ސާފް އަންހެން މުބާރާތް: ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާ ކައިރިން ބަލިވެއްޖެ

Fri, 18 Oct 2024 03:02 PM

View on this article on One Online

ސާފް އަންހެން މުބާރާތް: ރާއްޖޭގެ ފުރަތަމަ މެޗުގައި ލަންކާ ކައިރިން ބަލިވެއްޖެ

ނޭޕާލުގައި ކުރިއަށްދާ ސާފް އަންހެން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ސްރީ ލަންކާ ކައިރިން ބަލިވެއްޖެއެވެ.

ނޭޕާލްގެ ކަތަމަންޑޫ، ދަޝަރާތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ރާއްޖެއިން ލަންކާ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖެ ލަންކާ ކައިރިން 2-0 އިން ބަލިވެފައިވާ އިރު، އެ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ލޯ މެޑަލް ހޯދީ ލަންކާ 2-1 އިން ބަލިކޮށްފައެވެ. އެއީ ލީގު ބުރުގައެވެ.

އޭގެފަހުން ފުރަތަމަ މެޗުގައި މިއަދު ނުކުމެ، ލަންކާއިން ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ގޯލު ޖެހިއެވެ. އެ ގޯލު ޖެހީ އަލަށް ގައުމީ ޓީމަށް ނުކުތް އެމްކޭ އެމޭޝައެވެ. އޭނާ ގޯލު ޖެހީ 17 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފުގައި ވެސް ލަންކާއިން ޑޮމިނޭޓްކޮށް ކުޅެމުން ގޮސްފައިވާ އިރު، ރާއްޖޭގެ ގޯލްކީޕަރު އައިމިނަތު ލީޒާގެ ސޭވްތައް ފެނިގެން ދިޔައެވެ. އޭގެ އިތުރުން ރާއްޖޭގެ ޑިފެންސުން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރިއެވެ. ކައުންޓާގައި ގޯލު ޖަހަން ރާއްޖެއިން މަސައްކަތްތައް ކުރި ނަމަވެސް، ލަންކާ ކީޕަރު ޖީއައިވައި ވީރަސިންހާ މުހިއްމު ދަނޑިވަޅުގައި ރަނގަޅު މަސައްކަތްތަކެއް ކުރިއެވެ.

އަންހެން ސާފް ޗެމްޕިއަންޝިޕްގައި ހަތް ޓީމަކުން ވާދަކުރާ އިރު، ޓީމުތައް ވާދަކުރަމުން ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާއި އިންޑިއާގެ އިތުރުން ޕާކިސްތާނެވެ. ގްރޫޕް ބީގައި ރާއްޖެ އާއެކު ދެން ހިމެނެނީ ނޭޕާލާއި ސްރީ ލަންކާގެ އިތުރުން ބޫޓާނެވެ.

މިއަހަރު މުބާރާތުގައި ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އިރު، ދެން އޮތް މެޗުގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. އެއީ 21 ވަނަ ދުވަހުއެވެ. އެ މެޗު އޮންނާނީ އެ ދުވަހު ހަވީރު ރާއްޖެ ގަޑިން 4:45 ގައެވެ.





More from One Online