ދެ ގްރޫޕެއްގެ ދެމެދުގައި ހިންގަން އުޅުނު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ބަންދުކޮށްފި

Thu, 02 May 2024 01:55 PM

View on this article on Raajje.mv

ދެ ގްރޫޕެއްގެ ދެމެދުގައި ހިންގަން އުޅުނު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ބަންދުކޮށްފި

ދެ ގްރޫޕެއްގެ ދެމެދުގައި ހިންގަން އުޅުނު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ބަންދުކޮށްފިއެވެ.



ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، މި މައްސަލައިގައި ބަންދުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ދެ މީހުންގެ ބަންދަށް ދީފައިވަނީ 5 ދުވަހެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުތަކުގެ ތެރެއިން ހެކީގެ ނިސްބަތަށް ބަލާއިރު، ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވެއެވެ. އަދި އޭނާއާއި އިތުރު ފަރާތެއް އިން ސައިކަލުން ދަގަނޑު ޗޭނަކާއި (ފަލަ ޗޭނެއް) ކަތުރަކާއި ރެންޗެއް ފެނިފައިވެއެވެ. ރެންޗު އޮތީ ސައިކަލުގެ ޕޮކެޓްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކީ މި ދެމީހުން ނިސްބަތްވާ ގްރޫޕަކުން މާލޭގައި ހަރަކާތްތެރިވާ އެހެން ގްރޫޕެއްގެ ބަޔަކަށް ހަމަލާދިނުމަށް ދިއުންކަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން އެމީހުން ފަހަތުން ގޮސް ހުއްޓުވި އިރު މި ތަކެތި ސައިކަލުން ފެނުނުކަމަށް އަމުރުގައި ބުނެފައިވެއެވެ. އެހެންކަމުން މާރާމާރީއެއް ހިންގުމަށް ތައްޔާރުވެފައިވާ ކަމަށް ބެލެވޭ ސަބަބުތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާގެ (ބ) ގެ ދަށުން، ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ފެންނާތީއެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މައްދާގެ (ނ) ގެ 4 އަދި 6 ވަނަ ނަންބަރުގައި ހުރިކަންކަން ފުރިހަމަވާކަމަށް ބެލެވޭތީއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި 24 އަހަރުގެ މީހާގެ ފަރާތުން ބުނެފައިވަނީ އެތަކެއްޗަކީ އާންމު ގޮތެއްގައި ގެންގުޅޭ ތަކެތިކަމާއި ހަތިޔާރެއްގެ ގޮތުގައި ގެންގުޅެފައިވާ ތަކެތި ނޫންކަމަށާއި މާރާމާތީގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެކަމަށް ބުނެފައިވެއެވެ.



More from Raajje.mv