ރާއްޖޭގެ އަންހެން ޓީމު ކޮޅަށް ނޭޕާލުން 11 ލަނޑު ޖަހައިފި

Mon, 21 Oct 2024 11:28 PM

View on this article on PSM News

ރާއްޖޭގެ އަންހެން ޓީމު ކޮޅަށް ނޭޕާލުން 11 ލަނޑު ޖަހައިފި

މިހާރު ކުރިއަށްދާ އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ކޮޅަށް 11 ލަނޑު ޖަހައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ރާއްޖެ ބަލިވީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކަތަމަންޑޫގެ ދަޝްރަތު ރަންގްސަލާ ސްޓޭޑިއަމުގައި މި މެޗުގެ ފުރަތަމަ ހާފުގައި ނޭޕާލުން ހަތަރު ލަނޑު ޖެހިއިރު، އަނެއް އަށް ލަނޑު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ.

މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ހަތް ގައުމު ދެ ގުރޫޕަކަށް ބަހާލާފައިވާއިރު، ގުރޫޕް އޭގައި ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝް އާއި، އިންޑިއާ އަދި ޕާކިސްތާނެވެ. އަދި ގުރޫޕް ބީގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި، ލަންކާ އާއި، ބޫޓާން އަދި ރާއްޖެއެވެ.

ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު ސެމީއަށް ކޮލިފައިވާއިރު، ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕް އޭގެ އެއްވަނަ ޓީމާއި ގުރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި މުބާރާތުގެ ދެވަނަ ސެމީގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ގުރޫޕު ބީގެ އެއްވަނަ ޓީމާއި ގުރޫޕް އޭގެ ދެވަނަ ޓީމެވެ.

މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު، ފުރަތަމަ މެޗުގައި ވަނީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މުބާރާތުގެ ގުރޫޕް ފިޔަވަހީގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ބުޓާނާ ދެކޮޅަށެވެ.





More from PSM News