މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ

Sat, 27 Apr 2024 06:56 PM

View on this article on Raajje.mv

މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީއަށް ކިތަންމެ މަދުން ގޮނޑި ކާމިޔާބުކުރެވުނުނަމަވެސް ސަރުކާރު ޖަވާބު ދާރީކުރުވުމުގައި މަޖިލީހުގެ ތެރެއިންނާއި ބޭރުން އެމްޑީޕީން މަސައްކަތްކުރަމުން ގެންދާނެކަމަށާއި އެކަމަށް ކުޑަވެސް ފަސްޖެހުމެއް ނާންނާނެކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ (ޑރ ޑީޑީ) ވިދާޅުވެއްޖެއެވެ.



ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑީޑީ ވިދާޅުވީ އިންތިޚާބުތަކުން ނާކާމިޔާބީ އާ ދިމާވުމަކީ އެމްޑީޕީއަށް އައު ކަމެއް ނޫންކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެމްބަރުންގެ އަދަދު މަދުވެފައިވުމަކީވެސް އެ ޕާޓީއަށް އަލަށް ކުރިމަތިވެފައިވާކަމެއް ނޫންކަމަށެވެ.

އެގޮތުން އައު ޤާނޫނު އަސާސީ އިސްލާހުކުރުމަށް އެކުލަވާލި ޚާއްސަ މަޖިލީހާއި ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމްގެ ވެރިކަމުގައި އެންމެ ފަހުން އެކުލަވާލި މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރި މެމްބަރުންގެ އަދަދު މަދުކަމަށް ޑީޑީ ވިދާޅުވިއެވެ. ނަމަވެސް އޭރުގައި އައު ޤާނޫނު އަސާސީ އިސްލާހުކުރެވިގެންދިޔައީ އެމްޑީޕީގެ މަދު މެމްބަރުންނާއެކު އެމްޑީޕީގެ ބަސްވެސް އޭގައި ހިމެނިގެންކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރު ގެ ވެރިކަން ނިމިގެންދިޔައިރު ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވާ 10 ވަރަކަށް މެމްބަރުން ތިއްބެވީ. އެހެންނަމަވެސް އޭރު ގާނޫނު އަސާސީ އިސްލާހުކުރެވުނުއިރުވެސް އަޅުގަނޑުމެންގެ މަދު މެމްބަރުން ތިބެގެންވެސް އަޅުގަނޑުމެން ގެންނަން ބޭނުންވި ބޮޑެތި އިސްލާހުތަކެއް ގެނެސް ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލުކުރެވުނީވެސް ހަމަ އަޅުގަނޑުމެން ޕާޓީން ކުރި ބުރަ މސައްކަތުން ނޫޏްތޯ، އެއްގޮތަކަށްވެސް އަޅުގަނޑުމެން ޕާޓީން މަޖިލިސް މެންބަރުން މަދޭ ކިޔާފައި އަޅުގަނޑުމެންގެ އަޑެއް މަޑެއް ނުކުރެވޭނެ އިރާދަކުރެއްވިއްޔާ. މި ޕާޓީގައި ވަރަށް ހިތްވަރުގަދަ ކުޅާދާނަ ތައުލީމީ ބޭފުޅުން އެބަތިއްބެވި. އެބޭފުޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާން ފެށީމަ ސަރުކާރު ޖަވާބު ދާރީކުރުވުމުގެ ކަންކަން ކުރިޔަށްދާނެ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ

ޑރ ޑީޑީ އިތުރަށް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ފަހަތަށް ނުޖެހޭނެކަމަށާއި އެމްޑީޕީ އަކީ އެއަށްވުރެ ޒިންމާދާރު ހިންގުންތެރި ޕާޓީއެއްކަމަށެވެ. އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަން އެއީ ތާރީޚުން ފެންނަން އޮތް ހަގީގަތެއްކަމަށާއި ހަރަކާތްތަކަށް ބެލިއަސް ރައްޔިތުންނަށް ކޮށްދީފައިވާ ޚިދުމަތްތަކަށް ބެލިއަސް އެކަން ފެންނަން އޮންނާނެކަމަށް ޑރ ޑީޑީ ވިދާޅުވިއެވެ.

މިއަދާ ހަމައަށް އައިއިރު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާނޫނެއްގެ ތެރެއިން ކަށަވަރުކޮށްދީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކޮށްދީފައި އޮތީ އެމްޑީޕީ ސަރުކާރުތަކުގައި. އެއީ ފޮތް ލިސްޓް ހިލޭކުރުންވިޔަސް، އެކަނިވެރި މައިންނަށް އިނާޔަތް ދިނުން ވިއަސް، އުމުރުން 65 އަހަރުން މަތީ މީހުންނަށް އިނާޔަތް ދިނަސް، އާސަންދަ ކަމަށްވިޔަސް، ހިލޭ ޑިގްރީކަމަށްވިޔަސް މިހެން ކިޔާނެ ކަމެއްނެތް މި ލިސްޓް ވަރަށް ދިގު. ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ކަށަވަރުކޮށްދީފައިވަނީ އެމްޑީޕީ
އެމްޑީޕީގެ ކުރީގެ ރައީސް ޑރ އިބްރާހީމް ދީދީ

ޑރ ޑީޑީ ވިދާޅުވީ އެމްޑީޕީ އަކީ އޮޕަޒިޝަންގައި އޮވެ ރަނގަޅު މަސައްކަތްތަކެއް މީގެ ކުރިންވެސް ކޮށްފައިވާ ޕާޓީއެއްކަމަށެވެ. އަދި ނިމިގެންދިޔަ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީ އާ ކުރިމަތިވީ ރަނގަޅަށް ކެމްޕެއިން ނުކުރެވިގެންކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ޑީޑީ ވިދާޅުވިއެވެ.

ނަމަވެސް ރައްޔިތުން ވޯޓު ދިނީ އެރައްޔިތުން ނިސްބަތްވާ ރަށްރަށުގެ ތަރައްގީއަށްކަމަށާއި މީގެކުރިން އައި ޕީޕީއެމް ސަރުކާރުގައިވެސް ސަރުކާރަށް މަޖިލީހުން ގޮނޑި ލިބިފައި ނެތް ދާއިރާތަކަށް އޭރުގެ ސަރުކާރުން އަޅާލާފައިނުވާކަމަށް ޑީޑީ ވިދާޅުވިއެވެ. އެހެންކަމުން މިފަހަރުގެ ނިންމުން ރައްޔިތުން ނިންމުމުގައި މިކަމަށް ވިސްނާފައިވާކަމަށާއި ރައްޔިތުން ބޭނުންވީ ތަރައްގީގެ މަޝްރޫޢުތައް ނުހުއްޓި ކުރިޔަށްގެންދިޔުމަށްކަމަށް ޑީޑީ ވިދާޅުވިއެވެ.

ކެމްޕެއިން ތެރޭގައިވެސް މިސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކައަކީ އެރަށްރަށުގައި ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔުމަށް މަޖިލީހުގެ މެޖޯރިޓީ ދިނުމަށްކަމަށާއި ރައްޔިތުން މިވަނީ ސަރުކާރަށް ސުޕަރމެޖޯރިޓީ ދީފައިކަމަށް ޑީޑީ ވިދާޅުވިއެވެ. އެހެންކަމުން މިހާރު މަޝްރޫޢުތައް ހުއްޓެންޖެހޭ ސަބަބެއް ނެތްކަމަށް ޑީޑީ ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ހުރިހާ ވައުދުތަކެއް މިހާރު ފުއްދެން ޖެހޭނެކަމަށް ޑީޑީ ވިދާޅުވިއެވެ.



More from Raajje.mv