އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި

Tue, 07 May 2024 10:22 AM

View on this article on PSM News

އަރަބިއަން ޓްރެވެލް މާކެޓްގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން އަރަބިއަން ޓްރެވެލް މާކެޓް، އޭޓީއެމްގައި ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ.

މި ފެއަރ ކުރިއަށްދާނީ މި މަހުގެ 6 އިން 9 އަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ހުންނަ ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

އޭޓީއެމް ފެއަރގައި އެމްއެމްޕީއާރުސީއާއިއެކު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 253 މަންދޫބުން ބައިވެރިވެއެވެ. އެމްއެމްޕީއާރުސީއިން ބުނީ މި ހަރަކާތްވެގެންދާނީ މެދުއިރުމަތީގެ ދަތުރުފަތުރުގެ ދާއިރާގައި ދިވެހިރާއްޖޭގެ ނަން ފުޅާވެގެންދާނެ ހަރަކާތެއްގެ ގޮތުގައިކަމަށެވެ. އަދި، މެދުއިރުމަތީގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުންތައް އާލާކުރަންލިބޭ މި ފަހި ފުރުސަތުގެ ސަބަބުން، ދިވެހިރާއްޖޭގެ މާކެޓުގައި ފަތުރުވެރިކަމަށް ލިބޭ މަޤްބޫލުކަން އިތުރުވެގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

ފެއަރގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ ހުށަހެޅުންތައް އެހެން ޤައުމުތަކާ ހިއްސާކުރުމަށާއި، ސަރަހައްދީ އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ މާހިރުންނާއެކު ކައިރިން މުއާމަލާތްކޮށް ގުޅުންބަދަހިކުރުމަށް މަގުފަހިކޮށްދޭނެއެވެ. މި އިވެންޓުގައި ބައިވެރިވުމުން، ދިވެހިރާއްޖޭއަކީ ފަތުރުވެރިން އަންނަ އެންމެ މަޤްބޫލު މަންޒިލަށްވުމުގެ އިތުރުން، މިއީ ދަތުރުކުރުމަށް ރައްކާތެރި ތަނެއްގެ ގޮތުގައި ދައްކުވައިދިނުމަށް ލިބޭ ފުރުޞަތަކަށްވެސް ވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

"އޭޓީއެމް 2024" އަކީ މި ދާއިރާގެ މީހުންގެ ވަކިވަކި އުފެއްދުންތަކާއި ފަތުރުވެރިކާގުޅޭ ތަންތަން ދައްކާލުމަށް ފުރިހަމަ ތަސައްވަރެއް ގެނެސްދޭ ތަޖުރިބާއަކަށް ވެގެންދާނެ ހަރަކާތެކެވެ. އޭޓީއެމް ފެއަރގެ ތެރެއިން "މޯލްޑިވްސް މީޑިއާ މީޓް" ގެ ނަމުގައި ރާއްޖެއާއި ބެހޭ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއްވެސް ވަނީ ބާއްވާފައެވެ.

މިއީ އޭޓީއެމް ފެއަރ ބާއްވާ 29 ވަނަ އަހަރެވެ. އަރަބިއަން ޓްރެވަލް މާކެޓަކީ މެދުއިރުމަތީގައި ވަރަށް މަޝްހޫރުކަން ހޯދާފައިވާ ޕްރިމިއާ ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުން އެއްތަނަކުން ބައްދަލުވެ، ގުޅުން ގާއިމުކޮށް އާވިޔަފާރީގެ ފުރުސަތުތައް ހޯދައިދިނުމެވެ.

މިއަހަރުގެ ޝިއާރަކީ "ޓްރާންސްފޯމިންގ ޓްރެވަލް ތްރޫ އެންޓްރަޕްރިނިއަރޝިޕް" އެވެ. މި ފެއަރގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގައި ފަތުރުވެރިކަމާއި ވިޔަފާރިވެރިކަމުގައި މުޖުތަމައު ބާރުވެރިކުރުމާއި، އަމިއްލަ އެފެއްދުންތެރިކަން އިތުރުކުރުމާއި، އާމްދަނީ އިތުރުވުމާއި އަދި ދިގުމުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމާބެހޭ ކަންކަން ކުރިއަށް ގެންދިއުމެވެ.





More from PSM News