ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން

Mon, 29 Apr 2024 07:21 AM

View on this article on Raajje.mv

ގިނަ ފަހަރަށް އިންތިހާބުވާ މީހާއަކީ ދާއިރާގެ މައިނޯރިޓީ ތާއީދު އޮންނަ މީހެއް، މިއީ ކަންބޮޑުވުމެއް - ހަސަން

އިންތިހާބުތަކުގައި ދާއިރާތަކަށް ގިނަ ފަހަރު އިންތިހާބުވާ މީހާއަކީ، އެ ދާއިރާއެއްގެ ވޯޓުލެވޭ އާބާދީގެ މައިނޯރިޓީގެ ވޯޓު ލިބިގެން އިންތިހާބުވާ މީހެއް ކަމަށާއި، މިއީ ކަންބޮޑުވުން އޮތްކަމެއް ކަމުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.



ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ މި ފަހަކަށް އައިސް އިލެކްޝަންސް ކޮމިޝަނުން މި ވާހަކަ ވަރަށް ގިނައިން ދެކެވިއްޖެ ކަމަށާއި، މިފަހަރުގެ މަޖިލިސް އިންތިހާބަކީ ނިސްބަތުން ވޯޓުލާން ނުކުތް މީހުންގެ އަދަދު ދަށް އިންތިހާބެއް ކަމަށެވެ. އެގޮތުން ވޯޓުލާން ނުކުތް މީހުންގެ އަދަދު ދަށްކަމަށް ވިދާޅުވާ ސަބަބަކީ ރިޔާސީ އިންތިހާބު ވެގެން ގޮސްފައިވަނީ ދުނިޔޭގެ ނިސްބަތުން ވޯޓުލާން ނުކުތް މީހުންގެ އަދަދު ރެކޯޑް އަދަަދަކަށް މަތިވެފައި މިފަހަރު އެ އަދަދު ދަށްވުމުން ކަމުގައި ހަސަން ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ މައިގަނޑު ތިން އިންތިހާބުގައި ވެސް ވޯޓުލާން ރައްޔިތުން ނުކުތް އަދަދު ތަފާތުކަމަށެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި ވޯޓުލާން ނުކުތީ 70 އާއި 80 އިންސައްތަ މީހުން ކަމަށާއި، ކައުންސިލް އިންތިހާބުގައި ވޯޓުލަނީ 60 އާއި 70 އިންސައްތައާއި ދޭތެރޭގެ މީހުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޝައުގުވެރިކަން ހުރި މިންވަރު ކަމަށާއި، ނިމިގެން ދިޔަ އިންތިހާބުގައި ވެސ ވޯޓުލާން ނުކުތް މީހުންގެ އަދަދު ހުރީ ނިސްބަތުން 76 އިންސައްތައިގައި ކަމަށެވެ.

70 އާއި 80 އިންސައްތައާއި ދޭތެެރޭގައި ވޯޓަރ ޓާންއައުޓް ހުއްޓަސް އެއް އިންތިހާބުން އަނެއް އިންތިހާބަށް ދާއިރު ވޯޓުލާ އާބާދީ އިތުރުވެގެން އެބަދޭ. އެހެންވީމާ އާބާދީގެ ނިސްބަތުން ވޯޓުލާ ނިސްބަތަށް ބަލާކަމުގައިވާނަމަ އެއް އިންތިހާބުން އަނެއް އިންތިހާބަށް ދާއިރު ވޯޓުލާ ނިސްބަތް ދަށްވެގެންދޭ. އެގޮތުން ބަލާއިރު އެއީ ކަންބޮޑުވުން އޮތްކަމެއް. އެކަމުގެ ސަބަބުތައް ހޯދާ ދެނެގަންނަންޖެހޭ.
ހަސަން ޒަކަރިއްޔާ / އިލެކްޝަންސް ކޮމިޝަންގެ މެންބަރު

ހަސަން ވިދާޅުވީ ރައްޔިތުން ރައްޔިތުންގެ ބަސް އިއްވުމުގައި ފަސްޖެހޭ ޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ރައްޔިތުމީހާގެ ބައިވެރިވުން ނެތި މެންބަރުން އިންތިހާބުވެގެން ދިއުމަކީ ވެސް ކަންބޮޑުވުމެއް ކަމަށެވެ.

ހަސަން ވިދާޅުވީ އިންތިހާބުގައި ވާދަކުރާ މީހުންގެ ތެރެއިން ކިތައްމެއް މަދު މީހަކު ވޯޓުލާން ނުކުތަސް، ވޯޓުލާ މީހުންގެ އަގުލަބިއްޔަތު ލިބޭ މީހާ އިންތިހާބުވާ ކަމަށެވެ. މީގެ ކުރީގެ މަޖިލިސް އިންތިހާބަށް ބަލާއިރު، މާލޭގެ ބައެއް ދާއިރާތަކުގައި ވޯޓުލާން ނުކުމެފައިވަނީ ދާއިރާގެ ދެބައިކުޅަ އެއްބަޔަށްވުރެ މަދު މީހުން ކަމަށާއި، އަދި އިންތިހާބުވާ މީހާއަށް ވޯޓު ދީފައިވަނީ ވެސް ވޯޓުލީ މީހުންގެ ވެސް ދެބައިކުޅަ އެއްބައި ނުވަތަ ތިންބައި ކުޅަ އެއްބައި މީހުން ކަމަށެވެ.

މާނައަކީ މައިނޯރިޓީގެ ވޯޓުން ރައްޔިތުން ތަމްސީލްކުރުމަށް މީހަކު ނުކުންނަނީ. އެހެންވީމަ މިއީ ޑިމޮކްރަސީގައި ކަންބޮޑުވާކަމެއް. ވަރަށް ގިނަ ބައެއްގެ ސޭއެއް ނެތި އެމީހުންގެ މައްޗަށް ބަސްބުނަން މީހަކު މި ނުކުންނަނީ. އެެހެންވީމަ މިކަންބޮޑުވުން އެބައޮތް މީހުން މަދުން ވޯޓުލާން ނުކުންނަ ނަމަ.
ހަސަން ޒަކަރިއްޔާ / އިލެކްޝަންސް ކޮމިޝަންގެ މެންބަރު

20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާން ނުކުމެފައިވަނީ އެ ހައްގު ލިބޭ އެންމެ 75 އިންސައްތަ މީހުންނެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284،663 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރެއިން ވޯޓުލާފައިވަނީ 215,860 މީހުންނެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ 215،053 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 81.3 އިންސައްތަ މީހުންނެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު ދަށްވެފައިވާއިރު، ރިޔާސީ އިންތިޚާބުގައި ވެސް ވޯޓުލާން ނުކުތް މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނުކުތީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 79 އިންސައްތަ މީހުންނެވެ.



More from Raajje.mv