ސްޕެއިންގެ ޖަންގަލިތަކުގައި ރޯވެ ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް

Sat, 25 Mar 2023 01:56 PM

View on this article on PSM News

ސްޕެއިންގެ ޖަންގަލިތަކުގައި ރޯވެ ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް

ސްޕެއިންގެ އިރުމަތީގައިވާ ވެލެންސިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި، ގިނަ ޢަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ. ވެލެންސިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން މިހާރު ވެސް 30 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް މުޅިން އަނދާފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ވިދާޅުވެއެވެ.

މި އަލިފާންގަނޑުތައް މިހާރު ވަނީ ވެލެންސިޔާގެ ޢާންމުން ދިރިއުޅޭ ބައެއް ސަރަޙައްދުތަކަށް ފެތުރިފައެވެ. އަދި، ގެދޮރަށް ނުރައްކާވެފައިވާ 1,500 އަށްވުރެ ގިނަ މީހުން މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އޭގެ ތެރެއިން ބައެއް ގެދޮރާ ހަމައަށް މިހާރު އަލިފާންގަނޑު ފެތުރިފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

ވެލެންސިޔާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގެ މަސައްކަތުގައި 500 އަށްވުރެ ގިނަ މީހުންގެ ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތުގައި 18 އަލިފާން ނިއްވާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ދަނީ ބޭނުން ކުރަމުންނެވެ. ނަމަވެސް، އަލިފާންގަނޑު މުޅިން ކޮންޓްރޯލް ކުރެވޭ ގޮތް އަދި ވަނީ ނުވެފައެވެ.

ވެލެންސިޔާގެ އަށް އަވަށެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުން މިހާރު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމުގައި އެ ސަރަޙައްދުގެ އިސް އޮފިޝަލެއް ކަމުގައިވާ ގެބްރިއޭލާ ބްރާވޯ ވިދާޅުވިއެވެ. އަލިފާންޑުތައް ފެތުރިފައިވާ ބައެއް ސަރަޙައްދުތަކުން މިހާރު ކަރަންޓުގެ ޚިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ.

ސްޕެއިންގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ވެލެންސިޔާ ސަރަޙައްދުގެ ވައިގެ ތެތްކަން ދަށްވެ، ވައި ގަދަވުމުގެ ސަބަބުންނާއި، ހިނިފޫނުމިން 20 ޑިގްރީ ސެލްސިއެސްއަށް އުފުލުމުގެ ސަބަބުން އަލިފާންގަނޑުތައް ނިއްވައިލުމަށް ކުރަމުންދާ މަސައްކަތްތައް ހުރަސްއެޅެމުންދާ ކަމުގައެވެ. 20 ޑިގްރީ ސެލްސިއެސްއަކީ އަހަރުގެ މިހާތަނަށް ބަލާއިރު ޢާންމުކޮށް ފިނިހޫނުމިން ހުންނަ މިންވަރަށް ވުރެ މަތީ ޢަދަދެކެވެ.\

މިއީ، ސްޕެއިންގެ ޖަންގަލިތަކުގައި މި އަހަރު ރޯވި ފުރަތަމަ އަލިފާންގަނޑެވެ. 2022 ވަނަ އަހަރު އެ ޤައުމުގެ ޖަންގަލިތަކުގެ 493 ސަރަޙައްދެއްގައި ރޯވިއެވެ. އަދި، 3,070 އަކަ ކިލޯމީޓަރުގެ ޖަންގަލި އަނދައި ހުލިވިއެވެ. 2022 ވަނަ އަހަރު ވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގެ ޤައުމުތަކުގެ ޖަންގަލިތަކުގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، 7,850 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް އަނދައި ހުލިވިއެވެ. އެއީ، އޭގެ ކުރީގެ އަހަރުތަކުގެ އެވްރެޖާއި އަޅައިބަލާއިރު ދެގުނައަށް ބޮޑު ސަރަޙައްދެކެވެ.



More from PSM News