ރައީސް މުއިއްޒު ފުލުހުންނާ ބައްދަލުކުރައްވައިފި

Fri, 29 Mar 2024 05:17 PM

View on this article on Raajje.mv

ރައީސް މުއިއްޒު ފުލުހުންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުޢިއްޒު ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ. 



ރައީސް ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާ އާންމުކޮށްފައެއްނުވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ބުރާސްފަތި ދުވަހުގެ ރޭ އިސްކަންދަރު ކޮށްޓަށް ވަޑައިގެންނެވުމުން ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. އެރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އިތުރުން ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރު އަލީ އިހުސާންއާއި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރުންނާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާ ފުލުހުންގެ އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފުލުހުންނާ މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންނަށް ބޭނުންވާ ކަންކަން، ފަރުދީގޮތުންނާއި މުއައްސަސާއަށް މުހިންމުވާ ކަންކަމުގައި ދިވެހި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ކަންކަން ބައްޓަންކުރެއްވުން އެއީ އެންމެ އިސްކަންދެއްވާ ކަންތައްތަކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ފަރުދީ ގޮތުން އަމިއްލަ ނަފްސު ތަރައްގީކުރުމަށާއި ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ މުއައްސަސާއެއްކަން ފާގަކުރައްވައި، ކިޔެވުމަށްފަހު ފުލުހުންގެ ޚިދުމަތާ ގުޅޭ ފަރާތްތަކާއި މިހާރު ޚިދުމަތުގައި ތިބި މުވައްޒަފުންނަށްވެސް ކުރިއަށް ދެވޭނެ މަގު ފަހިކޮށް، ކުރިއަށް އޮތްތަނުގައި މުއައްސަސާގެ ފަންނީ ގާބިލް މުވައްޒަފުން ބިނާކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން މިރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާ ފަންނިއްޔަތާބެހޭ ވުޒާރާގެ ވަޒީރާއި ކޮމިޝަނަރ އޮފް ޕޮލިސް ވެސް ވާހަކަފުޅު ދެއްކެވިކަމަށް ފުލުހުން ބުނެފައިވެއެވެ.



More from Raajje.mv