ރިހެބިލިޓޭޓްކުރާ ކުދިން 18އަހަރު ވުމުން ޕޮލިސް ޚިދުމަތަށް

Tue, 30 Apr 2024 12:29 AM

View on this article on Sun Online

ރިހެބިލިޓޭޓްކުރާ ކުދިން 18އަހަރު ވުމުން ޕޮލިސް ޚިދުމަތަށް

ކުށްކުރުމުގެ ސަބަބުން ރިހެބިލިޓޭޓް ކުރަން ދައުލަތަށް ނަގާ ކުދިން 18 އަހަރުވުމުން ދިވެހި ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތް ކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލަން ވިސްނާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



މި ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހުސާނު ވިދާޅުވީ، ކުށްކުރުމުން އެ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން މި ސަރުކާރުން ނިންމީ 15 އަހަރުން ދަށުގެ ކުދިން މެދުވެރިކޮށް ވެސް ކުށް ކުރުވުމުގެ މައްސަލަތައް ފެންމަތިވާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އުމުރުން 12 އަހަރުން މައްޗަށްދާ ކުދިން ކުށުގެ ޒިންމާ ނަގަންޖެހޭ ގޮތަށް ބަދަލުކޮށްފައި، އެ ޒިންމާ ނެގުމަކީ ޖެހިގެން އަންނަ ދުވަހު އެކުއްޖާ ރިހިބިލިޓޭޓް ކުރުމުގެ މަަސައްކަތް ފެށުން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު މިނިސްޓްރީން ކުރާ މަަސައްކަތަކީ މިފަދަ ކުދިން ރިހެބިލިޓޭޓް ކުރުމަށް ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ. މި ޚިދުމަތް ދޭން ގަސްތުކުރަނީ ރަށެއްގެ ސިފައިގައި ކަމަށާއި އެރަަށަށް ކުދިން ގެންގޮސް ކުދިން ތަރުބިއްޔަތު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެކުދިންގެ އުމުރާ ގުޅޭ ތައުލީމާއި، އަސާސީ ތައުލީމު އަދި ދީނީ އިލްމާއި ސްކިލް ޑިވެލޮޕްމަންޓް ވެސް އުގަންނައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކުދިން ލޯންގްޓާމް ކެއާ ފެސިލިޓީގައި 18 އަހަރު ވަންދެއް ގެންގުޅޭނީ އާއިލާއާ ގުޅުން ބަދަހިކޮށް ކަމަށެވެ.

"އަށާރަ އަހަރުވުމަށް ފަހު އެކުދިންނަކީ ސިފައިގެން ނުވަތަ ފުލުހުންގެ ޚިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅަން. އެއަށްފަހު ފަސް ވަރަކަށް އަހަރު ޚިދުމަތުގައި ތިބެފައި ދެން އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސްގެ މި ސިޔާސަތުގެ ދަށުން ކަންކަން ކުރެވިއްޖެ ނަމަ، ގޭންގުތަކާ ގުޅޭ ކުޑަކުދިންނާއި މަގުމަތީ އުޅޭ ކުދިން އަދި ކުށްކުރާ ކުޑަކުދިން މަދުވާނެ ކަމަށެވެ.

މި ސަރުކާރުގެ ވިސްނުމަކީ، ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދަށްކުރުން ކަމަށް އިހުސާން ވިދާޅުވީ މި މަހުގެ ހަޔެއްގައެވެ. އެއީ އއ. ރަސްދޫގައި ތަރާވީހް ނަމާދު ވަގުތު މިސްކިތުގައި ކުޑަ ކުއްޖަކަށް އަނިޔާކޮށް ބުލީކުރާ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ކުއްޖާއަށް ބުލީ ކުރާ މަންޒަރު ފެންނަ ވީޑިއޯއިން، އެ ކުއްޖާ ގައިގައި ތަޅާ އަނިޔާކޮށް ކުއްޖާގެ އަތުގައި އޮތް ފެންފުޅިއެއް ކުއްޖާގެ ބޮލަށް އޮއްސާލާ މަންޒަރު ފެނެއެވެ.

އެ މައްސަލައިގައި ޝާމިލުވަނީ 13 އަހަރާއި 14 އަހަރުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

މީގެ އިތުރުން އިހުސާން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މުޅި ރާއްޖޭގައި ކުށްކުރާ 200އެއްހާ ކުދިން ތިބި ރެކޯޑްތަކުން ދައްކައެވެ.

https://sun.mv/190637

އެފަދަ ކުދިންނަށް ދިގު މުއްދަތަކަށް އަޅާލާ ކެއާ ފެސިލިޓީއެއް ގާއިމުކުރުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށާއި އެގޮތުން އެ ފެސިލިޓީއަކީ މުޖުތަމައުގައި ބައިތިއްބައިގެން ފަރުވާ ނުދެވިދާނެ ކަމަށް ބެލެވޭ ކުދިން ދިގު މުއްދަތަކަށް މުޖުތަމައުއިން އެކަހެރިކޮށް ސަރުކާރުގެ ބެލުމުގެ ދަށުން ފަރުވާ ދޭނެ ފެސިލިޓީއަކަށް ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.



More from Sun Online