ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

Fri, 10 May 2024 12:28 PM

View on this article on Raajje.mv

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދެނީ

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޒަކާތު ހައުސްއިން އެއްލައްކަ ޑޮލަރު ދިނުމަށް ނިންމައިފިއެވެ.



އިސްލާމިކް މިނިސްޓްރީގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ހައުސްއިން ފަލަސްތީނުގެ ގައްޒާ ރައްޔިތުންނަށް އެހީގެ ގޮތުގައި އެއްލައްކަ ޑޮލަރު ދިނުމަށް ނިންމައި އެމަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން އެހީ ފޯރުކޮށްދިނުމަށް ގަތަރުގެ ރެޑްކްރޮސެންޓާއެކު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. އަދި މިހާރު އޮތީ ފައިސާ ޓްރާންސްފަރ ކުރުމުގެ މަރުހަލާގައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ރަސްމީކޮށް އެއޮންނަ މިންގަނޑުގެ ތެރެއިން އެއޮންނަ އުސޫލުގެ ތެރެއިން ކުރިއަށްދަނީ. އިންސާނީ ކާބޯތަކެއްޗަށް އިންސާނީ އެހީގެ ގޮތުގައި ފޯރުކޮށްދެވޭ އެހީއެއްގެ ގޮތުގައި. މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރާއިން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު. އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައިނުވާނަމަ. އެހެންވީމަ އެއީ ވަރަށް ރަނގަޅު ފިޔަވަޅެއް. އޭގެ މާނައަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ޒަކާތު ހައުސް ކުރިއަށް މިދަނީ ވަރަށް ރަނގަޅު މަގަކުންކަން އިންސާނީ އެހީތެރިކަމާއި އިސްލާމީ އަހުވަތްތެރިކަމާއި ހުރިހާ ގޮތަކުން ވެސް ރިޔާއަތް ކުރެވިގެންކަން. އެހެންވީމަ ދިވެހި ރައްޔިތުންގެ ފައިސާ އަމާނާތްތެރިކަމާއެކު އޭގެ ހައްގުވެރިންނަށް އިރާދަކުރެއްވިއްޔާ ޖަމާކޮށްދޭނަން.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމާއި ގުޅޭގޮތުން ވެސް މިނިސްޓަރު ޝަހީމް ވަނީ ވާހަކަ ދައްކަވާފައެވެ. މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ނިޒާމު ހަރަދަނާ ކުރުމުގެ މަސައްކަތައް ކުރަމުންދާ ކަމަށާއި، އެނިޒާމުގެ ތެރެއިން ވައްކަން ނުކުރެވޭނެ ކަމަށެވެ. ބައެއް މީހުން ސިޔާސީ މަންފާއެއް ހާސިލްކުރުމަށް އެނިޒާމާމެދު ސުވާލު އެފެއްދި ނަމަވެސް ޒަކާތުގެ ނިޒާމު ފަރުމާކުރެވި ތަރުތީބު ކުރެވިފައިވަނީ ވައްކަން ކުރެވޭ ގޮތަށް ނޫން ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިގެ އިތުރުން މިނިސްޓަރު ޝަހީމް ވަނީ ވިޔަފާރިވެރިން ޒަކާތް ދެއްކުމަށް އެދިވަޑައިގެންފައެވެ. އަދި އެއީ މުދަލުގައި ބަރަކާތްލައްވާ ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.



More from Raajje.mv