ވޯކް ޕާމިޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން: މިނިސްޓަރު

Thu, 02 May 2024 02:30 PM

View on this article on Raajje.mv

ވޯކް ޕާމިޓްގެ ދަށުން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން: މިނިސްޓަރު

ވޯކް ޕާމިޓްގެ ދަށުން މަސައްކަތް ކުރާ މީހުންގެ ތެރެއިން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.



ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިހްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ރާއްޖޭގައި އުޅޭ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށެވެ. ނަމަވެސް ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރެވިއްޖެނަމަ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މިމައްސަލައަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އެއް އަހަރުގެ ތެރޭގައި އެމީހުންގެ އައިޑެންޓިޓީ ގާއިމްކުރުމަށްފަހު، ދެ އަހަރުގެ ތެރޭގައި އެމީހެއްގެ އަތުގައި ރަސްމީ ލިޔެކިއުމެއް ނެތި ސިސްޓަމްއަށް ނުގެނެވޭ މީހުން ޑީޕޯޓުކުރާނެ ކަމަށެވެ.

ރާއްޖެއަށް އެތެރެވާ އެންމެންގެ މައުލޫމާތު ސިސްޓަމްގައި ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު އިހްސާން ވިދާޅުވީ އެކްޓިވް ވޯކް ޕާމިޓްގެ ގޮތުގައި ސިސްޓަމްއިން ދައްކާގޮތުން ގަވާއިދުން ފައިސާ ދައްކަމުންދަނީ ގާތްގަނޑަކަށް 30 އިންސައްތަ މީހުން ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު އިހްސާން ވިދާޅުވީ ގަވާއިދުގެ ތެރެއަށް ނުވަންނަ މީހުން ޑީޕޯޓުކުރި ނަމަވެސް މީހަކު މޭރުމާއި، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ބިދޭސީއެއް ޑީޕޯޓު ނުކުރާނެ ކަމަށާއި، އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ދިވެހިރައްޔިތެއްގެ ވަރަށް ބޮޑު ހައްގަކަށް މީހަކު އަރައިގަނެފިއްޔާ ޚާއްސަކޮށް މީހަކު މެރުން ފަދަ ނޫނިއްޔާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުންފަދަ މިކަހަލަ ކަމެއް ވެއްޖެއްޔާ ދޫނުކުރާނަން. މިރާއްޖޭގެ އުސޫލުގެ ތެރެއިން ކުރިއަށް ގެންދާނަން. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރަނީ، ރާ ބޮނީ މަސްތުވާތަކެތި ވިއްކުމުގެ މައްސަލައެއްގައި އުޅެނީ. މިކަހަލަ ކަމެއްނަމަ އުސޫލެއް ގޮތުން އަޅުގަނޑުމެން ބަލަނީ ފޮނުވާލަން. އެއީ ވަރަށް ބޮޑު ކޯސްޓެއް މިއިން މީހެއް ޑިޓެންޝަން ސެންޓަރަށް ލައިގެން ދާ ކޮންމެ ދުވަހަކު. މަހެއްގެ މައްޗަށް މިއިން މީހެއް ބަލަހައްޓަން ދޭ މަހެއްގެ މައްޗަށް 27،000 ރުފިޔާ. ވަރަށް ބޮޑު ކޯސްޓެއް މިއީ.
ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިހްސާން ވިދާޅުވީ މާރާމާރީ ނުވަތަ މަސްތުވާތަކެތީގެ މައްސަލައެއް ނުވަތަ ޖީނާއީ އެހެން ވެސް ކުށަކަށް ބިދޭސީއަކު އަރައިގެނެއްޖަނަމަ 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓުކުރާނެ ކަމަށެވެ. އަދި 48 ގަޑިއިރު ވެސް ހޭދަވަނީ އެމީހާގެ ޓިކެޓް ޕްރޮސެސިންގއާއި އައިޑެންޓިޓީ ވެރިފިކޭޝަންގެ މަސައްކަތްތައް ކުރުމަށް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.



More from Raajje.mv