ޤާނޫނީ ޒިންމާ އަދާކުރަން އިންތިޚާބީ މެންބަރު އިމްރާން އެޅީ ހުރަސް: އަދާލަތު

Sat, 04 May 2024 11:15 PM

View on this article on Raajje.mv

ޤާނޫނީ ޒިންމާ އަދާކުރަން އިންތިޚާބީ މެންބަރު އިމްރާން އެޅީ ހުރަސް: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ދަތުރުކުރެއްވި ކާރުގައި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅުވާ ހެންވަރޫ ދެކުނު ދައިރާއަށް އިންތިހާބުވި މެންބަރު އިމްރާން ލަތީފް ޝެއިޚް އިމްރާނަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށްފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.



ޝެއިހް އިމްރާން އަބްދުﷲ ދުއްވާ ކާރުގައި ޕިކަޕަކުން ޖެހުނު މީހާ އާއި އިމްރާން ލަތީފް ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯގައި އިމްރާން ލަތީފު ބުނަމުން ގެންދަނީ އެމީހާއަށްް މައާފުކޮށްދިނުމަށް ޝެއިހް އިމްރާން ކައިރިން އެދޭ ކަމަށެވެ. އަދި އެކަން ނުކުރައްވާނަމަ ކާރު ހަދަން ދާ ހަރަދު އޭނާ ދޭނެ ކަމަށެވެ. 

މިކަމާއި ގުޅިގެން އަދާލަތު ޕާޓީން ބުނީ ޝެއިހް އިމްރާންގެ ކާރުގައި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގުމުން ޝެއިހް އިމްރާނާއި ޕިކަޕް ޑްރައިވަރު މަޑުކޮށްގެން ތިިއްބެވީ ފުލުހުން އެތަނަށް އަންނަންދެން ކަމަށެވެ. އެހެންނަމަވެސް އެތަނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރު އިމްރާން ލަތީފް ހާޒިރުވެ ޝެއިހް އިމްރާނާއި ޑްރައިވަރު ފަޟީހަތް ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. 

ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝެއިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އަދާލަތު ޕާޓީން ކުށްވެރިކުރާކަމަށް އެޕާޓީން ބުނެއެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމަށް އަދާލަތު ޕާޓީން ބުނެއެވެ.

އަދި އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންގެ ކިބައިން ވެސް އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުކުރެވޭ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫންކަމަށް ވެސް އަދާލަތު ޕާޓީން ބުނެއެވެ.



More from Raajje.mv