ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވި ނަމަވެސް ބިލްކޮށްފައިވަނީ ރަނގަޅަށް: ސްޓެލްކޯ/ފެނަކަ

Mon, 29 Apr 2024 01:20 PM

View on this article on Raajje.mv

ބިލްތައް އާދަޔާ ޚިލާފަށް ބޮޑުވި ނަމަވެސް ބިލްކޮށްފައިވަނީ ރަނގަޅަށް: ސްޓެލްކޯ/ފެނަކަ

ފެނާއި ކަރަންޓު ބިލުތަކުން ރޯދަ މަހު ޑިސްކައުންޓުގެ ގޮތުގައި 20 މިލިއަން ރުފިޔާ ކަނޑާފައިވާނެ ކަމަށާއި، ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި ނަމަވެސް ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.



އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ފަހުމީގެ އިތުރުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު އަހުމަދު ރަޝީދު ވަނީ ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށް ވިދާޅުވެ، ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ދިފާއު ކުރައްވާފައެވެ. ދެ ބޭފުޅުން ވެސް ވިދާޅުވެފައިވަނީ ބިލްތައް ބޮޑުވެފައިވަނީ ރޯދަމަހުގެ ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމުގެ ސަަބަބުން ކަމަށެވެ. އަދި އެ ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުންނާއި، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ދެބޭފުޅުން ވެސް ފާހަގަކުރެއްވިއެވެ.

ފަހުމީ ވިދާޅުވީ އެކުންފުނިން އަބަދުވެސް ސަރުކާރުން ނިންމާ ނިންމުންތަކަށް ތަބާވާނެ ކަމަށާއި، ރޯދަމަހަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. އަދި އަލަށް ކަރަންޓުލި ފަރާތްތައް ވެސް ޑިސްކައުންޓް ދިން ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ބެލި ބެލުމުން އެހެން މަސްތަކުގައި ކަރަންޓުގެ ޕީކު ހުންނަ މިންވަރު ރޯދަމަހާ އަޅާބަލާއިރު އިތުރުވާ ކަމަށެވެ. ފަހުމީ ވިދާޅުވީ ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މޫސުމަށް އަންނަ ބަދަލާއެކު ހޫނު ގަދަވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ކަމަށެވެ. އަދި ވިދާޅުވީ ކަރަންޓު ބިލް ބޮޑުވެފައިވަނީ ކަރަންޓު އެވަރަށް ބޭނުންކުރެވިފައިވާތީ ކަމަށެވެ.

ބިލު ކުރާ މުއްދަތަށް އިޝާރާތް ކުރައްވައި ފަހުމީ ވިދާޅުވީ ބިލިން ސައިކަލް އޮންނަ ގޮތުންނާއި ކަސްޓަމަރުންގެ އަދަދު ގިނަކަމުން ރޯދަމަހުގެ ފެށޭ ދުވަހާއި ނިމޭ ދުވަހު ރީޑިން ނެގުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ޖުމްލަ ގޮތެއްގައި ބިލު ކުރާ މުއްދަތު ރޯދަމަހާ ދިމާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި ޑިސްކައުންޓު ދިނުމާއި މިކަހަލަ ކަންތައްތައް މި ހިންގަވަނީ ސަރުކާރުން އަޅުގަނޑުމެންނަށް ސަބްސިޑައިޒް ކުރަނީ މާނައަކީ ޑިސްކައުންޓް ދީފިއްޔާ އެ ޑިސްކައުންޓް ދޭ އަދަދު ދައުލަތުން އަޅުގަނޑުމެންނަށް ލިބޭނެ. އެހެންވީމަ ސަރުކާރުން ދެއްވާ ޑިސްކައުންޓެއްގައި އަޅުގަނޑުމެން ހަމަ އެގޮތަށް އެއުސޫލާ އެއްގޮތަށް ކުރިއަށް ގެންދާނަން. ރަމަޟާން މަހު ޑިސްކައުންޓަށް 20 މިިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ދެވުނު. ފެނާއި ކަރަންޓާއި އަދި ސްޓެލްކޯއަށް އެކަނި.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ

ކަރަންޓު ބިލް ބޮޑުވި މައްސަލައަށް އިތުރަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވީ ޝަކުވާގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ރީޑިން ނެގުމުގައި އެއްވެސް މައްސަލަ ހުރި ތޯ ޗެކު ކުރި ކަމަށާއި، އެފަދަ މައްސަލައެއް ފާހަގަކުރެވިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ބިލުކޮށްފައިވާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށެވެ.

މީގެ އިތުރުން މުއާޒު ވިދާޅުވީ ފެނަކައިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ސްމާޓް މީޓަރ ޕްރޮޖެކްޓު ފެށުމުން ރައްޔިތުންނަށް ލުއި ފަސޭހަތައް ވެގެން ދާނެ ކަމަށާއި ކަރަންޓު ބިލްވެސް ކުޑަވާނެ ކަމަށެވެ. ރައްޔިތުން އިތުރަށް ހޭލުންތެރިވެ ކަރަންޓް ބޭނުން ކުރެވޭ މިންވަރު ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއާޒު ވިދާޅުވީ ދ. އަތޮޅުގައި މިހާރު އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރިއަށްދެއެވެ. އަދި ދ.ކުޑަހުވަދޫގައި ކުރިއަށް ގެންދިޔަ އެ ޕްރޮޖެކްޓްގެ މަސައްކަތް ނިމިފައިވާކަން މުއާޒު ފާހަގަކުރެއްވިއެވެ.

ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ފަށާފައިވާ ޕްރޮޖެކްޓެކެވެ.

ރޯދަ މަހުގެ ކަރަންޓު ބިލު ބޮޑުވެގެން އާއްމު ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާއިރު، 4 މާޗް 2024 ގައި ބ. އޭދަފުށީގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކޮންމެ ރޯދަމަހަކު ކަރަންޓާއި ފެން ބިލު އެހެން މަސްތަަކަށް ވުރެ ބޮޑުވާތީ އެކަމުގެ ސަބަބުން ކުރިމަތިވާ ތަކުލީފުތަކުގެ ޝަކުވާ ލިބޭ ކަމަށެވެ.

އެހެންކަމުން އެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހުން ފެށިގެން ރޯދަމަހު ކިތަންމެ ލޯޑު ބޮޑުވިޔަސް ބިލަށް އިތުރަކަށް އެއްޗެއް ނުނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެ ޚިދުމަތްދޭ ކުންފުނިތަކަށް ކެޕް ކުރުމަށް އަންގާފައިވާ ކަމަށެވެ.



More from Raajje.mv