ކުޑަކުދިން ބޮޑެތިކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ ޖީލެއްގެ ގޮތުގައި - ރައީސް

Fri, 10 May 2024 04:15 PM

View on this article on Raajje.mv

ކުޑަކުދިން ބޮޑެތިކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ ޖީލެއްގެ ގޮތުގައި - ރައީސް

ދިވެހި ލޮބުވެތި ކުޑަކުދިން ބޮޑެތި ކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި، އުޅުންހުރި ޖީލެއްގެ ގޮތުގައިކަމަށާއި، އަދި މިއީ އެންމެންގެ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ކުޑަކުދިންނަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ކުޑަކުދިންނަށްޓަކައި ކޮށްދެއްވުމަށް އެރަށްރަށުން އެދިލައްވާ ކަންކަން ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އަދި މި ނޫންވެސް ކުޑަކުދިންނަށްޓަކައި، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރީންނާއި ސަހަރޯވެރީން ކުރައްވާ ކޮންމެ ކަމެއްގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވައި، އެކުގައި މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. މިއަދުގެ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އުސްތާޛުލްޖީލް މަރުޙޫމް މުޙައްމަދު ޖަމީލުދީދީ ގެ "ހައްތާވެސް ދަރީންނެވެ" ވާހަކައިން ލިބިދޭ ޢިބްރަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން މި ވާހަކައިން ލިބިދޭ އެންމެ ބޮޑު އެއް ޢިބްރަތަކީ، އުފަން ދަރީން ނޫނަސް، ކޮންމެ ކުޑަކުއްޖަކީވެސް ދަރިއެއްކަމުގައި ދެކި، އޯގާތެރިކަމާއި އެހީތެރިކަމާއެކު ދިރިއުޅެން ފަށައިފި މީހެއްގެ ނަފްސާއި ރޫޙަށް ލިބޭނެ ހަމަޖެހުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ. އަދި އެކަމަށް އެންމެންވެސް ވިސްނައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެމަނިކުފާނު ބާރުއަޅުއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަޞްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ ކުޑަކުދިންގެ ހަދާންތައް އާކުރައްވައި، އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށާއި، އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުޑަކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތް އިތުރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ ޤައުމަށް އުޖާލާ މުސްތަޤްބަލެއް ހޯދުމަށްޓަކައި ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރުމަށް ދިވެހި ރައްޔިތުންނަށް ބާރުއަޅުއްވާފައެވެ.



More from Raajje.mv