ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 684 މީހަކު ރިޕޯޓްކުރި

Tue, 07 May 2024 09:34 AM

View on this article on PSM News

ޑެންގީ އާއި ޗިކުންގުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 684 މީހަކު ރިޕޯޓްކުރި

ޑެންގީ އާއި ޗިކުންޖުންޔާ ޖެހިގެން މިއަހަރުގެ މިހާތަނަށް 684 މީހަކު ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޮރޯރިޓީ، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެތެރެއިން ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.

މި ފަހަކަށް އައިސް ރާއްޖޭގައި ޑެންގީ އާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދުތައްވެސް އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ކަމާގުޅޭ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ އެކަކުން މެއި މަހުގެ ފުރަތަމަ ހަތްތާގެ ނިޔަލަށް ޑެންގީގެ 660 ކޭސްވަނީ ރިޕޯޓްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 14 ވަނަ ހަފްތާއިން ފެށިގެން ޑެންގޫގެ ކޭސްތައް ރިޕޯޓްކުރާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ 17 ވަނަ ހަފްތާގައެވެ. އެއީ މުޅި ޖުމްލަ 83 ކޭސްއެވެ.

ވަކިވަކި މަސްމަހު ޑެންގޫގެ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދު:

* ޖަނަވަރީ – 146 ކޭސް
* ފެބްރުއަރީ – 116 ކޭސް
* މާރޗް – 119 ކޭސް
* އޭޕްރީލް – 239 ކޭސް
* މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް - 40 ކޭސް

އެންމެ ގިނައިން ޑެންގޫގެ ކޭސްތައް ރިޕޯޓްކޮށްފައިވާ 5 ސަރަހައްދުތައް:

* ހުޅުމާލެ – 142 ކޭސް
* މާލެ – 47 ކޭސް
* ކ. އަތޮޅު – 32 ކޭސް
* ހދ. އަތޮޅު – 13 ކޭސް
* ސ. އަތޮޅު – 11 ކޭސް

ޑެންގީގެ އިތުރު ޗިކުންގުންޔާގެ ކޭސްތައް ރިޕޯޓްކުރާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 28 އޭޕްރީލުން މެއި 4ގެ ނިޔަލަށް 240 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މިފަހުން ކޭސްތައް ރިޕޯޓްކުރާ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ނިމުނު ހަފްތާގައި އެކަނިވެސް ޗިކުންގުންޏާގެ 117 ކޭސް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކިވަކި މަސްމަހު ރިޕޯޓްކޮށްފައިވާ އަދަދު:

* މާރޗް – 5 ކޭސް
* އޭޕްރީލް – 177 ކޭސް
* މެއި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް – 58 ކޭސް

ޗިކުންގުންޔާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ސަރަހައްދުތައް:

* މާލެ – 193 ކޭސް
* ހުޅުމާލެ – 40 ކޭސް
* ހއ. އަތޮޅު – 2 ކޭސް

ޗިކުންގުންޔާއަކީ ޑެންގޫ ހުން ފަތުރާ އީޑީސް މަދިރިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލި ޖެހުމުން ހުޅުހުޅުގައި ރިއްސައި، ބައެއް ފަހަރު ހުޅު ދުޅަވެ އެކަމުގެ އުނދަގޫ ބަލި ރަނގަޅުވުމުންވެސް ގިނަ ދުވަސްތަކަކަށް ދެމިގެންދެއެވެ.

މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3 ދުވަހާއި 7 ދުވަހުގެ ތެރޭގައެވެ. މިހާތަނަށް ބަލިޖެހިފައިވާ މީހުންގެ ތެރެއިން ގިނައީ އުމުރުން 25 އަހަރުން މަތީގެ މީހުންކަމަށް އެޗްޕީއޭއިން ބުނެއެވެ.





More from PSM News