އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް ސައްތާރު

Fri, 26 Apr 2024 10:56 PM

View on this article on PSM News

އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް ސައްތާރު

އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އާއި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އިންތިޚާބުކުރައްވައިފިއެވެ.

މިއީ ރާއްޖޭގެ ބޭފުޅެއް އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އޭޝިއާ އެކުއަޓިކްސް ބިއުރޯގައި 10 މެންބަރުން ތިބޭއިރު، ސައްތާރު އެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ ކުރިމަތިލެއްވި 19 މެންބަރުންނާ ވާދަކުރައްވައިގެންނެވެ. މި އިންތިޚާބު ބާއްވާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންގްކޮކުގައި މިއަދު ބޭއްވި އޭޝިއާ އެކުއަޓިކްސް އިލެކްޓިވް ޖެނެރަލް ކޮންގްރެސްގައެވެ.

އޭޝިއާ އެކުއަޓިކްސް ބިއުރޯއަށް ސައްތާރު އިންތިޚާބުވެވަޑައިގެންނެވިއިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ވަނީ އިންޑިއަން އޯޝަން އައިިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އޮގަނައިޒިން ކޮމިޓީ (ސީއައިޖޭ) ގެ ނައިބު ރައީސްގެ މަގާމަށްވެސް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފައެވެ. އެމްއޯސީގެ ރައީސްގެ މަގާމު 2021 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފުރަތަމަ ސީއައިޖޭގެ ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ސައްތާރު އަންނަވަނީ ރާއްޖޭގެ ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިންވަނަ ދައުރަކަށް ފުރިހަމަކުރައްވަމުންނެވެ.





More from PSM News