މިދިޔަ ދެ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް: ފުލުހުން

Sat, 01 Jun 2024 04:18 PM

View on this article on Raajje.mv

މިދިޔަ ދެ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް: ފުލުހުން

މިދިޔަ ދެ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ފުލުހުން ބުނެފިއެވެ.



ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން މެއި މަހުގައި ފުލުހުންނަށް ޖުމްލަ 759 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކާ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތަކެވެ.

ފުލުހުން ބުނީ މެއި މަހު ވައްކަން ކުރުމުގެ 244 މައްސަލަ، ޓްރެފިކް އެކްސިޑެންޓު 169 މައްސަލަ، އެއްޗެހި ގެއްލުމުގެ 78 މައްސަލަ، ފޭރުމުގެ 36 މައްސަލަ، ގެވެށި އަނިޔާ 18 މައްސަލަ، އަނިޔާ ކުރުމުގެ 30 މައްސަލަ، މަސްތުވާތަކެތީގެ 88 މައްސަލަ، މަކަރާއި ހީލަތް ހެދުން 25 މައްސަލަ، ފޯޖް ކުރުމުގެ 12 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 45 މައްސަލަ އަދި ޗެކް ބައުންސްގެ އެއް މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން އޭޕްރީލް މަހުގެ ތެރޭގައި ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވައްކަން ކުރުމުގެ މައްސަލައާއި، ޓްރެފިކް އެކްސިޑެންޓު އަދި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 116 މައްސަލަ، ވައްކަމުގެ 285 މައްސަލަ އަދި ޓްރެފިކް އެކްސިޑެންޓްގެ 219 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ވެސް އިތުރެވެ. އެކި ނަންނަމުގައި ސްކޭމްތައް ހިންގާއިރު، މިފަދަ ކަންކަމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.



More from Raajje.mv