ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރަށް ތަރައްޤީކުރަނީ

Thu, 02 May 2024 02:43 PM

View on this article on Raajje.mv

ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރަށް ތަރައްޤީކުރަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދަތުރު ދިއުމަށް ޚާއްސަކޮށްފައިވާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް އިތުރަށް ތަރައްގީ ކުރާނެ ކަމަށް މިސަރުކާރުން ބުނެފިއެވެ.



ރައީސް އޮފީހުގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ ކުޑަގިރި އަބަދުވެސް އޮންނާނީ މާލޭގެ ރައްޔިތުންނަށް ޚާއްސަ ތަނެއްގެ ގޮތުގައި ކަމަށެވެ. މިހާރުހުރި ވަސީލަތްތައް މަދުކަމާއި ހުރި ދަތިތަކާގުޅިގެން ލިބެމުންދާ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކުޑަގިރި މިހާރަށްވުރެ ފުރިހަމައަށް ރައްޔިތުންނަށް ޚިދްމަތްލިބޭގޮތަށް ސަރުކާރުން ތަރައްގީ ކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައިނުވެއެވެ.

ކުޑަގިރި މަޝްރޫއުއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުފުޅުގައި ހިމެނުނު ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގި މަޝްރޫއެކެވެ. ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވާފައިވަނީ 11 ފެބްރުއަރީ 2023 ގައެވެ.

ސަރުކާރު ހިއްސާވާ އެކި ކުންފުނިތައް ގުޅިގެން މި ރަށް ތަރައްގީކޮށްފައިވާއިރު، ތިން ތަރީގެ ފެންވަރަށް މި ޕިކްނިކް އައިލެންޑް ތަރައްގީ ކޮށްފައިވަނީ ބޭނުންވާ ހުރިހާ ވަސީލަތަކާއެކުގައެވެ. އަދި ކުޑަގިރި އަށް އެއްފަހަރާ 500 އާއި 600 އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ދަތުރު ދެވޭނެކަން ފާހަގަކޮށްލެވެއެވެ.

ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ވަނީ ކަނޑައަޅާފައެވެ. އަދި އާންމުން ބޭނުންކުރުމަށް 13 ކުޑަ އަށި އަދި 4 ބޮޑު އަށިވަނީ ގާއިމުކޮށްފައެވެ.

އެ ތަނުން އާންމުންނަށް ބޭނުންވާ އަސާސީ ކަންކަމުގެ އިތުރުން އެހެނިހެން ވަސީލަތްތައްވެސް ލިބިގެންދާނެއެވެ. އެޗްޑީސީން ވަނީ ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް ތައްޔާރުވެފައެވެ. މާލެއިންނާއި ހުޅުމާލެއިން ފުރައިގެން ދިއުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު، 15 މިނެޓުން ކުޑަގިރިއަށް ދެވޭނެއެވެ. މީގެ އިތުރުން ކުޑަގިރިއަށް ޕިކްނިކް ދާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ކަންކަންވެސް އެޗްޑީސީން ވަނީ ފޯރުކޮށްދީފައެވެ.

އެގޮތުން، ކުޑަގިރީގައި ފާހަނާބަރި، ޗޭންޖިން ރޫމާއި ނާސިންގް ރޫމްވެސް ގާއިމުކޮށްފައިވެއެވެ. އެ ނާސިންގް ރޫމްގައި ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުންދިނުންފަދަ ކަންކަން ފަސޭހައިން ކުރެވޭނެފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. އަދި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން މިރަށުގައި ކެފޭއެއްވެސް ވަނީ ގާއިމުކުރެވިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގެ ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.



More from Raajje.mv