ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް، މިރޭ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

Sat, 27 Apr 2024 06:38 PM

View on this article on Raajje.mv

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް، މިރޭ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފިއެވެ.



މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 11:30 އާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ. ހުކުރު ދުވަހުގެ ރޭ އައްޑޫ ސިޓީއަށް ވަނީ ބޯކޮށް ވާރޭވެހި 40ށް ވުރެ ގިނަ ގެއަށް ގެއްލުންވެފައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރާއާ ގުޅޭގޮތުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރު އައްޑޫސިޓީ އަށް 1677 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިއީ މިހާތަނަށް އައްޑޫއަށް މި އަހަރު އެންމެ ބޯކޮށް ވާރޭވެހުނު 24 ގަޑިއިރު ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑޫ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.



More from Raajje.mv