މަޖިލިސް ފެށުމާއެކު ޝިޔާމް އަޑުގަދަކުރައްވަނީ، ރިޔާސަތުން ނަން ނުއިއްވާ!

Mon, 05 Jun 2023 09:39 AM

View on this article on Raajje.mv

މަޖިލިސް ފެށުމާއެކު ޝިޔާމް އަޑުގަދަކުރައްވަނީ، ރިޔާސަތުން ނަން ނުއިއްވާ!

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފެށުމާއެކު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މަޖިލީހުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން މަޖިލީސް މެދު ކަނޑާލައިފިއެވެ.

ހޯމަ ދުވަހު އެޖެންޑާކޮށްފައި އޮތީ ބަންޑާރަ ނާއިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.

މަޖިލީސް ފެށުމާއެކު ޝިޔާމް އާއި ޕީޕީއެމް އަށް ނިސްބަތްވާ އިތުރު ދެ މެންބަރަކު މަޖިލީހުގެ ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން އަޑުގަދަކުރެއްވިއެވެ. އެ ބޭފުޅުން ގެންދެވީ ރިފްޢަތަށް ފާޑު ވިދާޅުވަމުންނެވެ.

އެކަމާއި ގުޅިގެން މެންބަރު ޝިޔާމް އަށް މަޖިލީހުގެ ނިޒާމަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އެއްފަހަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ނަމަވެސް ޝިޔާމް ގެންދެވީ މަޖިލީހުގައި އަޑުގަދަކުރައްވަމުންނެވެ. އާއްމުގޮތެއްގައި މެންބަރުން ރިޔާސަތުން އަންގާ އެންގުމަށް ތަބާ ނުވާ ނަމަ، އެ މެންބަރެއްގެ ނަން އިއްވަވާ މަޖިލީހުގެ ތަޅުމުން ބޭރުކުރައްވައެވެ. ނަމަވެސް ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި މެންބަރު ޝިޔާމްގެ ނަން އިއްވަވާފައެއް ނުވެއެވެ.

މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަވަނިކޮށް ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީގެ އިތުރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އަށް ވެސް ނިޒާމަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ނަޝީދު ނަސޭހަތްތެރިވެވަޑައިގަތެވެ.

އޭގެ ފަހުން ވެސް ޝިޔާމް އާއި އިދިކޮޅު ބައެއް މެންބަރުން މަޖިލީހުގައި އަޑުގަދަކުރައްވާތީ ނަޝީދު ނިންމެވީ ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުންނާއި މަޝްވަރާކުރުމަށް ޖަލްސާ މެދުކަނޑާލެއްވުމަށެވެ.

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ ހަފްތާ އަށް ތާވަލްކުރި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އެއީ އެ ޖަލްސާ އަށް ލިޔުމުން ރިފްޢަތު ޖަވާބު ހުށަހެޅުއްވުމުން އެކަމަކީ އިދާރީ މައްސަލަ އެއް ކަަމަށް ފާހަގަކުރެއްވުމަށް ފަހުގައެވެ.


More from Raajje.mv