އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

Thu, 28 Mar 2024 11:49 PM

View on this article on Raajje.mv

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ ދިވެހިންތަކެއް މައްކާގައި ހާލުގައި ޖެހިއްޖެއެވެ.



އެގްރޫޕުން އުމްރާއަށް ދިޔަ މީހެއްގެ އާއިލާގެ މީހަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން ބުނީ ގްރޫޕްގެ ހަވާލުގައި އުމްރާވުމަށް މައްކާއަށް ދިޔަ 25 މީހަކު މަގުމަތިވެފައިވާކަމަށެވެ. މިކަމުގެ ތަފްސީލު ދެމުން އެމީހާ ބުނީ އުމްރާއަށް ފުރުމުގެ ކުރިން ގްރޫޕުތަކުން އާންމުކޮށް އުމްރާވެރިންނާއެކު ބާއްވާ ބައްދަލުވުންތައް މި ގްރޫޕުންވެސް ކުރިޔަށްގެންގޮސް އުމްރާގެ ކަންކަން ކުރިޔަށްދާނެ ގޮތް ކިޔައިދީފައިވާކަމަށެވެ. އޭގެފަހުން މައްކާއަށް ދިޔުމަށްފަހު އެމީހުން ތިބޭ ހޮޓާ ކައިރިއަށް ބަހުގައި ބޭލުމަށްފަހު އުމްރާވެރިންނާ ހަވާލުވެގެންދިޔަ މީހާ ގެއްލުނުކަމަށެވެ. އެހެންކަމުން އެމީހުން ދަބަސްތައް ހިފައިގެން ހޮޓާ ކައިރީގައި ތިބީކަމަށާއި އެތާންގައި ތިއްބާ ރޯދަ ވީއްލަން ޗިޕްސްކޮޅަކާއި ޕެކެޓްތަކެއް ގެނައި ކަމަށެވެ.

އޭގެފަހުން އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އެއްވެސް އެހީތެރިކަމެއް ދީފައިނުވަކަމަށެވެ. އެމީހާ ބުނީ ބެލިބެލުމުން ހޮޓަލަށް ބުކިންގ ވެސް ހަދާފައިނުވާކަން އެނގިފައިވާކަމަށެވެ.

އާއިލާ މީހާ އިތުރަށް ބުނީ މިއުމްރާވެރިންނަށް މިހާރު އެހީތެރިކަން ފޯރުކޮށްދެނީ ދިވެހި އެހެން އުމްރާ ގްރޫޕެއްކަމަށެވެ.

މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާފިރު ގްރޫޕުންނޯ މިހާރު މިއަޅާލަނީ. ދިވެހި ބައެއް ވީމަ. އެއެންމެންނަށް އަޅާލާ ކާންދީ ހަދަނީ މިމީހުން ކަމަށް މިވަނީ. އެ ގްރޫޕުން މިއަދު ބުނެފި 17 ގައި އެމީހުން މާލެ އަންނަމޭ. އެހެންވީމާ އެމީހުންނަށްވެސް ދެން އެހީތެރިކަމެއް ފޯރުކޮށެއް ނުދެވޭނޭ.
އުމްރާއަށް ދިޔަ މީހެއްގެ އާއިލާ މީހެއް

އެގްރޫޕްގައި ގިނައިން ތިބީ މުސްކުޅިންނެވެ. ގްރޫޕުގެ އިސް ފަރާތްކަމުގައިވާ އަލީ ފާރިޝް އާ ގުޅޭތޯ މަސައްކަތްކުރިނަމަވެސް އަދި މިހާތަނަށް އެއްވެސް މުއާމަލާތެއް ކުރެވިފައިނުވާކަމަށް ބުންޏެވެ.

މައްކާގައި ތިބި އުމްރާވެރިންނަށް މާލެ އާދެވޭނެ ގޮތެއް މިހާރުނެތްއިތު މި ގްރޫޕުގެ ހަވާލުގައި އިތުރު 5 މީހަކު ހުކުރު ދުވަހު ފުރުމަށް ޓިކެޓާއި ޓެގާއި ދީފައިވާކަމަށާއި ނަމަވެސް އެއަރލައިނަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް އެ ގްރޫޕުން ދައްކާފައިނުވާތީ އެމީހުންނަށްވެސް ފުރޭނެ އެއްވެސް ގޮތެއް ނެތްކަމަށް އެމީހާ ބުންޏެވެ.

ނާދެވެނީ އަލް މަޝްއަރު ގްރޫޕުން ލާރި އެއަރލައިންއަށް ދައްކާފައި އޮތްކަމަކަށްނެތް. މިމީހުން މިހަދާ ގޮތަކީ ފަތިހު މިފުރަނީ. ޔޫއެލްއަށް އެންމެ ފަހު މިނެޓްގައި ރޭގަނޑު މިޗެކްދެނީ. އެއްކަލަ ބައުންސްވާ ޗެކު. އެހެންވީމާ އިރުއަރާއިރު ޗެކު ސެޓްލްކުރަންވާއިރު އިންނާނީ ޗެކު ބައުންސްވެފައި ނޫންތޯ. ބޯޓު އޮންނާނީ ފުރާފައި ނޫންތޯ.
އުމްރާއަށް ދިޔަ މީހެއްގެ އާއިލާ މީހެއް

މިހާރު މިމައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށާއި އިސްލާމިކް މިނިސްޓަރާވެސް ބައްދަލުކޮށް މިމައްސަލަ ހިއްސާކޮށްފައިވާނެކަމަށް އޭނާ ބުންޏެވެ.

އުމްރާވެރިންނަށް ނާދެވި ތާށިވެފައިވާއިރު އެކަމާއި ގުޅިގެން އިނަރ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބައުންސް ޗެކެއް ހިމެނޭ ގޮތަށް، އެންމެ ފަހު ވަގުތު ފައިސާ ދެއްކުމުގެ ސަބަބުން މާލެއަށް އެނބުރި އަންނަ ފްލައިޓް ސަސްޕެންޑް ކުރަންޖެހިފައިވާކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިކަން ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމަށް ފިރާގު ވިދާޅުވެފައިވެއެވެ.

މި ގްރޫޕަކީ ކުރިން ހުއްދަ ދިނުމަށްފަހު ބާތިލުކޮށްފައިވާ ގްރޫޕެކެވެ. ނަމަވެސް ހުއްދަ ބާތިލުކުރިއިރު ލާރި ދައްކާފައި ވާތީ މި ރަމަޟާން މަހު އެ ގްރޫޕްގެ ހަވާލުގައި ގޮސްފައިވަނީ އޭރު ލާރި ދެއްކި މީހުންނެވެ.

މި ގްރޫޕްގެ ހަވާލުގައި މިދިޔަ އަހަރުވެސް ރަމަޟާން މަހު އުމްރާއަށް މީހުން ގެންދިޔައިރު ފައިސާ ނުދައްކާ ޗެކު ބައުންސުވި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެފަހަރު މަޝްއަރު ގުރޫޕްގެ ހަވާލުގައި އުމްރާ އަށް ގެންދިޔަ 146 މީހުން އެނބުރި ރާއްޖެ ގެނައުމުގައި ސުވާލު އުފެދުނީ ފްލައިޓް ޗާޓަރު ކުރުމާއި ޓިކެޓް ނެގުމުގައި އެހީތެރިކަން ފޯރުކޮށްދިން ޓްރެވެލް 2 މޯލްޑިވްސް އަށް ދޫކުރި 141،450 ޑޮލަރުގެ ޗެކް ބައުންސްވުމުންނެވެ.



More from Raajje.mv