އޮތެންޓިކް މޯލްޑިވްސްގެ ތޮއްޑޫ ފިހާރައަށް ސަޕްލައި ކުރާނެ ދިވެހި އުފެއްދުންތެރިން ހޯދަނީ

Tue, 07 May 2024 11:52 PM

View on this article on PSM News

އޮތެންޓިކް މޯލްޑިވްސްގެ ތޮއްޑޫ ފިހާރައަށް ސަޕްލައި ކުރާނެ ދިވެހި އުފެއްދުންތެރިން ހޯދަނީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގާ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އއ.ތޮއްޑޫގައި ހުޅުވުމަށް ޓަކައި އެ ފިހާރައަށް ސަޕްލައި ކުރާނެ ދިވެހި އުފެއްދުންތެރިން ހޯދުމަށް އިޢުލާންކޮށްފިއެވެ.

އއ. ތޮއްޑޫގައި ޤާއިމުކުރާ ފިހާރައަކީ އޮތެންޓިކް މޯލްޑިވްސްއިން ދިވެހި އުފެއްދުންތެރިންނާއި ވިޔަފާރިތަކަށް ދޭ އެހީތެރިކަން ފުޅާކުރުމަށް ޓަކައި އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޤާއިމު ކުރާ ފިހާރައެކެވެ.

2020 ވަނަ އަހަރު އުފެދުނު އޮތެންޓިކް މޯލްޑިވްސްއިން ވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި ފިހާރަތައް ޤާއިމުކޮށްފައެވެ. އެގޮތުން މި ފިހާރަތައް ޤާއިމުކުރެވިފައިވަނީ މާލެ، ކްރޮސްރޯޑްސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

54 ސަޕްލަޔަރުންނާއެކު ފެށި މި މަޝްރޫޢުގައި 300 އަށް ވުރެ ގިނަ ސަޕްލަޔަރުން ހަރަކާތްތެރިވަމުން ދާއިރު، އއ. ތޮއްޑޫގައި ޤާއިމުކުރާ ފިހާރައަށް ސަޕްލައި ކުރުމަށް ހުޅުވާލެވިފައިވާ މި ފުރުޞަތުގެ ތެރެއިން އިތުރު ވިޔަފާރިތަކަށް ފުރުޞަތު ފަހިވެގެންދާނެކަމަށް ބީ.ސީ.ސީން ބުނެއެވެ.

އަދި އެ ފިހާރައިގެ ސަބަބުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ އުފެއްދުންތެރިންނަށް އައު ބާޒާރުތަކަށް ފުރުޞަތު ހުޅުވި، ސަރަހައްދުގެ އިޤްތިޞާދު ތަރައްޤީވުމަށް މަގުފަހި ވެގެންދާނެ ކަމަށް ބީސީސީއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، އޮތެންޓިކް މޯލްޑިވްސް ތޮއްޑޫ ފިހާރައިގެ ސަބަބުން އެ ސަރަހައްދުގެ މުއްސަނދި ތާރީޚާއި ތަރިކައާ ގުޅުންހުރި މަސައްކަތްތަކުގެ ތެރެއިން ސަރަޙައްދީ އިޤްތިޞާދަށް ބޭރު ފައިސާ ހޯދުމަށް ލިބޭނެ ފުރުޞަތަކަށްވެސް ވެގެންދާނެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަށް އއ. ތޮއްޑޫއިން ކުރާ މަސައްކަތްތަކުގެ ތެރެއިން، އޮތެންޓިކް މޯލްޑިވްސް މަރުކާގެ ފިހާރައެއް އައުމާއެކު އެ ސަރަޙައްދަށް ދަތުރު ކުރާ ފަތުރުވެރިންގެ މެދުގައި ދިވެހިންގެ އުފެއްދުންތަކަށް އޮންނަ ޝައުގުވެރިކަން އިތުރުވެގެންދާނެކަންވެސް އެ ކޯރޕަރޭޝަނުން ފާހަގަކުރެއެވެ.





More from PSM News