ވިލިމާލެއަށް ފެންވަރު ރަނގަޅު އައު ބަގީތަކެއް ގެންނަނީ

Fri, 26 Apr 2024 11:46 AM

View on this article on Raajje.mv

ވިލިމާލެއަށް ފެންވަރު ރަނގަޅު އައު ބަގީތަކެއް ގެންނަނީ

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށްދިނުމަށް އައު ބަގީތަކެއް ގެނައުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.



ބަގީ ގެނައުމަށް ނިންމީ ބުރާސްފަތި ދުވަހު މާލެސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގައެވެ. ކައުންސިލުން ބުނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނެސްފައިވާ 10 ބަގީގެ ތެރެއިން ހަތް ބަގީއެއް ހަލާކުވެފައިވާ ކަމަށެވެ. އަދި އައު ހަތް ބަގީ ގެންނަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ބަގީގެ ޚިދުމަތް ދިނުމާއި ގުޅޭގޮތުން ބައެއް މީޑިއާތަކަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ގިނަ ދުވަހު ބޭނުން ކުރެވޭ ބަގީތައް ގެނައުމަށް އިސްކަން ދެއްވާނެ ކަމަށާއި، ގެންނާނީ ކައުންސިލް މެންބަރުން އިއްތިފާގުވާ އެންމެ ރަނގަޅު ބަގީތައް ކަމަށެވެ. އަދި މިމަސައްކަތް ކުރިއަށް ގެންދާނީ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކަމަށް އާޒިމް ވިދާޅުވިއެވެ.

ވިލިމާލޭ ރައްޔިތުން ބަގީގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މި ޚިދުމަތް ރަނގަޅު ގޮތުގައި ދިނުމަށް އައު ބަގީތަކެއް ގެންނަންޖެހޭ ކަމަށެވެ. އެހެންކަމުން މިފަހަރު ގެންނަ ބަގީތަކަކީ ގިނަ ދުވަހު ބޭނުންކުރެވޭ ރަނގަޅު ބަގީތަކަކަށް ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންގެ ފައިސާ ހަރަދުކުރާއިރު އިސްރާފުނުވާނެ ގޮތަކަށް އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ ހަލާކުވި ބަގީތަކުގެ ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކައިގެން އެމީހުން އެކަމަށް ޒިންމާ ކުރެވޭ ގޮތްތަކެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. އަދި އެމަސައްކަތް ލީގަލް ޓީމުން ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުގެ ނިޒާމު ފަސޭހަކޮށްދިނުމަށް އައު ބަގީތަކެއް ގެންނަންޖެހޭއިރު މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެސިޓީ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން ވިލިމާލޭގައި ދުއްވަން ނުއަގުގައި ބަގީ ގެނައި މައްސަލަ ފެންމަތިވެފައިވެއެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ވިލިމާލޭގައި ހިދުމަތް ދިނުމަށް އެތެރެކުރެވުނު 10 ބަގީގެ ޖުމްލަ އަގަކީ 2،691،438 (ދެމިލިއަން ހަލައްކަ ނުވަދިހަ އެއްހާސް ހަތަރުސަތޭކަ ތިރީސް އަށް ރުފިޔާ) އެވެ. އަދި މި އަދަދަކީ ބަގީ އެތެރެކުރުން ހިމަނައިގެން ކޮށްފައިވާ ހަރަދަކަށްވާތީ ވަކިވަކި ބަގީތަކުގެ އަގެއް ހުށަހަޅާފައި ނުވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މާލެ ސިޓީ ކައުންސިލުން މީގެ ތަފްސީލު ހާމަކޮށްފައިނުވި ނަމަވެސް އާންމު އަގުން ބަލާއިރު 11 ސީޓާއި 14 ސީޓުގެ ބަގީއެއްގެ އަގު އުޅެނީ 160،000 އަށެވެ. އެއީ އެތެރެކުރުމުގެ އަގާއެކުގައެވެ. ނަމަވެސް މާލެ ސިޓީން ގެނެސްފައިވާ ބަގީއެއް އެތެރެކޮށްފައިވަނީ ލައްކައެއްހާ ރުފިޔާ އަގުބޮޑުކޮށެވެ.

މާލެ ސިޓީން އާންމުކޮށްފައިވާ ތަފްސީލުތައް ދައްކާ ގޮތުން ބަގީއަކުން ގާތްގަނޑަކަށް 109,143.8 ބޮޑުކޮށް ވަނީ ގެނެސްފައެވެ. އަދި އެކަމުގެ ތަފްސީލު ދީފައި ނުވެއެވެ.



More from Raajje.mv