އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން

Fri, 19 Apr 2024 12:12 AM

View on this article on Raajje.mv

އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން

ގޭބަންދަށް ބަދަލުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ފޯނުކޯލަށް އަދި މެސެޖަށް ވެސް ޖަވާބު ދެއްވާފައިނުވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.



ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އަމުރު ކުރުމާއެކު، ޖަލުހުކުމުން މިނިވަންވެ ވަޑައިގެން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް މުއިއްޒާއި، ރައީސް ޔާމީން އެކުގައި މަސައްކަތް ކުރައްވާނެ ހާލަތެއް އެބައޮތްތޯ ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޔާމީން ވިދާޅުވީ މިއީ ދެމަފިރިން ނޫން ކަމަށާއި، ނިންމާ ހުރިހާ ނިންމުންތައް ނިންމަނީ އުސޫލުތަކަށް ބިނާ ކުރުމަށްފަހު ކަމަށެވެ.

އުފާފާޅުކުރުމަށް ބޭއްވި ޖަލްސާއަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެރޭ ރައީސް މުއިއްޒަށް ގުޅުއްވައި މެސެޖް ކުރެއްވި ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެއްވެސް ޖަވާބެއް ރައީސް މުއިއްޒު ނުދެއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ އެކުގައި މަސައްކަތް ކުރެއްވުމަށް އަތް ދިއްކުރެއްވި ނަމަވެސް ރައީސް މުއިއްޒު އަތުގައި ހިފަަން ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށެވެ.

އަޅުގަނޑު އެންމެ ފުރަތަމަ ވީއްލިގެން އައިމަ މުއިއްޒު އުފާފާޅުކުރުމަށް ޖަލްސާ ބޭއްވެވި ރޭ އަޅުގަނޑު މުއިއްޒަށް ގުޅަން މަސައްކަތް ކުރިން. އަޅުގަނޑު ފޯނުކުރިން. އަޅުގަނޑު މެސެޖް ކުރިން. އެއަށް ޖަވާބު ނުދެއްވާތީ މުހައްމަދު ހުސެއިން ޝަރީފް މުންދު ތެދެއްތޯ. މުންދުއަށް އަޅުގަނޑު ގުޅީމަ ފޯނު ނެގި. މުންދު ވިދާޅުވީ ތިމަންނަ މިހާރު މިދަނީއޭ ރައީސްއަށް ދަންނަވާށޭ. ރައީސް އެބަ ހުންނެވިއޭ ޖަލްސާ ނިންމާފައި ސަލާން ކުރަން. މުންދު މުއިއްޒަށް ދަންނަވާފައި ވަޑައިގެން ވިދާޅުވި ތިމަންނަ ރައީސްއަށް ދަންނަވާފީމޭ. ދެން އެ ދިޔައީ. އެހިސާބުން މިހިސާބަށް ދިޔައިރު މުއިއްޒު ނެތް އަޅުގަނޑުގެ މެސެޖަށް އަޅުގަނޑުގެ ފޯނަކަށް ޖަވާބު ދެއްވާފައި. އަޅުގަނޑުކުރެން ނޫން ތިވާހަކަ އައްސަވަންވާނީ. ތިވާހަކަ އައްސަވަންވާނީ މުއިއްޒު ކައިރިން. އަޅުގަނޑަށް ނޭނގޭނެ ތެދެއްތޯ މުއިއްޒު ވިސްނާވަޑައިގަންނަވާ ގޮތެއް. އަޅުގަނޑު މިދަންނަވަނީ އަޅުގަނޑާ ހަމައިން އަޅުގަނޑު އަތް ދިއްކޮލީމޭ. އެކަމަކު އެއަތުގައި ހިފަން މުއިއްޒު ދެކޮޅު ހެއްދެވީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޫން ތެދެއްތޯ އެނގޭނީއެއް ހަމަ މުއިއްޒަށްށޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ފޯނަށް ޖަވާބު ނުދެއްވައި ބައްދަލު ނުކުރެއްވި މިމައްސަލަ ދެކޮޅު ޖެއްސުމަށް ރައީސް މުއިއްޒު މީޑިއާގައި އެއްގޮތަކަށް ވާހަކަފުޅު ނުދައްކަވާ ކަމަށެވެ. އެއްގޮތަކަށް ވާހަކަފުޅު ނުދެއްކެވުމަކީ ދޮގުހެއްދެވުން ކަމަށް ޔަމީން ވިދާޅުވިއެވެ.

ދެން މުއިއްޒު ދެކޮޅު ޖައްސަވަން ކޮންކަހަލަ ވާހަކަތަކެއްތޯ ދެއްކެވީ. މީޑިއާގެ ކުރިމަތީގައި ސިޔާސީ ވެރިއަކު އައިސްފައި އެއްފަހަރު ދައްކާ ވާހަކައެއް ދެވަނަ ފަހަރު ތިންވަނަ ފަހަރު ހަތަރުވަނަ ފަހަރު ދެކޮޅު ނުޖެހޭ ގޮތަށް ދައްކަންޏާ އެއަށް ކިޔާނީ ދޮގު ހެދުން ތެދެއްތޯ. އަޅުގަނޑު މިދައްކާ ވާހަކަ އަޅުގަނޑު އައްސަވާ އަޅުގަނޑު ހަނދާންނެތޭހާ ދުވަސްކޮށްފައި. އަޅުގަނޑު މިވާހަކަ ދައްކާނީ މިވާހަކަ މިބީދައިން. އެހެންވީމަ މުއިއްޒުކުރިން އައްސަވާ ރައީސް ޔާމީންގެ ފޯނަށް ޖަވާބު ނުދެއްވަނީ މެސެޖަށް ޖަވާބު ނުދެއްވަނީ. ދެން މިދެއްކެވި ވާހަކައަކީ ރައީސް ޔާމީން ބަންދެއްގައި ހުންނެވީމަ އެހައި ފަސޭހައެއް ނޫނޭ. އެކަމަކު ވާހަކަ ދައްކަމުންދޭ. މާތްކަލާކޯ. ރައީސް ޔާމީން ބަންދުގައި ހުރެގެން ރައީސް ޔާމީނަށް ބައްދަލުކުރެވޭ މީހުންނާއި. ރައީސް ޔާމީނަށް ފޯނުކުރެވޭ. ރައީސް ޔާމީންއަށް މަނާކޮށްފައި އޮތީ މީޑިއާ ޓޯޓަލީ ރަންކުރަން.އެއްވެސް ޓީވީ ސްޓޭޝަންއަކަށް ނުދިއުން. އެކަމަކު މީހުން އަޅުގަނޑުމެންގެ ގެެއަށް ވަންނަން ހުއްދަ އޮވޭ. މީހުންނާއި ވާހަކަ ދައްކަން ހުއްދަ އޮވޭ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ގޭބަންދުގައި ހުންނެވި ދުވަސްތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެހެން ބޭފުޅުންނަށް ގެއަށް ވަދެ ބައްދަލުކުރުމުގެ ހުއްދަ އޮންނަ ކަމަށެވެ. އެހެންކަމުން މިމައްސަލާގައި ރައީސް މުއިއްޒުއާއި ސުވާލުކުރެއްވުމަށް ޔާމީން އެދިވަޑައިގެންނެވިއެވެ.



More from Raajje.mv