މާފަންނު ހުޅަނގު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރު އޮފީހެއް ހުޅުވާ ވަޒީފާ ދެނީ

Fri, 26 Apr 2024 10:43 PM

View on this article on PSM News

މާފަންނު ހުޅަނގު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރު އޮފީހެއް ހުޅުވާ ވަޒީފާ ދެނީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބުވި މުޙައްމަދު މުސްޠަފާ އިބްރާހިމްގެ އޮފީހެއް ހުޅުވައި، ވަޒީފާ އަދާކުރަން ބޭނުންވާ، އެ ދާއިރާގެ ރައްޔިތުންނަށް ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ބޮޑު އަޣުލަބިއްޔަތަކުން، މާފަންނު ހުޅަނގު ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި މުސްޠަފާގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެއްގައި މުސްޠަފާ ވިދާޅުވީ، ދާއިރާއަށް ހޮވިވަޑައިގަތުމަށްފަހު ދެން ނުފެންނާނެކަމުގެ ޝަކުވާ ރައްޔިތުން ކުރިކަމަށެވެ.

އޭނާ ވިދާޅުވީ މެންބަރުކަމުގެ ހުވާކުރުމަށްފަހު ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ މައުލޫމާތާއި، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް އޮފީހެއް ޤާއިމްކުރައްވާނެ ކަމަށެވެ. އަދި މުސާރަ ހިނގާގޮތަށް ވަޒީފާގެ ފުރުޞަތުވެސް އޮފީހުގައި އޮންނާނެ ކަމަށެވެ. އެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވާނެކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދާއިރާގެ ރައްޔިތުންނަށް ސުވާލުކުރެވޭ ގޮތަށް "އަސްކޮ.މުސްތޮ24.ކޮމް'' ނަމުގައި ޕޯޓަލެއްވެސް އޭނާ ވަނީ ތަޢާރަފްކުރައްވާފައެވެ. އަދި އޭނާއާއި ގުޅޭނެ ހޮޓްލައިނެއް ގާއިމްކުރައްވާ އެކަންވެސް ވަނީ އިޢުލާންކުރައްވާފައެވެ.

20 ވަނަ މަޖިލިސް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް 4 ކެންޑިޑޭޓަކު ވަނީ ވާދަކުރައްވާފައެވެ. ޕީ.އެން.ސީގެ ޓިކެޓުގައި މުސްޠަފާ މާފަންނު ހުޅަނގު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، 47.5 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. މަޖިލީހަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ.





More from PSM News