އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ މީހާ ހައްޔަރުކޮށްފި

Sat, 04 May 2024 09:32 PM

View on this article on Raajje.mv

އަންހެން ހެދުން އަޅައިގެން ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ މީހާ ހައްޔަރުކޮށްފި

އަންހެން ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކޯޓު އަމުރެއްގެ ދަށުން ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ފުލުހުން ހުކުރު ދުވަހު ބުނެފައިވަނީ ޓިކްޓޮކްގައި އާންމު އަހުލާގީ މިންގަނޑުތަކާއި ހިލާފަށް ބަރަހަނާ ވީޑިއޯތައް އާންމު ކުރަމުންދާ މައްސަލާގައި އަނެއްކާވެސް މުހައްމަދު ނަބީލް (ޔާޔާ ނަބީލް) ގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

މިމައްސަލާގައި 22 ސެޕްޓަންބަރު 2022 ގައި ނަބީލް މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އަނެއްކާ ވެސް މިނިވަންވުމަށްފަހު އޭނާ ދަނީ ޓިކްޓޮކްގެ އޭނާގެ އެކައުންޓުގައި ނިވައިކަން ކުޑަ އަންހެން ހެނދުން ލައިގެން ވީޑިއޯ ކުޅެމުންނެވެ.

މިމައްސަލަ ނުބަލާތީ އާއްމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަން ފެށުމުން ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޓިކްޓޮކް އެކައުންޓް އަޕްލޯޑްކޮށްފައިވާ ވީޑިއޯތަކާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ވެސް ނަބީލުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއް ދައުވާއަކީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވުމުން އޭނާ އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. ދެވަނަ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މިދައުވާ ސާބިތުވުމާއި ގުޅިގެން އެއް މަހާއި 06 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ.



More from Raajje.mv