ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފި

Fri, 26 Apr 2024 12:06 PM

View on this article on Raajje.mv

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަނީ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.



ރާއްޖެއެމްވީއަށް އެޗްޕީއޭއިން ބުނީ ޗިކުންގުންޔާ ފެތުރޭ މިންވަރު އޭޕްރީލް މަހު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ މިހާތަނަށް މާލޭ ސަރަހައްދުން 46 ކޭސް ރިޕޯޓުކޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ޗިކުންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ހުޅުހުޅުގައި ރިއްސުން އަދި ބޮލުގައި ރިއްސުން ހިމެނެއެވެ.

މީގެއިތުރުން މޫސުން ގޯވުމާއި ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޗިކުންގުންޔާ އަދި ޑެންގީ ހުންޖެހޭ މިންވަރު އިތުރުވެދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މަދިރިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިކަމަކަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޗިކުންގުންޔާއަކީ ވެސް ޑެންގީ ހުން ފަތުރާ މަދިރިކަމުގައިވާ އީޑީސް މަދިރީގެ ޒަރިއްއާއިން ފެތުރޭ ބައްޔެއްކަން ފާހަގަކޮށް އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ. 

ޗިކުންގުންޔާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެފަހުން ރާއްޖޭގައި ޗިކުންގުންޔާގެ އައުޓްބްރޭކެއް އައިސްފައި ވަނީ 2006 ވަނަ އަހަރެވެ.



More from Raajje.mv