އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

Mon, 05 Jun 2023 10:46 AM

View on this article on PSM News

އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އައި ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 41 އަަހަރުގެ އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓަލިކަން ހާމަކޮށްފައިމިވަނީ ލީގުގައި ރޭ މިލާނާއި ހެލަސް ވެރޯނާ ބައްދަލުކުރި މެޗަށްފަހުއެވެ. މިލާނުން ރޭގެ މެޗްގެ ކުރިން ވަނީ މިސީޒަން ނިމުމުން އިބްރަހިމޮވިޗް އެ ކްލަބް ދޫކޮށް ދާނެކަން ހާމަކޮށްފައެވެ.

އަދި ރޭގެ މެޗަށް ފަހު އެކަން ފާހަގަކުރުމަށް ކުޑަ ރަސްމިއްޔާތެއް ބޭއްވިއިރު، އެ ހަފްލާގައި ކްލަބް ދޫކޮށްލާ ވާހަކައިގެ ބަދަލުގައި އޭނާ ހާމަކުރީ ފުޓްބޯޅަ ކުޅުން ހުއްޓާލި ވާހަކައެވެ. އިބްރަހިމޮވިޗް ހާމަކުރިގޮތުގައި އޭނާ ކުޅުން ހުއްޓާލި ނަމަވެސް މިލާންގެ ސަޕޯޓަރުންނަށް އަލްވަދާއު ނުކިޔާ ކަމަށެވެ.

އިބްރަހިމޮވިޗްގެ ކެރިއަރުގައި އޭނާ ވަނީ ފާހަގަ ކޮށްލެވޭ ބޮޑެތި ކްލަބްތަކަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގޮތުން އިބްރަހިމޮވިޗް ވަނީ މިލާނުގެ އިތުރުން އަޔަކްސް އާއި، ޔުވެންޓަސް އާއި، އިންޓަ މިލާނާއި، ބާސެލޯނާ އާއި ޕީއެސްޖީ އަދި މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅެފައެވެ.

2010 ވަނަ އަހަރު މިލާނަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި އިބްރަހިމޮވިޗް ވަނީ 2011 ވަނަ އަހަރު ދާއިމީކޮށް މިލާނަށް ބަދަލުވެފައެވެ. އޭގެ ފަހުން އިބްރަހިމޮވިޗް މިލާނާ ދެވަނަ ފަހަރަށް ގުޅިފައިވަނީ 2020 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާ ވަނީ މިލާނަށް ކުޅެ 2011 ވަނަ އަހަރުވެސް އެޓީމަށް އިޓާލިއަން ލީގުގެ ތަށި ކާމިޔާބުކޮށްދީފައެވެ. އަދި މިދިޔަ ސީޒަންގައި ގިނަ އަހަރުގެ މެދުކެނޑުމަކަށްފަހު މިލާނުން އަލުން ލީގު ކާމިޔާބުކުރިއިރުވެސް އިބްރަހިމޮވިޗް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

އިބްރަހިމޮވިޗް ވަނީ އޭނާ ފުޓްބޯޅައިގައި ހޭދަކުރި ދުވަސްތަކުގައި 34 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި 14 ލީގު ތަށި ހިމެނެއެވެ. އަދި ބަލޮންޑޯއަށް ވަނީ 11 ފަހަރެއްގެ މަތިން ނޮމިނޭޓް ވެފައެވެ. އޭނާއަށް ހާސިލް ނުކުރެވޭ އޮތް ހަމައެކަނި ތައްޓެއްގެގޮތުގައި ފާހަގަ ކުރެވިފައިވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ތައްޓެވެ. އޭގެ ބަދަލުގައި އޭނާއަށް ކާމިޔާބު ކުރެވިފައިވަނީ ޔުނައިޓެޑާއެކު ޔުއޭފާ ޔޫރޮޕާ ލީގުގެ ތައްޓެވެ.

މީގެއިތުރުން އިބްރަހިމޮވިޗް ވަނީ ސްވިޑެންގެ ޤައުމީ ޓީމަށް 122 މެޗު ކުޅެދީ 62 ލަނޑާއެކު އެ ޤައުމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.



More from PSM News