އިހުމާލުން މުވައްޒަފަކު މަރުވެއްޖެ ނަމަ، ވާރިސުންނަށް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް

Fri, 18 Oct 2024 04:36 PM

View on this article on One Online

އިހުމާލުން މުވައްޒަފަކު މަރުވެއްޖެ ނަމަ، ވާރިސުންނަށް އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް

ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފަކު މަރުވެއްޖެ ނަމަ، އެއް މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ގޮތަށް ހަދައިފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު އަމަލުކުރަން ފެށި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގަވާއިދުގެ ދަށުން ވަޒީފާ ދިން ފަރާތުގެ އިހުމާލުން މުވައްޒަފަކު މަރުވެއްޖެ ނަމަ، ނުވަތަ ނުކުޅެދުންތެރިކަމެއް ކުރިމަތިވާ ފަދަ އަނިޔާއެއް ވެއްޖެ ނަމަ ބޮޑު ބަދަލެއް ނަގައިދޭން އެދެވެއެވެ. އެ ގަވާއިދު ތަންފީޒުކުރަން ޖެހެނީ ލޭބާ ރިލޭޝަންސް އޮތޯރިޓީންނެވެ.

އެ ބަދަލުތައް ނަގައިދޭ އިރު، އެ މުވައްޒަފަކަށް އާމްދަނީގެ ގޮތުގައި މަހަކަށް ޖެހޭ އާމްދަނީ އާއި އުމުރު އަދި މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައިވާ މިންވަރަށް ބަލަން ޖެހެއެވެ. އަދި ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ، ނުކުޅެދުންތެރިކަމުގެ ނިސްބަތް ނުވަތަ މިންވަރަށް ބަލަން ޖެހެއެވެ.

އެ ގަވާއިދުގައި ބުނީ މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލުން ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1,000,000 (އެއް މިލިޔަން) ރުފިޔާ، މަސައްކަތްތެރިޔާގެ ވާރިސުންނަށް ދޭންވާނެ ކަމަށާއި އެ ބަދަލުގެ ތެރެއަށް އެވަރެޖް އާމްދަނީ އާއި އެމީހެއްގެ އުމުރު ގުނަ ކުރެވިގެންދާނެ ކަމަށެވެ.

ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ނަގައިދެވޭނެ ބަދަލުގެ އެންމެ ދަށް އަދަދަކީ 1,460,000 (1.4 މިލިއަން) ރުފިޔާ ކަމަށާއި ނަގައިދެވޭނެ އެންމެ މަތީ އަދަދަކީ 15,400,000 (15.4 މިލިއަން) ރުފިޔާ ކަމަށެވެ. އަދި ބަދަލު ނަގައިދެވޭނެ އެންމެ ކުރު މުއްދަތަކީ ދިހަ އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ގަވާއިދުގައި ބުންޏެވެ.

މަސައްކަތް ހަވާލުކުރި ފަރާތުގެ އިހުމާލަކާ ނުލައި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ނުވަތަ ހާދިސާއެއްގެ ސަބަބުން ފުރާނަ ހިނގައްޖެ ނަމަ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ވާރިސުންނަށް ދޭން ޖެހެއެވެ. އަދި އެ ބަދަލުގެ ތެރެއަށް ވެސް އެވަރެޖް އާމްދަނީ އާއި އެމީހެއްގެ އުމުރު ގުނަ ކުރެވިގެންދެއެވެ.

ގަވާއިދުގައި ބުނީ ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތެރިޔާގެ ފުރާނަ ހިނގައްޖެ ނަމަ، ދެވޭ ގެއްލުމުގެ ބަދަލު ހަވާލުކުރާނީ، ވާރިސުންގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތަކާ ކަމަށާއި ވާރިސުންގެ ތެރޭގައި އެ ބަދަލާ ހަވާލުވާނެ ފަރާތެއް ކަނޑައެޅުމަށް ވާރިސުންނަށް ވަކިގޮތަކަށް އެއްބަސްނުވެވޭ ނަމަ، ބަދަލު ހަވާލުކުރެވޭނީ އެ މައްސަލަ ކޯޓަށް ހުށަހަޅައި، ފައިސާ ބެހުމާ ގުޅޭގޮތުން ކޯޓުން ކުރާ ހުކުމަކަށް ފަހުކަން އެންގުން ފަދަ ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށެވެ.

ގަވާއިދުގެ ދަށުން، ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވާ މަސައްކަތްތެރިޔާއަށް ނަގައިދެވޭނެ ބަދަލުގެ އެންމެ މަތީ އަދަދަކީ 19,000,000 (19 މިލިއަން) ރުފިޔާއެވެ. އަދި އެންމެ ދަށް އަދަދަކީ 1,260,000 (1.2 މިލިއަން) ރުފިޔާއެވެ.





More from One Online