ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

Thu, 25 Apr 2024 11:50 AM

View on this article on Raajje.mv

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.



ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 2 މެއި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ށް އިތުރުކޮށްފައިވާ ކަމަށެވެ.

މިއަހަރު ފުރަތަމަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 29 ފެބްރުއަރީ 2024ން 25 އޭޕްރީލް 2024 ށެވެ.

ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލަފައިވަނީ 500 ފުރުސަތެވެ.

ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ މި ހުޅުވާލެވުނު ފުރުސަތާއެކު ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިވާނެކަމަށެވެ.

މިފަހަރު ހުޅުވާލެވޭ ލޯނު ސްކީމުގައި ނުކުޅެދުންތެރިކަން ހުރި ކުދިންނަށް ޚާއްސަކުރެވިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ މި ސްކީމަކީ ވަރަށް އިންކްލޫސިވްކޮށް ހުޅުވިގެންދާ ފުރުސަތެއްކަމަށެވެ. އަދި މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހުޅުވާލެވޭ މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ މިކަމަށް ދެވޭ ޚަރަދުތަކަކީ ކުދިންގެ ޚާއްސަ ބޭނުންތަކަށް ރިއާޔަތްކޮށް ދެވޭ ޚަރަދުތަކަކަށް ނުވާތީކަމަށްވެސް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

އޭގެ ސަބަބުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަން ނުލިބި، އެހެން ކުދިންނާ އެއްވަރަށް ތަޢުލީމު ހާސިލްކުރުމަށް މަގުފަހިކޮށް ނުދެވޭ ކަމަށެވެ. އެހެންކަމުން މިފަހަރު މި ހުޅުވާލާ ފުރުސަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށް އެކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމަށް ރިޔާއަތްކޮށް ޚަރަދު ހަމަޖައްސައިދޭނެ ކަަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު މިފަހަރުގެ ސްކީމުގައި ސަރުކާރުގެ ސިޔާސަތުގެ ދަށުން އިގުތިސާދު އާރޯކުރެވޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާކުރުމަށް އިސްކަން ދެވިފައި ވާނެކަމަށާއި، ދިވެހިން މަދު، ފަންނީ ދާއިރާތަކުންވެސް ތަމްރީނު ދިނުމަށް ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.



More from Raajje.mv