މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު

Fri, 26 Apr 2024 12:34 PM

View on this article on Raajje.mv

މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.



ހުކުރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަބީބު ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި 368 ކެންޑިޑޭޓުން،​ އިންތިޚާބާގުޅޭ މާލީ ކަންކަމާބެހޭ މައުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް މަޖިލީހަށް ހޮވުނަށް ނުހޮވުނަސް 21 މެއި 2024 ގެ ކުރިން ކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ.

ހަބީބު ވިދާޅުވީ މާލީ ބަޔާން ހުށަނާޅާފިނަމަ، ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފިނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000.00 (ހަތްދިހަ ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުން ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލާ ބޭފުޅުން ގާނޫނަށް ތަބާވުމުގައި، ރައްޔިތުންނަށް ނަމޫނާއަކަށް ވާންޖެހޭކަން ފާހަގަކޮށް ހަބީބު ވިދާޅުވީ މާލީ ބަޔާނުގައި ހިމަނަންޖެހޭ މައުލޫމާތު ތަކަކީ:-

1. ފައިސާއާއި މުދާ ހިމެނޭގޮތުން، އިންތިޚާބާ ގުޅިގެން ކެންޑިޑޭޓް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު.

2. އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 68 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މައުލޫމާތު ހިމެނޭ ގޮތަށް، އިންތިޚާބުގައި ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ކޮށްފައިވާ ޚަރަދުތައް ވަކިން އެނގޭގޮތަށް އެ ޚަރަދުތަކުގެ ތަފްސީލު.

3. އިންތިޚާބަށް ޚަރަދު ކުރުމަށްޓަކައި ފައިސާ ހޯދިގޮތުގެ ތަފްސީލު.

4. އިންތިޚާބާ ގުޅިގެން ކެންޑިޑޭޓަކު ޚަރަދުކުރުމަށްޓަކައި ނުވަތަ ބޭނުންކުރުމަށްޓަކައި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި އެފަރާތްތަކުން ދިން މިންވަރުގެ ތަފްސީލު.

5. ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ހުޅުވާފައިވާ ބޭންކް އެކައުންޓުން ކޮށްފައިވާ އެންމެހައި މުއާމަލާތްތައް އަންގައިދޭ ބޭންކް އެކައުންޓްގެ ސްޓޭޓްމަންޓް.

މީގެ އިތުރުން ހަބީބު ވިދާޅުވީ ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އަންގައިދިނުމަށްޓަކައި އެ މައުލޫމާތަކާގުޅޭ ފައިސާގެ ރަސީދު، އިންވޮއިސް، ބިލް އަދި މިފަދަ އެންމެހައި ލިޔެކިޔުމާއި ތަކެތި ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހޭ ކަމަށެވެ. އަދި ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެއްޗަކީ ސައްހަ މައުލޫމާތާއި ތަކެތި ކަމަށް އެނގޭގޮތަށް ތައްޔާރުކޮށްފައިވާ އިގުރާރުގައި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ރަސްމީ އިންތިޚާބީ އޭޖެންޓް ސޮއިކޮށް އީސީއަށް ހުށަހަޅާ މައުލޫމާތާއި ތަކެއްޗާއެކު ހުށަހަޅަންޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

ކެންޑިޑޭޓުން ހުށަހަޅާ މައުލޫމާތާއި ތަކެތި އާންމުކޮށް ބެލޭނެހެން އީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.



More from Raajje.mv