ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރަލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

Wed, 15 May 2024 09:56 PM

View on this article on Raajje.mv

ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރަލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި

ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރަލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.



ހޯމަ ދުވަހު ފިރިހެނަކު ބުޅަލެއް އުސް ފާރުމަތިން އެއްލާ މަންޒަރު ފެންނަ ވީޑިއޯ ހިއްސާކޮށްފައިވަނީ ޓިކްޓޮކްގައެވެ. އާއްމުންގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެން ފަހުން ވަނީ އެވީޑިއޯ ޑިލިޓް ކޮށްލާފައެވެ. ނަމަވެސް އެ ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. ބައެއް މީހުން ބުނެފައިވަނީ މި އަމަލު ހިންގާފައިވަނީ ގއ. ވިލިނގިލީގައި ކަމަށާއި، އެކަން ކުރީ އެރަށުގެ ޒުވާނެއް ކަމަށެވެ. މިމައްސަލަ ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ. އަދި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ކުރަނީ ކޮން މަސައްކަތްތޯ ބައެއް މީހުން ސުވާލުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ގއ. ވިލިނގިލީ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރަލި މައްސަލައެއް ފެންމަތިވެފައިވާއިރު، ބުޅަލަކަށް ވަޅިން ހަމަލާދޭ ވީޑިއޯ ވެސް މީގެކުރިން ދައުރުވެފައިވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގައި ބުނެފައި ވަނީ ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ކުށެއް ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވި ދާނެއެވެ.



More from Raajje.mv