ކާވާ ޗެލްންޖް ކަޕް: ކިރިގިސްތާން ކައިރިން ތިން ސެޓުން ބަލިވެ، ރާއްޖެއަށް އުނދަގޫ ފެށުމެއް

Fri, 18 Oct 2024 03:04 PM

View on this article on One Online

ކާވާ ޗެލްންޖް ކަޕް: ކިރިގިސްތާން ކައިރިން ތިން ސެޓުން ބަލިވެ، ރާއްޖެއަށް އުނދަގޫ ފެށުމެއް

މިއަދު އުޒްބެކިސްތާނުގައި ފެށި ކާވާ ޗެލެންޖް ކަޕް 2024ގެ ލީގު ބުރުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސީދާ ތިން ސެޓުން ކިރިގިސްތާން ކައިރިން ބަލިވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ސްކޮޑުން ގާތްގަނޑަކަށް މަހެއްހާ ދުވަހު ތަމްރީނުތައް ކުރުމަށްފަހު އުޒްބަކިސްތާނަށް ގޮސްފައިވާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓް އުޒްބެކިސްތާން، ކިރިގިސްތާނު، ތުރުކެމެނިސްތާންގެ އިތުރުން އަފްގާނިސްތާނާއި ތަޖިކިސްތާނެވެ. މިއަދު ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގެ ސެޓުތައް ރާއްޖެ އަތުން ގެއްލުނީ 25-15, 25-13 އަދި 25-16 އިންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅުގައި ރާއްޖެއިން ކޮންމެވެސް ވަރަކަށް ވާދަކުރި ނަމަވެސް، އެ ސެޓުގެ މެދާ ހިސާބުން ކިރިގިސްތާނުން ވަނީ ތަފާތު ބޮޑުކޮށް ލީޑު ނަގައިގެން ކުޅެފައެވެ. ކިރިގިސްތާނުގެ އެޓޭކްތައް މާ ބޮޑަށްވެސް ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ސެޓުވެސް ފެނުނީ ދާދި އެއްގޮތަކަށެވެ.

ރާއްޖޭގެ ކާމިޔާބު ބައެއް އެޓޭކްތައް ފެނުނު ނަމަވެސް، ދެވަނަ ސެޓާއި ތިންވަނަ ސެޓުގައިވެސް ކިރިގިސްތާން ފެނުނީ މާ ބޮޑަށްވެސް ތަފާތު ކޮށެވެ. ހާއްސަކޮށް އެޓީމުގެ އެޓޭކްތައް އެންމެ ރަނގަޅަށް ރާއްޖެއަށް ޑިފެންޑް ކުރެވިފައެއް ނުވެއެވެ.

މިފަހަރު ގައުމީ ސީނިއާ ޓީމުގެ ކޯޗަކީ ކޯޗު މުހައްމަދު ޝަރަފެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޖުނައިދު އަބުދުﷲއެވެ. އޭގެ އިތުރުން ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ވޮލީ ލެޖެންޑް އަހުމަދު އަބްދުލް ކަރީމްވެސް ބައިވެރިވެއެވެ.

ރާއްޖެއިން ލީގު ބުރުގައި ދެން ކުޅޭ މެޗުގައި ނުކުންނާނީ ތުރުކެމެނިސްތާނާ ދެކޮޅަށެވެ.





More from One Online