ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" ފަށައިފި

Thu, 02 May 2024 02:14 PM

View on this article on Raajje.mv

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް "އޮޕަރޭޝަން ކުރަނގި" ފަށައިފި

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށައިފިއެވެ.



މި އޮޕަރޭޝަން ފަށާފައިވަނީ ބުރާސްފަތި ދުވަހު ކ. ހިންމަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ އިސްނެގުމުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ ގައުމީ ހަރަކާތެއްގެ ގޮތުގައެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ކުރީ ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ކުރުމުގައި ވަރަށް ބޮޑަށް މާލެއަށް ފޯކަސް ކޮށްފައިވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ފުރަތަމަ ފޭސްގެ ގޮތުގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރާމެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. މުޅިރާއްޖޭގައި މިމަސައްކަތް ކުރިއަށްގެންދާނެކަން ފާހަގަކުރައްވައި މިނިސްޓަރު އިހްސާން ވިދާޅުވީ އެމީހުން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ މީހުންނަށް މާލެއަށް އައުމަށް އުދަނގޫވާ ކަމަށެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް އަޕްޑޭޓް ކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ 3 އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ހައްލު ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެންމެ ފުރަތަމަ އެއް އަހަރުގެ ތެރޭގައި މިބަލަނީ 100 ޕަސެންޓް ކޮންތާކު ކާކުތޯ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. އެއަށްފަހު ޖެހިގެން އަންނަ ދެއަހަރުގެ ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ އޭގެ ތެރެއިން ކަށަވަރުނުވާ ރަސްމީ ލިޔެކިއުންތައް ނެތް ސިސްޓަމްގެ ތެރެއަށްނުގެނެވޭނެ މީހުން ރާއްޖެއިންބޭރުކޮށްލުމަށް. ޖުމްލަ ތިން އަހަރު ދުވަހުގެ މަސައްކަތެއް މިފަށަނީ. ފުރަތަމަ ފޭސް މިއީ އެއްއަހަރު ދުވަހުގެ މަސައްކަތެއް.
ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިހްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހުންގެ މައްސަލަ ހައްލު ކުރުމަށް މި ޕްލޭންގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ މިމައްސަލަ ހައްލު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަޤީންކަން އެބައޮތް ކަމަށެވެ.

އިހްސާން ވިދާޅުވީ ވޯކް ޕާމިޓްގައި، ނުވަތަ ޓޫރިސްޓް ވިސާގައި ރާއްޖެއަށް އައިސް ފިލައިގެން އުޅޭ މީހުން ދެނެގަންނާނެ ކަމަށާއި، އެމީހުން މިހާރު މަސައްކަތް ކުރަމުންދާ ކުންފުންޏެއް ދަށަށް ރަޖިސްޓްރީ ނުކުރެވޭ ހާލަތުގައި، އެމީހަކު އެބުނާ ގައުމެއްގެ އެމްބަސީއާ ގުޅިގެން ނަމަވެސް އެމީހަކު ރާއްޖެއިން ފޮނުވާލުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރާނެ ކަމަށެވެ. ޖޫރިމަނާގެ ފައިސާ ހުރި ނަމަވެސް ބޮޑަށް ބަލަނީ އެފައިސާ މައާފު ކުރުމަށްފަހު ވެސް މިމައްސަލައަށް ހައްލު ގެނައުމަށް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

މިގޮތަށް މިކަން ކުރުމަށްޓަކައި އޮތް ހުރަކީ މިސާލަކަށް މީހަކު އޮތީ އޭނާ މިސިންގ މީހެއްގެ ގޮތުގައި ރިޕޯޓުކޮށްފައި. އާއްމު އުސޫލުން ނަމަ އެމައްސަލަ ދެންޖެހޭނީ ލޭބަރ ރިލޭޝަން އޮތޯރިޓީއަށް ގެންގޮސްގެން އެތަނުން ތަހުގީގު އެއީ އިމްޕްލޮޔަރގެ މައްސަލައެއްތޯ އެންޕްލޯއީގެ މައްސަލައެއްތޯ ނިންމާ ވަރަށް ބޮޑު ދިގު ރާސްތާއެއް. މިމައްސަލާގެ ބާވަތުން މިހާރު މިސްކޭލުން އެގޮތަށް ކުރިއަށް ގެންގޮސްގެން އަޅުގަނޑުމެންނަށް މިކަން އެޗީވެއް ނުވާނެ. އަޅުގަނޑުމެން މިމީހުން ސިސްޓަމްގެ ތެރެއަށް ގެނެސްފައި އަނެއްކާ ވެސް ނޯމަލް ޕްރޮސަސްއަށް ފްލޯރ ކުރަން. މިހާރު މިއޮތް ހާލަތުން ނޯމަލް ޕްރޮސަސްގައި ދަންޏާ ހަމަ ދުވަހެއް ދުވަހަށް ތިބެންޖެހޭނެ މައްސަލައަށް ހައްލު ނުގެނެސް.
ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިހްސާން ވިދާޅުވީ ރާއްޖެއަށް އެތެރެފައިވާ އެންމެންގެ ރިކޯޑް ސިސްޓަމްގައި ހުންނާނެ ކަމަށެވެ. އަދި ގާތްގަނޑަކަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ރާއްޖެއަށް އެތެރެވުމަށްފަހު ފުރާފައިނުވާ ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.



More from Raajje.mv