އަލިވިލުން - 11

Sat, 19 Oct 2024 12:40 AM

View on this article on One Online

އަލިވިލުން - 11

"ތަނީޝާއާ ހެދި ދެވަނަ ލަނޑެއް ލިބޭކަށް ބޭނުމެއް ނޫން، ހަމަ ތެދެއް މިބުނީ، މިތަނަށް އައިސް އޭނަ ފާޑުފާޑަށް ތެޅޭތަން ފެނުނީމަ ކަލޭ ހާސްވެ ދުނިޔެ ރަންވާކަށް އަހަރެމެން ދޫނުކުރާނަން.... އަހަރުންނަކަށް ކަލެއަކަށްވުރެ ތަނީޝާ މުހިންމެއްވެސް ނުވާނެ، އެކަން ކަލޭ ހަނދާން ނައްތާނުލާތި... އާނ، ކުރިން އަހަރެން ހީކުރީ އެއީ ވަރަށް މައުސޫމު ސީދާސާދާ އަންހެންކުއްޖެއް ކަމަށް، އެކަމަކު ހަގީގަތް އެނގުނުއިރު ޖަންގަލީގައި އުޅޭ ހިޔަޅުވެސް ބިރުގަންނަހާ އޭނާގެ މަކަރުވެރިކަމާއި ހީލަތްތެރިކަން ބޮޑު. އަމިއްލަ އެދުމާއި ދުނިޔޭގެ އެދުން ނޫން އެހެން އެއްވެސް އެއްޗެއް އޭނާގެ ހިތާއި ސިކުނޑީގައި ނުހުރޭ.... އެވަރުގެ އަންހެނެއްގެ ދައްތައަކަށް ކަލޭ ވީ ކިހިނެއް ކޮންފަދައަކުން ބާ އޭ ހިތަށް އަރާ....."

ލާނާ އިނީ ބަސްހުއްޓިފައެވެ.. ރޫހީން ދައްކަމުން ދިޔަ އެއްވެސް ވާހަކައެއް އަޑު ނީވޭ ކަހަލައެވެ.

"އޭތް ލާނާ... އަޅޭ..... އިމޯޝަނަލް ފޫލް.... ބޭކާރުކަންކަމާ ނުވިސްނައި ހަމަޖެހިބަލަ...."

ލާނާގެ ދެކޮނޑުގައި ހިފައި ތަޅުވާލަމުން ރޫހީން ގޮވާލިއެވެ.

"ނުވިސްނައި ކީއްކުރާނީ....؟ މައިންބަފައިންނަކީ ތިއްބަސް ހަމަ ނެތް ބައެއް، ކަމައަށް އަހަރެންގެ ބޭނުންޖެހޭނެ، މިތަނަށް ގެނެސްދާނެތީ ކަންބޮޑުވަނީ މިތަނުގައި އަހަރެން އޭނަ ގެންގުޅޭނީ ކިހިނެއްބާއޭ ހިތަށް އަރާފައި...." ލާނާގެ އަޑުގައި ހުރީ ހަގީގަތުގައިވެސް ކަންބޮޑުވުމާއި ހާސްކަމެކެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. މިއީ މާފުށީ ޖަލެވެ. މިތަނުގައި އާއިލީ ގުޅުމަށް ބަލައިގެން އުޅޭކަށް ފަސޭހައެއް ނުވާނެއެވެ. އަމުދުން ތަނީޝާ ކަހަލަ އަންހެންކުއްޖަކު މިތަނުގައި ގެންގުޅޭނީ ކިހިނެއް ހެއްޔެވެ. އެއްވެސް މީހެއްގެ ބަސް ގަބޫލު ކުރާ ކަހަލަ އަންހެންކުއްޖެއް ނޫނެވެ. ހިތަށް އެރި ގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް އަބަދުވެސް ކަންތައް ކުރާ ކުއްޖެކެވެ. ދާދި އިހަކަށް ދުވަހު އެންމެ ނަވާރަ އަހަރު ވިއެއް ކަމަކު ތަނީޝާއަކީ އަދިވެސް ލާނާއަށްޓަކައި ހަމަ ކުޑަކުއްޖެކެވެ.

"އޭތް... ކާންދޭ ބަލައި ޑިއުޓީ އެބައާދޭ....." ބަންކަރުން ނުކުމެގެން ހިނގައިގަތް ޑިއުޓީ އޮފިސަރުން ފެނިފަ ރޫހީން ބާރަށް ގޮވާލިއެވެ. ރޫހީންގެ އަޑު އިވުމާއެކު ހަ ނަންބަރު ގޮޅިން ދުވެފައި ނުކުތީ ޝަރޫނާއެވެ. ބޮލަށް ބުރުގާ ފައްތަމުން އަވަސް އަވަސްކޮށްގެން ހިނގައިގަތް ޝަރޫނާ އޭނާގެ ފަހަތުން އައިސް އައިސް ހުރި ޒޭނާއަށް ބަލައިލަމުން އުފާވެފައި ހުރެ ރޫހީނަށް ޝުކުރު އަދާކުރިއެވެ.

"ކަލޭ ތިދަނީ ކޮންތާކަށް....؟" ހަ ނަންބަރު ގޮޅިން ނުކުތީ ޝަރޫނާގެ ސެލްމޭޓް ނަދީމާއެވެ. ދެބައި އުމުރުގެ އަންހެނަކަށްވެފައި ތަންކޮޅެއް މަޖާ މިޒާޖެއްގެ މީހަކަށްވިޔަސް ބައެއް ފަހަރު އެންމެން ދެކެ ރުޅިއައިސް ހަޅޭއްލަވާފާނެއެވެ. އެހެންކަމުން ނަދީމާގެ މޫޑު ރަނގަޅަށް ހުރީ މިވެނި ގަޑިއެއްގައޭ ބުނަން އެއްވެސް މީހަކަށް ފަސޭހަ ނޫނެވެ.

"މިދަނީ.... ބަރޯ.... ބަރޯއަށް ދާން....." ޝަރޫނާ ހުއްޓިފައި އަވަސް އަވަހަށް ބުނެލިއެވެ. އޭރު ޑިއުޓީ ކޮރިޑޯ ދޮރާ އަރައި ހަމަވެއްޖެއެވެ.

"ނަދީމާއްތާ.... ޑިއުޓީ ދޮރު ހުޅުވައިގެން އެތެރެއަށް ވަދެގެން އަތުވެއްޖެ ނަމަ ޗާޖަށް ޖަހާފައި ހުރި ހުރިހާ ފޯނެއް ދާނެ.... ފޯނުތައް ގެންދިޔައިމަ ބެންކުތަކުން ނަގާފަ ހުރި އާ އެތިކޮޅު ދާނީ... ޝަރޫ އެދަނީ އަހަރެން ބަލިވެ އުޅޭތީ..... އެވަރުގެ ކަމެއް ނޫނެއްނު އެއީ...." ޝަރޫނާއާ މެދު ނަދީމާ ދެކެނީ ދަރިއެއް ގޮތަށް ކަން ޖަލުގައި އުޅޭ އެންމެނަށްވެސް އެނގެއެވެ. އެހެންކަމުން ޝަރޫނާގެ ކޮންމެ ކަމަކަށްހެން މަންމައެއްހެން ނަދީމާ ބާރު ފޯރުވާކަންވެސް އެއީ އެންމެން ދަންނަ ކަމެކެވެ.

"ހޫނ....ހެޔޮ....ދޭ... އެކަމަކު ބަލައިގެން ދާތި. މި މާ ވިއްސާރަ ރޭގަނޑެއް... ބަދިގެއަށް ދާއިރު ކުރުސި ކިޔަމުން ދާތި.... ގަސްތަކުގައި އެއްޗެހިއެއްޗެހި އުޅޭނެ.... މިތަނަށްވެސް ދޭތެރެދޭތެރެއިން އުނދަގޫ ފޯރުވާ އެއްޗެހި އުޅޭނެ، އެވަރު ވިސްނައިގެން ދާތި...."

ނަދީމާ ކުދިކިޔަމުން ގޮޅިއަށް ވަދެއްޖެއެވެ. އަދި ރޫހީންއަށް ހިނިތުންވުމެއް ދެމުން ޝަރޫނާ، ޒޭނާގެ އަތުގައި ހިފައިގެން ކޮރިޑޯއިން ބޭރަށް ނުކުންނަ ދޮރާ ދިމާއަށް ހިނގައިގަތެވެ.

"ކާ އެއްޗެހި ނުނަގާނެއެއްނު.... މިރޭ ކާން ނޫޑުލްސް ހަދާނީ....ދޯ....؟" ލާނާގެ މޫޑު ގޯސްވެފައި ހުރިކަން އެނގޭތީ ހަމަޖައްސާލަން ރޫހީން ބުނެލިއެވެ. އަދި ރޫހީންއަށް އާއެކޭ ބުނުމުގެ ގޮތުން ލާނާ ބޯޖަހާލިއެވެ.

"އެންމެ ރަނގަޅު.... ހިނގާ ނަމާދަށް... ނިމިގެން ކާން ތައްޔާރު ކުރާނީ، އޯކޭ... ދެން ހަމަޖެހިލާ.... މާދަމާ އިރުއެރީމަ ތަނީޝާގެ ކަންތަކާ އުޅޭނީ...."

ލާނާގެ އަތުގައި ހިފައިގެން ގޮޅިއާ ދިމާއަށް ދަމުން ރޫހީން ބުނެލިއެވެ. މި މަންޒަރު ބަލަން ބީ ކޮރިޑޯގެ 5 ނަންބަރު ގޮޅި ކުރިމަތީ ފެންސު ކައިރީ ގޮނޑި އަޅައިގެން ތިބި ރަމްލާއާއި އަޒާލަ އެކަކު އަނެކަކަށް ބަލައިލިއެވެ.

"ހިތުން ދެން ނިކަން ސްމާޓް މީހެއް މި ރޫހީނަކީ.... ލާނާގެ ފަހަތުގައި ހިއްޕާލައިގެން އުޅޭއިރު ހީވަނީ ދަރިއެއް ފަހަތުން އަމާ އުޅޭހެން...." ލާނާއާއި ރޫހީން ދެ މީހުންގެ ދެ ގޮޅިއަށް ވަދެ ދޮރު ލައްޕާލި މަންޒަރު ބަލަން އިނދެފައި އަޒާލް ބުނެލިއެވެ.

"ޖާނާ.... ލާނާއަށް ތިހާ ފޯރި ހުންނަނީ ކޮންކަމަކާ.... އެ އިހަށް ދުވަހު މިތަނަށް އައިސް ފުންމާލައިގެން އުޅޭ ބައެއް.... އެމީހުންނާ އަހަރެމެންނާ ކޮން ގުޅުމެއް....." ރަމްލާ އަހާލިއެވެ.

"ރަމްޓީއަށް ވެސް އެނގެއެއްނު..... ލާނާ އަތުގައި ލާރި އޮންނާނެ.... މާލޭ މީހެއްގެ ދަރިއެއް.... އަމިއްލަ ވިޔަފާރިއެއް އޮވޭ.... މިތަނުގައި ހުއްޓަސް ބަރާބަރަށް ލާރި ލިބޭ.... އަހަރެމެންނަށް އޭނަގެ ބޭނުން ކިހާ ރަނގަޅަށް ހިފޭނެ.... އެ ހަމަ ރަންބިސް އަޅާ ކުކުޅެއް،.... އެކަމަކު ނަސީބު ކުޑަ ރޫހީން އެތަނަށް ފާވެގަނެގެން އުޅޭތީ މައްސަލައަކީ.... ތާތިއާއި ޒޭނާގެ ބޮލަށް ޗިޕް ޖެހިދާނެ... އެކަމަކު އެ ރޫހީން.... އޭނަގެ ބޮލަށް ހަމަ ހިލާ ހުތެއް ނުފިތޭނެ... އެއަށްވުރެ މާ ހިޔަޅު ގޮލައެއް އެއީ....."

ތެދެކެވެ. ޖަލު ދޮރާށިން ވަން ދުވަހުން ފަށައިގެން ލާނާއާ ގާތްކަމެއް އެކުވެރިކަމެއް ބެހެއްޓޭތޯ އެންމެން ކުރަމުން އައި މަސައްކަތްތައް ފެނަށް ހަދަމުން އަންނަނީ ރޫހީނެވެ. ހާއްސަކޮށް ރަމްލާއާއި އަޒާލައާ ވީހާވެސް ދުރުގައި ލާނާ އުޅޭތޯ ކުރެވެން އޮތް ހުރިހާ ކަމެއްވެސް ރޫހީން އަންނަނީ ކުރަމުންނެވެ. ހަތަރު އެކުވެރިން ޖަލަށް އައި ވަގުތުން ފެށިގެން ޖަލުގައި ކުރިން އޮތް އެތައް ކަމެއް އެތައް ގޮތަކުން ބަދަލު ވެއްޖެއެވެ. އަދި އަހަރު ދުވަސްވެސް ނުވާއިރު މުޅި ޖަލުގައި ބަސްވިކޭ ބަޔަކަށް އެމީހުން ވެއްޖެއެވެ. އޭގެ މައި ރޯލު އަދާ ކުރާ ސިކުނޑީގެ ވެރިއަކީ ރޫހީނެވެ. ރޫހީންގެ ބަހާ ހިލާފަށް އަނެއް ތިން މީހުން އެއްވެސްކަމެއް ނުކުރާނެއެވެ. އަމުދުން ޖަލުތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުމާއި ވެއްދުމާއި ވިޔަފާރި ކުރުމާ ކަނޑައެޅިގެން ދެކޮޅު ހަދަން ކެރޭ ހަމައެކަނި މީހަކީވެސް ރޫހީނެވެ. ރޫހީނަށް ނާންގައި ބައެއްފަހަރު ތާތިއާއި ޒޭނާގެ ސިކުނޑިއާ ކުޅެވޭތޯ ކުރާ މަސައްކަތުގެ 30 އިންސައްތަ ނަމަވެސް ކާމިޔާބުވަނީ ރޫހީނަށް އެނގުމާ ހަމައަށެވެ. ރޫހީންގެ ކަންފަތަށް ހަބަރު ލިބުމާއެކު އަނެއްކޮޅަށް ޒޭނާއާއި ތާތި ގެންދިއުމަކީ ރޫހީނަށް ހަމަ އެއްވެސް ކަމެއް ނޫނެވެ. ދެން ހުރީ ލާނާއެވެ. ލާނާ މުށުތެރެއަށް ލެވޭތޯ ކުރި މަސައްކަތް މިއަދުން މިއަދަށް ރޫހީން ނާކާމިޔާބު ކޮށްފިއެވެ.

"ނަމޫނާ ފްރެންޑްޝިޕް ފެތި ޣަރަގުވާނެ މުޖައްރިބު އެއް ފަންޑިތަ ބުނެދެންތަ؟" އަޒާލަގެ ކަންފަތްދޮށުގައި ރަމްލާ ބުނެލިއެވެ.

"ބުނަން.... އެހާ ތެދުވެރި ފްރެންޑްޝިޕެއް ފައްތާލެވޭނީ އެންމެ ގޮތަކަށް، އެއީ ދެ އަންހެނުން، އެ ދެމެދަށް ގެންނަންވީ އެ ގުޅުމަށްވުރެ ގަދަވާނެ ގުޅުމެއް.... ބަލަންވީ ދެމީހުންގެ ރުހުންވެސް އޮންނަ ވަރުގެ ބިޓެއް އަތުޖައްސަން، އޭރުން ޓަޓަސް ޓަސް ލާފަ ތިކަން ނިންމާލެވިދާނެ....."

"އެހެންވާނީ ކިހިނެއް.... ލާނާ އުޅެނީ ފިރިހެންފަޅިން ހަސަންއާ ރައްޓެހިވެގެނެއްނު، ކިޔާތީ އަޑުއިވޭ އިންނަން އުޅޭ ވާހަކައެއްވެސް....." އަޒާލަ ބުނެލިއެވެ.

"ސާބަސް.... އެ ލާނާ ތީ މާ މަތީ ކުޅުންތެރިއެއް.... ގޭގައި ވިލިނީ، ފިރިމީހާގެ ގޭގައި ވިނީ... ހަސަން ކުރިމަތީގައި ލާނާ..... ތަންމޭ ކުރިމަތީގައި ވިންނީ... ވާހްވާހް.... އެވަރުގެ މީހަކު ހަސަނާއި ތަންމޭ ކަހަލަ މީހަކާ ނީންނާނެ،.... މިހާރުވެސް ނިކަން ޖައްސަބަލަ ރަނގަޅު އެއްޗެއް... ޓަސްޓަސް ލާފައި ތޮށިގަނޑުން ނުކުމެ ކޮންމެވެސް އާ ނަމެއް ހަދާނެ...." ރަމްލާ ވާހަކަދެއްކިއެވެ.

"ތަންމޭ ތިބުނީ އެ ކެލާ ޑީލަރު ތައުމީރު.....؟" އަޒާލަ އަހާލީ ހައިރާންވެފައެވެ.

"އާނ... އެހެންވީމައޭ މި ބުނަނީ.... ކޮންމެވެސް ރަނގަޅު ގޮތެއް ވިސްނަން ހިނގާށޭ.... ތިގޮތަށް އުޅޭ ނަމޫނާ އެކުވެރިންގެ ގުޅުމުގެ ވާފަށް ވަރަށް ނިކަމެތި ވާނެ.... ފިސާރި އަވަހަށް ކަނޑައިގެން ދާނެ...." ރަމްލާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން އަޒާލަ ބޯ ޖަހާލިއެވެ.

*************

ބުރަ ދުވަހެއްގެ ޑިއުޓީ ނިންމާލުމަށް ފަހު ގެއަށް ވަނުމާއެކު ނަޒްމާނަށް ލިބުނީ ކުއްލި ސިހުމެކެވެ. ގޭތެރެއިން ފުންމައިގެން އައިސް އޭނާގެ ކޮނޑުގައި އެލިގަތީ ތޭރަ ވަރަކަށް އަހަރުގެ އަންހެންކުއްޖެކެވެ. އެއާއެކު ގޭތެރެއިން އެއްއަޑަކުން އެންމެން "ހެޕީ ހެޕީ ބަރތުޑޭ، އެންޑް ކޮންގްރެޖުލޭޝަންސް ޗީފް ސުޕަރއިންޓެންޑް ނަޒްމާން އަޝްހަދު...." ތަހުނިޔާ އާއި މަރުހަބާގެ އަޑުތަކާއި އެކުވެގެން ވަޔާއެކު ބުރައިގެން އައި ކޮންފެޓީގެ ކުދިކުދި ކަރުދާސްކޮޅުތަކުން ސަލާމަތްވުމަށްޓަކައި އޭނާ މޫނު އަނބުރާލިއެވެ. އެ ހިނދު، ކޮންފެޓީ ބަޑި ހިފައިގެން، އުފާވެރިކަމާއެކު ކަރުދާސްކޮޅުތައް ވަޔަށް ބުރުވަމުން އައިސް ގޮވާލީ އޭނާގެ ލޯބިވާ މަންމައެވެ. މަންމަގެ އަޑު ގިނަ ދުވަސްތަކަކަށްފަހު ކައިރިން އިވުމުން ނަޒްމާންގެ ހިތް ވިރިގެން ދިޔަކަހަލައެވެ.

"މަންމަ އައީ ކޮންއިރަކު....؟" ހައިރާންކަމާއި އުފާވެރިކަން އެކުލެވިފައިވާ އަޑަކުން ނަޒްމާން މަންމައަށް ގޮވާލަމުން އަހާލިއެވެ.

"އަންގާވެސް ނުލާ.... ދެން މި ކޮންހާ ކަމެއް.... މުޅި ގެއަށް ކުންޏެއްނު ތި އެޅީ.... ކޮންފެޓީ ބުރުވަން މަ މީ ކުޑަކުއްޖެއްތަ....؟"

ސިޓިންގރޫމު ތެރެއަށް އިޝާރާތްކޮށްލަމުން ނަޒްމާން ބުނެލިއެވެ. އަދި މަންމަގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި މަންމަ ބައިންދަމުން އަނެއްކާވެސް އަހާލިއެވެ. "އަޅެ މަންމާ، ކޮންއިރަކުހޭ އައީ....؟ އަންގާލުމެއްވެސް ނެތި..."

"މަންމަ އެ އިނީ ރުޅިވެފައި... ނަޒްމާން ކޮއްކޮއަކަށް މިފަހަރު އެއްވެސް މަކަރެއް ނުހެދޭނެ.... މަންމަ އައިސް އެއިނީ ހުވާކޮށްގެން..." ފިނި ޖޫސްތަށިތަކެއް ހުރި ތަބަކެއް ގެނެސް ސޯފާއާ ދިމާލުން ކުރިމަތީގައި ހުރި ތިރިމޭޒުމަތީގައި ބަހައްޓަމުން ވާހަކަ ދެއްކީ ނަޒްމާންގެ އެއްބަނޑު އެއްބަފާ ދައްތަ ނާޒިޔާއެވެ.

"ތެދެއް ތިއްތިބޮޑުބޭބޭ.... މާމަ އެ އިންނެވީ ނަދުރެއް ބުނުއްވައިގެން ދުރުވެ.... ކޮކީމެނަށްވެސް ނޭނގޭ މާމަ ދުރުވާ ކަމެއް... ގެއަށް ދުރުވެ ގޮވާލެއްވީމަ އެނގުނީ މާމަ ދުރުވި ކަމެއް....." ގޭގެ ދޮރުމަތިން އެންމެ ފުރަތަމަ ނަޒްމާނަށް މަރުހަބާ ކިޔައި ހަޅޭއްލެވި އަންހެންކުއްޖާއަކީ ނަޒްމާންގެ ދޮންދައްތަގެ އިން ހަމަ އެންމެ ދަރިފުޅެވެ. ސޯފާގައި ނަޒްމާންގެ ގާތުގައި އިށީންނަމުން ވާހަކަ ދެއްކި ޖޫނީއަށް ނަޒްމާން ބަލައިލީ ސުވާލުގެ ލޮލަކުންނެވެ.

"ތިއްތިބޮޑުބޭ... ޖޫނީއަށް ވިއަރޑް ލޮލަކުން ބަލާނެ ކަމެއް ނެތް... މާމަގެ ޕްރޮމިސް އައި ޑޯންޓ ނޯވ...." ޖޫނީ ސޯފާއެއްގައި އިށީންނަމުން ބުނެލިއެވެ. "އެކަމަކު ގިފްޓް އަތުލާނެކަން އެނގޭ..... ޔުނީފޯމުގައި ތިއްތިބޮޑުބޭ ނައީ ހަމަ ނަސީބު.... އެހެންނޫންނަމަ ސެލްފީ ނަގާ އިންސްޓާއަށް ލީމުސް.... ހޭޝްޓެގް އަންކަލްހޭންޑްސަމް، ހޭޝްޓެގް ބެޗްލަރއަންކަލް، ހޭޝްޓެގްނިއުޗީފްސުޕައަންޓެންޑެންޓް، ހޭޝްޓެގްލަވްސާޗްވައިފްސާޗްއަންކަލް...."

"ނާ... ނަމަ ނަމަ ތި ސޯޝަލްމީޑިޔާ އަށް އަހަރެންގެ ދަރިފުޅުގެ ފޮޓޯ ނުލާތި...."

އެތައް އިރެއް ވަންދެން ބަހެއް ނުބުނެ އިން މަންމަގެ ރުންކުރުވެފައިވާ އަޑު އިވިފައި ނަޒްމާން ބަލައިލިއެވެ.

"އޯހް.... މަންމާ.... ހައްޖަށް ގޮސްފައި އަންނަ އަންހެނުން މިހާ ބަސްމަދުވެފައި އަޑުގަދަ ކަމެއް ކުރިއަކުން ނޭނގޭ... ކޮންކަމަކާ ތިހާ ރުޅި އައިސްފަ ތިއިނީ...." މަންމަގެ ކޮނޑުގައި އަތް އަޅުވާލަމުން ނަޒްމާން އަހާލިއެވެ.

"ރުޅި ނައިއްޔާ ދެރަ.... ހުރި އެންމެ ފިރިހެން ދަރިފުޅު މީހަކާ އިންނާނެ ދުވަހެއްގެ ހުވަފެން ބަލައިބަލާ ވަރުބަލިވެއްޖެ.... މާމަ ދަރިއަކު އުރާލާހިތުން އެ އުއްމީދުގައި ރޭދުވާ ގުނާގުނާ ވާޅުވެއްޖެ.... މިހާރު ދެން އުއްމީދު ފެނަށްވެއްޖެ.... އެ ސުންޕާ އަންހެންމީހާގެ ހިޔަނި އެޅުނީއްސުރެ އަހަރެންގެ ދަރިފުޅުގެ އުފާވެރި ހަޔާތް އަނދިރިކޮށްލައިފި..... ނަސީބުކުޑަ އަންހެންމީހާ ދަމުންދަމުން ދިޔައީ އަހަރެމެން އެންމެންގެ އުފާ ފޭރިގަނެގެން.... މައެއްގެ ބަދުދުއާ ދެކެ ބިރެއްވެސް ނުގަންނަ މީހެއް..."

ނަޒްމާން އިރުކޮޅެއް ވަންދެން ހިމޭނުން އިނެވެ. އެހެންނަމަވެސް މަންމަގެ އަޑުގަދަ ވަމުން އަންނަ ކަމުގެ އިހުސާސްވުމުން ނަޒްމާންގެ އަތް އުފުލިއްޖެއެވެ. މަންމަގެ އަތުގައި ހިފާލުމާއެކު ގޮވާލިއެވެ.

"މަންމާ.... އެއްވެސް ކަމަކާ ނުލައި މައުސޫމު އަންހެނަކަށް ބަދުބަސް ބުނާކަށް ނުވާނެ...،" ނަޒްމާންގެ އަޑުގައި ހުރީ ފުންވޭނެއްގެ އަސަރެވެ.

(ނުނިމޭ)





More from One Online