from Sun Online