ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން ހިންގި އިމާރާތުގައި އާދީއްތަ ދުވަހުން ފެށިގެން ޝަރީއަތްތައް ކުރިއަށް ގެންދަނީ

Sun, 02 Jun 2024 09:20 AM

View on this article on Raajje.mv

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން ހިންގި އިމާރާތުގައި އާދީއްތަ ދުވަހުން ފެށިގެން ޝަރީއަތްތައް ކުރިއަށް ގެންދަނީ

އާދީއްތަ ދުވަހުން ފެށިގެން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި، ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.



މާލޭގައި ހުންނަ ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ ބޭނުން ނުކުރެވޭވަރުވުމުގެ ސަބަބުން ގިނަ ޝަރީއަތްތަކެއް ކެންސަލްކޮށް އަދި ތާވަލް ނުކުރެވި އެބަހުރިއެވެ. މީގެ އިތުރުން މޫސުން ގޯސް ދުވަސްވަރު ކޯޓު ރޫމަށް ފެންފައިބާ ތަކެއްޗަށްވެސް ގެއްލުން ލިބިފައި އެބަހުއްޓެވެ.

އެކްސްގައި ކްރިމިނަލް ކޯޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަންގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތުގައި ހުރި ޝަރީޢަތްކުރާ 03 މާލަމުގައި، ކްރިމިނަލް ކޯޓުގެ B2, B3, B5, B8, B10 އަދި B11 މި 06 ސެކްޝަންގެ އަޑުއެހުންތައް ބޭއްވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. މި އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

22 ފެބުރުވަރީ 2023 ގައި ކޯޓުގެ އިމާރާތުން ބައެއް ބޭނުންނުކުރަން ޖޭއެސްސީ އިން އެންގުމާއި ގުޅިގެން، އަދި އޭގެ ފަހުން ކޯޓުގެ އިމާރާތަށް ފެން ފައިބާ ކަރަންޓު ނިޒާމަށް ފެނުގެ އަސަރުކުރުމުގެ ސަބަބުން، ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައިވަނީ 1 ޝަރީޢަތްކުރާ މާލަމުގައެވެ.

Advertisement

ވަގުތީ ގޮތުން މިގެނެވުނު ބަދަލާއި ގުޅިގެން ކޯޓުގެ ބައެއް ސެކްޝަންތައް ހުޅުމާލެ ބަދަލުކުރުމުން، މާލޭގައި ހުރި ކޯޓުގެ އިމާރާތުން ޝަރީޢަތްކުރާ 03 މާލަން ހުސްކުރެވިފައިވެއެވެ. އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވެއެވެ.

މި 6 މާލަން 11 ޤާޟީންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ދުވަސްވީ މައްސަލަތަކާއި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ވޭތުވެ ދިޔަ ދޮޅު އަހަރެއްހައި ދުވަސްތެރޭގައި ކޯޓުގެ އެންމެ މާލަމެއްގައި ޝަރީޢަތްތައް ކުރިއަށް ގެންދެވުނު ނަމަވެސް، އެ މުއްދަތުގެ ތެރޭގައި 2934 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި، 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށްފައިވެއެވެ. އަދި 520 ޤަޟިއްޔާ ކޯޓުން ނިންމާފައިވެއެވެ.



More from Raajje.mv