ޓެންޒެނިޔާގައި ފެންބޮޑުވެ 155 މީހުން މަރުވެއްޖެ

Sat, 27 Apr 2024 12:18 AM

View on this article on PSM News

ޓެންޒެނިޔާގައި ފެންބޮޑުވެ 155 މީހުން މަރުވެއްޖެ

އިރުމަތީ އެފްރިކާގެ ޤައުމެއް ކަމުގައިވާ ޓެންޒެނިޔާއަށް ބޯކޮށް ވާރޭވެހި, ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި 155 މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ އިތުރުން ޓެންޒެނިޔާގެ ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ވެސް ކެނޑިފައިވެއެވެ. މި ކަމާ ގުޅިގެން އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ މަދަރުސާތަކާއި އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

އެ ޤައުމުގެ ބޮޑުވަޒީރު ކާސިމް މަދަލިވާ ވިދާޅުވީ ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 155އަށް އުފުލިފައިވާ ކަމަަށާއި, އިތުރު 236 މީހަކަށް އަނިޔާވެފައިވާ ކަމުގައެވެ. އަދި, ފެންބޮޑުވުމާ ގުޅިގެން 51,000އަށް ވުރެ ގިނަ ގެއަކަށް ގެންލުުންވެ, 200,000އެއްހާ މީހުން ހާލުގައި ޖެހިފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން ގެދޮރުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއީ, މޫސުމަށް އަންނަ ބަދަލެއް ކަމުގައިވާ އެލް ނީނިޔޯގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން ޢާންމުން ދިރިއުޅޭ ގެދޮރުގެ އިތުރުން ޓެންޒެނިޔާގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކާއި, ބުރިޖުތަކާއި ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

"އެލް ނީނިޔޯއާ ގުޅިގެން ބޯކޮށް ވާރޭވެހި, ވައި ބާރުވެ ބައެއް ސަރަޙައްދުތަކުގައި ވަނީ ފެންބޮޑުވެފައި. އަދި, ބިންގަނޑު ކެނޑުމާ ގުޅިގެން ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު،" މަދަލިވާ ވިދާޅުވިއެވެ.

ޖަންގަލިތަކުން ގަސް ކެނޑުން އިތުރުވުމާއި, ދަނޑުވެރި ކަމުގައި ބޭނުން ކުރާ ތިމާވެއްޓާ ބީރައްޓެހި ގޮތްތަކާއި, ނައަމްސޫފި ހުއިހެއްޕުމުގައި ގެންގުޅޭ އާދަކާދަތަކާ ގުޅިގެން ވެސް އެލް ނީނިޔޯގެ ނުރައްކާތެރި ކަން އިތުރުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އެލް ނީނިޔޯއަކީ ޤުދުރަތީ ގޮތުން އަންނަ މޫސުމީ ބަދަލެކެވެ. މި ބަދަލާ އެކު ދުނިޔޭގެ ބައެއް ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލި, ހަނަފަސްވެ, ބައެއް ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ޓެންޒެނިޔާގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ, ބިން ތިރި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި, ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަދަލިވާ ވަނީ ކަމާ ގުޅޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

އޭޕްރިލް 14ވަނަ ދުވަހު ޓެންޒެނިޔާގެ ސަރުކާރުން ބުނީ, ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 14 މީހުން މަރުވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ. ޓެންޒެނިޔާގެ އިތުރުން އިރުމަތީ އެފްރިކާގެ އެހެން ސަރަޙައްދުތަކަށް ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

މި ގޮތުން, ކެންޔާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 35 މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުން ބުނެއެވެ. ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ކެންޔާގެ ވެރިރަށް ނައިރޯބީއަށެވެ. ކެންޔާގެ އިތުރުން ބުރުންޑީގެ ބައެއް ސަރަޙައްދުތަކުގައި ވެސް ވަނީ ފެންބޮޑުވެފައެވެ.





More from PSM News