މަޖިލީހުން ފާސްކުރިޔަސް އެގޮތަށް ފްލެޓް ލިސްޓަށް އަމަލުނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި

Mon, 06 May 2024 06:36 PM

View on this article on Raajje.mv

މަޖިލީހުން ފާސްކުރިޔަސް އެގޮތަށް ފްލެޓް ލިސްޓަށް އަމަލުނުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފި

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް، ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮތް ނަމަވެސް، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރެފައިވާ ރިޕޯޓު ބޮލާލާ ޖަހައި، ފްލެޓްތައް ނުދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.



ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓަށް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ލިސްޓާ އެއްގޮތަށް ފްލެޓްތައް ހަވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ހޯމަ ދުވަހުގެ ޖަލްސާގައެވެ. އެގޮތުން އެ ޖަލްސާގައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ހުށަހެޅި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކުރީ، 29 މެންބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ނިސްބަވްތާ މެންބަރަކު މި ރިޕޯޓާއި ދެކޮޅަށް ވޯޓެއް ނުދެއްވައެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނިންމުމަށް ސަރުކާރުން އަމަލުކުރާނެތޯ ކުރެވުނު ސުވާލަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ފްލެޓު ލިސްޓާ ގުޅޭ ގޮތުން އާންމުކުރި އޭސީސީގެ ރިޕޯޓްގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި އެއްވެސް ރައްޔިތެއްގެ ހައްގު ގެއްލިގެން ދިޔުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.

ހީނާ ވިދާޅުވީ ކަންބޮޑުވުންތަކެއް އޭސީސީގެ ރިޕޯޓުގައި ހާމަކޮށްފައިވަނިކޮށް އެ ރިޕޯޓު ބޮލާލައި ޖަހާ، އެހެން ގޮތަކަށް ސަރުކާރުން ނިންމުމަކީ ފްލެޓު ނުލިބި ތިބި ފަރާތްތަކުގެ ވެސް އަދި ފްލެޓު ލިބިފައި ތިބި ފަރާތްތަކުގެ ވެސް ހައްގުތައް ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

ފްލެޓް ލިސްޓާ ގުޅިގެން އޭސީސީއިން މައްސަލަ ބެލުމަށްފަހު ބުނީ ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ނިންމާފައިވާ ބޮޑު ޕަސެންޓެއް ޝަރުތު ހަމަ ނުވާނެ ކަމަށެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން 3 ކަމެއް ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ 3 ކަމަކީ ގެދޮރުވެރިޔާ ސްކީމުން ދޫކުރަން ކަނޑައެޅި ފްލެޓުތައް ހަވާލުކުރުން ލަސްވެފައިވާކަމާއި، ފްލެޓު ހަވާލުކުރުން ލަސްވުމުގެ ސަބަބުން އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އޮތްކަން އަދި އެ ސްކީމުން ދޫކުރަން ކަނޑައަޅާފައިވާ ފްލެޓުތައް ލިބުނު މީހުންނާ ފްލެޓު ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްކަމެވެ.

އެހެންކަމުން ރައީސްގެ ވައުދުފުޅާ އެއްގޮތަށް ލިސްޓަށް އުނިއިތުރެއް ނުގެނެސް، އެ މީހުންނަށް ފްލެޓު ދިނުން އަވަސް ކުރުމަށް ކޮމިޓީން ނިންމި ނިންމުން ވަނީ މަޖިލީހުގެ ތަޅުމުން ފާސްކޮށްފައެވެ.



More from Raajje.mv