އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ

Fri, 19 Apr 2024 02:50 PM

View on this article on Raajje.mv

އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ

ހޮވުނު ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފިއެވެ.



ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރި-އިލެކްޝަން މަރުހަލާ މޮނިޓަރކުރުމުގެ މަސައްކަތުގެ ތެރެއިން ކަމާ ގުޅުންހުރި އިދާރާތަކާއި ފަރާތްތަކާ ބައްދަލުކުރުމާއި އާންމުންގެ ޚިޔާލު ހޯދުމުގެ އިތުރުން މީޑިއާ މޮނިޓަރކޮށް މައުލޫމާތު އެއްކޮށް ފާހަގަ ކުރެވުނު ކަންތައްތަކާއި ހަރުދަނާކުރުމަށް ފެންނަ ކަންކަމުގެ މައްޗަށް ހުށަހެޅުންތަކެއް ހިމެނޭހެން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވަނީ، ޕާޓީއެއްގެ ފަރާތުން ރައްޔިތުން ތަމްސީލުކުރަން މަޖިލީހަށް އިންތިޚާބުވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ގޮތުގައި އިންތިޚާބުވާ ފަރާތްތަކުން އެމީހެއް ހޮވުނު ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށެވެ.

މި ސަރވޭގެ ބައިވެރިންގެ 73 އިންސައްތަ މީހުން އެގޮތަށް ގަބޫލުކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ. އަދި މި ނިޒާމީ މައްސަލަ ފާހަގަކޮށް އެންޓި-ޑިފެކްޝަން ޤާނޫނެއް ތަސްދީޤު ކުރެވިފައިވުމަކީ ރައްޔިތުން ބޭނުންވާ ބަދަލު ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ދެކޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ތަސްދީގުކޮށްފައިވާ އެންޓި-ޑިފެކްޝަން ގާނޫނަކީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގާނޫނެކެވެ.

އެންޓި-ޑިފެކްޝަން ޤާނޫނަކީ، ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި، އިންތިޚާބުވި ޕާޓީގެ މެންބަރުކަމުން އެ މީހަކު ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، ނުވަތަ އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މެންބަރަކު އެ މީހަކު އިންތިޚާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެފަދަ މެންބަރެއްގެ ގޮނޑިއާމެދު ޢަމަލުކުރާނޭ ގޮތް ކަނޑައެޅުމާއެކު، އެފަދައިން ގޮނޑި ހުސްވާ ޙާލަތްތަކުގައި ބައި-އިލެކްޝަން ބޭއްވުމާގުޅޭ އުޞޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ޤާއިމުކޮށްފައިވާ ސިޓީ ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި، ރަށު ކައުންސިލްތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ އިންތިޚާބުކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.

ހަމަ އެއާއެކު، މި ޤާނޫނުގެ ދަށުން މެންބަރެއްގެ ގޮނޑި ހުސްވާ ޙާލަތްތަކުގައި ގޮނޑި ހުސްވި ދާއިރާއެއްގެ ބައި-އިލެކްޝަން ބޭއްވުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމާއެކު، ބައި-އިލެކްޝަން ބޭއްވުމުގައި ޢަމަލުކުރާނެ އިޖުރާއަތުތައް ބަޔާންކޮށްފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި މެންބަރުކަމުން އިސްތިޢުފާ ދޭ ނުވަތަ ވަކިވާ މެންބަރުންނަށް ބައި-އިލެކްޝަންގައި ބައިވެރިވުމުގެ ޙައްޤު ލިބިދިނުން ހިމެނެއެވެ.



More from Raajje.mv