ރުހުން ދީފާނުހޭ - 27

Fri, 18 Oct 2024 04:10 PM

View on this article on One Online

ރުހުން ދީފާނުހޭ - 27

މެލެކް އޮތީ މިހާރު ކޯމާއެއްގައެއް ނޫން. ނިންދަވާފަ. ހޭއަރައިގެން ކަންކަމާ ފިކުރުކޮށް ހިތުގައި ސުވާލުތައް އުފެދި ވިސްނުމަށް ވަގުތު ނުދޭންވެގެން އަބަދު ނިންދަވާފަ ބާއްވަނީ. މެލެކް ކައިރިއަށް ވަދެފައިވެސް އެއްވެސް މީހަކު އަނގައިން ނުބުނިއްޔާ ރަނގަޅީ" ޑޮރ އަހަދުﷲ ފަހުގެ މައުލޫމާތުތައް ހިއްސާކުރިއެވެ.

ތަބައްސުމްގެ ދެލޮލުން ފައިބައިގެންދިޔަ އުފާވެރިކަމުގެ ކަރުނަތަކާއެކު ﷲ އަށް ހަމްދުކުރިއެވެ. އައްޒާމްވެސް ގޮނޑިން ތެދުވެފައި ﷲ އަށް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. އެމަންޒަރުތައް ފެނުމުން މައިލީންގެ ހިތަށް ލިބުނީ ހިތްހަމަޖެހުމެވެ. ހިތާހިތުން ހެއްދެވިފަރާތަށް ޒިޔާދުވެސް ހަމްދުކޮށްލިއެވެ.

"ކޮންއިރަކުން މެލީ ހޭލައްވާނީ. ކޮންއިރަކުން ވާހަކަދައްކާލެވޭނީ؟ ކޮންއިރަކުން އަހަންނަށް އަބަދު މެލީ ފެންނަ ހިސާބަށް ގެނެވޭނީ" ތަބައްސުމް އެހިއެވެ. އޭނާގެ އަޑުގައި ވަނީ ކެތްތެރިކަމެއްނެތް އިހުސާސެކެވެ.

"މަންމާ، ކެތްކުރޭ. މެލީ ރިކަވާ ވާން އަދި ދުވަސްނަގާނެ. އައިސީޔޫ އިން އަދި ނެރެނޭނެ ދުވަހެއް ނޭނގޭ. އަވަސްއަރުވާލާކަށް ނުވާނެއްނު. އެހެންނު ޑޮކްޓަރ އަހަދު" މައިލީން ކައިރީގައި އިން ޑރ އަހަދު އަށް ބަލައިލިއެވެ.

"ޔެސް. ހުރިހާކަމެއް މިގޮތަށް ރަނގަޅަށް ދަންޏާ މާގިނަދުވަހެއް ނުވާނެ. އަދި ވަރަށް މުހިންމު އެއްވާހަކަ އެބައޮތް" ޑރ އަހަދުﷲ ބުންޏެވެ.

ހުރިހާމީހުންގެ ސަމާލުކަން ޑރ އަހަދުﷲ އަށް ހުއްޓާލިއެވެ. އެއީ ކޮންކަމެއްކަން ނޭނގޭތީ މައިލީންވެސް ބަލައިލިއެވެ.

"މިފަހަރު މެލެކް އަށް މިދިމާވި ކަންތަކަށްފަހު މެމޮރީސްތައް އަނބުރާ އަންނާނެހެނެއް ހިއެއްނުވޭ. އަޅުގަނޑުގެ ޓީމުން އިނގިރޭސިވިލާތުގެ ގްލޯބަލް ހޮސްޕިޓަލުގެ ނިއުރޯ ޓީމާއެކު ރިސާޗެއް ކުރިއަށް ގެންދިޔަ. ފާއިތުވެދިޔަ ތިންދުވަސް ދިޔައީ އެކަމުގަ. އަޅުގަނޑުގެ ޓީމަށް އެނގިގެން ދިޔައީ މެލެކްގެ މި ކޭސްއަކީ މިއީ ވަރަށް ތަފާތު ކޭސްއެއް. އެއީ މިހާލަތު މެލެކް އަށް ކުރިމަތިވުމާއެކު މީހާގެ ބޮޑީ ޓެމްޕަރޭޗަރ ދެބަޔަކަށް ބެހޭ. އެއީ ހަގީގަތުގަ ވަރަށް ނުރައްކާކަމެއް. އެގޮތަށް ކަންތައްވީމަ މީހާގެ ސިކުނޑީގެ ހުރިހާ ނާރަކަށް ހުންނަނީ ބާރުވެފަ. މިކަހަލަ ގިނަ ކޭސްތަކުގަ މީހާ ސަވައިވްނުވޭ. ކުރިން މެލެކްއަށް ޖެހުނު ބާރުގަދަ ހުމެއްގެ ސަބަބުން ސިކުނޑީގެ މައި ނާރަށް ލިބުނު ޝޮކެއްގެ އަސަރު މިއީ. ކަންފަތުގަ ރިއްސާތީ އުޅެންޏާ ނޫނީ ކަންފަތުގެ ލޭގެ އަސަރު ނުވަތަ ނޭފަތުން ނަމަވެސް ލޭގެ އަސަރު ފެނުނިއްޔާ ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދައްކަންވާނެ. މިއީ ދެވަނަ ފަހަރު. ތިންވަރަނަ ފަހަރު ފަހަރެއްގަ ފުރާނަވެސް ހިނގައިދާނެ" ޑރ އަހަދުﷲގެ ވާހަކަތަކާއެކު ތަބައްސުމް ގެ ގައިން ހީބިހި ނަގައިގަގތެވެ. އެފަދަ ދުވަހެއް އޭނާގެ ދުނިޔޭގައި ހުއްޓާ ނުދެއްކެވުމަށް ހިތާހިތުން އެދެވުނެވެ.

"މިއީ ވަރަށް ވަރަށް ރިސްކު ބޮޑު ކަމެއް. ބޭރުފުށުން ޕޭޝަންޓް އެއްކޮށް ރަނގަޅު ކަމަށް ދެއްކިޔަސް ބްރެއިން އަށް އިންނާނީ ބަދަލުތަކެއް އައިސްފަ. އެންމެ ރަނގަޅުވާނީ އެއްވެސް ކަމެއް ހަނދާންކޮށްދެން މަސައްކަތް ނުކުރިއްޔާ. ފަހަރެއްގަ ގަދަކަމުން ކަމެއް ހަނދާންކޮށްދެން މަސައްކަތް ކޮށްފިއްޔާ ނާރެއް ފަޅައިގެން ދިޔުމުގެ ޗާންސް ވަރަށް ބޮޑު. މިއީ ދާއިމީ ކަމަކަށްވެސް ވެދާނެ. މެލެކް ޖެހޭނީ އަލުން ދިރިއުޅުން ފަށަށް. ފަހަރެއްގަ މިފަހަރު ޖެހިދާނެ ވަކިވަކިން މީހުންގެ ފޮޓޯ ދައްކާފަ މެލެކްގެ ސިކުނޑި މީހާ ދެނެގަންނަނީ ކިހާވަރަކަށްތޯ ބަލަން. ހިތްވަރުކުރަންވާނެ. މިއީ ހެއްދެވިފަރާތުން ކުރެވޭ ޓެސްޓެއް. ހަމައެކަނި މެލެކްއަކަށް ނޫން. މެލެކް ގެ މުޅި އާއިލާއަށް ވެސް" މެލެކްގެ މައިންބަފައިންނަށް އެނގޭގޮތަށް ތަފްސީލާއެކު ޑރ އަހަދުﷲ އޮޅުންފިލުވައިދިނެވެ.

"ތި ވިދާޅުވީ މިފަހަރު ކުރިއަށް ވުރެވެސް ބޮޑަށް ކަންކަން ހަނދާނުގަ ނުހުންނާނެއޭތޯ" އައްޒާމް އަހާލިއެވެ.

"ފަހަރެއްގަ. މި ކޭސް އަކީ މިކަހަލަ ކޭސް އެއް. ރާއްޖޭގައިވެސް މިފަދަ ކޭސްއެއް ފެންނަނީ އެތައް އަހަރަކުން އެއްފަހަރު" ޑރ އަހަދުﷲ ބުންޏެވެ.

****

މިއަދު އެހެންދުވަސްތަކާ ހިލާފެވެ. ގޭތެރޭގައި ހެލިފެލިވެ އުޅުމުގެ ހިތްވަރު އޭނާއަށް ލިބިއްޖެއެވެ. އޭނާ ބޭނުންވި ގޮތަށް ގޭގައި މަސައްކަތްކުރާ ނޭޕާލް ކުއްޖާ މަސައްކަތްކުރުން މަނާކޮށްފިއެވެ. ތަބައްސުމްގެ އާއިލާ އެނބުރި ރަށަށް ދަންދެން ނޭޕާލް ކުއްޖާ ހުރީ ޗުއްޓީއެއްގައެވެ. އެހެންނަމަވެސް އެކުއްޖާ ދިރިއުޅެނީ އެގޭގައެވެ. ފާހާނައިން ނިކުމެގެން އައި އައްޒާމްގެ ދެލޯ އަނބިމީހާ ހޯދާލިއެވެ. ކުއްލިއަކަށް މެލެކް އަށް ދިމާވި ހާދިސާއަށްފަހު އޭނާ އާ ތަބައްސުމްގެ ގުޅުން މަޑުމަޑުން ހަމަޔަކަށް އެޅެން ފަށައިފިއެވެ. އަދިވެސް އޭނާ އެންމެ ބޭނުންވާ ގާތަކަށް ނުދެވެއެވެ. ގޭގައި އުޅެންޏާ ތަބައްސުމް ވީ ހިސާބެއް އޭނާއަށް އަބަދުވެސް ބެލެއެވެ. ތަބައްސުމް ގޭތެރެއިން ފެންނަން ނެތުމުން އޭނާ އައީ ވާހަކަދައްކާ އަޑު އިވޭ ދިމާލަށެވެ.

ބަދިގޭ ދޮރު ކައިރީގައި އައްޒާމް ހުއްޓެވެ. ކެބިނެޓް ކައިރީގައި ހުރި ތަބައްސުމް ނޭޕާލް ކުއްޖާއަށް ދިވެހިން ވާހަކަދައްކަން ދަސްކޮށްދެމުން ދިޔައެވެ. އައްޒާމަށް ހިނިތުންވެވުނެވެ. މިނޫނީ ތަބައްސުމް އެހާ ވާހަކަދައްކަނިކޮށް އޭނާއަށް ނުފެނެއެވެ. އޭނާ ބަލަން ހުރިކަން އެނގުމުން ތަބައްސުމް ހުއްޓާލިއެވެ. ކައްކަން އުދާފައި ހުރި މަސް ތަށީގައި މަތިޖަހާލުމަށްފަހު އުނދުނުގެ ގިނި މަޑުކޮށްލިއެވެ. އައްޒާމް ބަލަހައްޓައިގެން ހުރިގޮތް ފެނިފައި ތަބައްސުމް އަށް އުނދަގުވިއެވެ. ކުރެވުނު ތަފާތު އިހުސާސާއެކު އޭނާ ބޭނުންވީ އަވަހަށް އައްޒާމްގެ ލޯމަތިން ދުރަށް ދާށެވެ. ދޮރާ ހަމައިން ތަބައްސުމް ހުއްޓުނެވެ.

"މައިލީން ބުނި ޑރ އަހަދުﷲ މެންދުރުގެ ކެއުމުގަ މިއަދު ބައިވެރިވާނޭ" ތަބައްސުމް ބުންޏެވެ.

"އެހެންތަ. ނަސީބެއް ތާބާ ބުނިކަން" އައްޒާމް ބުންޏެވެ.

"ތަނަކަށް ދާންތަ ތިއުޅެނީ؟" ތަބައްސުމް އަހާލިއެވެ.

"ގެއަށް ބޭނުންވާ ހިލަވެއްޔާ ސިމެންތި ރަށަށް ފޮނުވުމުގަ އުޅޭ މީހުންނާ މިއަދު ބައްދަލުކޮށްލަން ބުނެވިފަ އޮތީމަ ގުދަނަށް ގޮސްލަން އުޅުނީ. އެކަމު ދެން މިޖެހުނީ މަޑުކުރަންތާ" އައްޒާމް ބުންޏެވެ.

"ކައްކައިވެސް މި ނިމުނީ. އަހަރެން ހޮސްޕިޓަލަށް ގެންގޮސްދޭންވީނު" ތަބައްސުމް ބުންޏެވެ.

އަތުކުރީގައި އޮތް ގަޑިއަށް އައްޒާމް ބަލައިލިއެވެ. މެލެކް ދެކިލަން އެހީތެރިންނަށް ވަނުމަށް ހަމަޖެހިފަ އޮންނަ ހުރިހާ ވަގުތެއްގައި ތަބައްސުމް ވަދެއެވެ. އެވަގުތަށް އަބަދުވެސް އޭނާ ހޮސްޕިޓަލަށް ދާން ބޭނުންވެއެވެ.

"އަދި އެބައޮތް ވިއްސަކަށް މިނެޓް. ތައްޔާރުވެލާ" އައްޒާމް ބުންޏެވެ.

"ތާބާ" ތަބައްސުމް ހިނގައިގަތުމުން އައްޒާމް ގޮވާލިއެވެ.

"ޒިޔާދު މިއަދު ނުފެނޭ. ގޭގަ ނެތީތަ؟ " އައްޒާމް އަހާލިއެވެ.

"ހެނދުނު ނާޝްތާއަށް ފަހު ބުނި ބާޒާރުމައްޗަށް ދާނެ ވާހަކަ. އެތަނުގަ ކަންނޭނގެ" ތަބައްސުމް ބުންޏެވެ.

"އަދި އެއްވާހަކަ ބުނެލަން ބޭނުން. ތާބާ އާ އަޅިކުލަ ވަރަށް ގުޅޭ. އަދިވެސް ވަރަށް ރީތި" އައްޒާމް ބުންޏެވެ. އެފަދަ އެއްޗެއް ބުނަން އޭނާއަށް ހިތްވަރު ލިބުނު ގޮތެއްވެސް ނޭނގެއެވެ. ތަބައްސުމް އަށް ވެސް ވީ އެހެން ގޮތެކެވެ. ނިކަން އަވަހަށް އައްޒާމްގެ ލޯމަތިން އޭނާ ގެއްލިއްޖެއެވެ. އެހާ ބާރަށް ތަބައްސުމް ދިޔަތަން ފެނުމުން އައްޒާމަށް ހެވުނެވެ.

****

ގަޑިން އެއްގަޑި ބައެވެ. ޒޭބާ ކައި ނިމިގެން ބަދިގެ ސާފުކޮށްލާފައި އައިސް ފޯނު ބަލައިލިއެވެ. އާއިލާ މެންބަރުން ތިބޭ ވަޓްސްއެޕް ގުރޫޕްގައި ހިބާ އާއި ލައިބާ ވާހަދައްކާފައި ހުއްޓެވެ. ދެބެން ގޮވާފައި ހުރީ ބާޒިލްއަށެވެ. ހާއްސަ ހަފްލާތަކުގައި އަންހެންކުދިން ޒީނަތްތެރިވުމަށް ބޭނުންކުރާ ޑިޒައިން ހެދުންތަކާ ފައިވާނާ އެހެނިހެން ސާމާނުގެ ފޮޓޯތައް އެމީހުން ގުރޫޕަށް އަޅާފައި ހުއްޓެވެ. ބާޒިލް އެ މެސެޖްތައް ބަލާފައި ނުވާތީ ޒޭބާ ކައިރީގައި ބާޒިލްގެ ހަބަރެއްކޮބާތޯ ބަލާށޭ ބުނެފައި އޮތެވެ.

ބާޒިލް ކަންތައްކުރި ގޮތް ގޯސްކަން ތިންބެއިންނަށް އެނގޭއިރުވެސް ބާޒިލް އަށް ޓަކައި ކައިވެނީގެ ހުރިހާ ކަމަކާ އުޅެން އެކުދިން ތިބީ ނިންމައިގެންނެވެ. ކައިވެނިކުރާ ދުވަހަށް ސާރާ އަށް ބޭނުންވާނެ ހުރިހާ ސާމާނެއް އެކުދިންގެ ހަރަދުގައި ދިނުމަށް ތިބީ ނިންމައިގެންނެވެ. ބާޒިލް ބޭނުންވެއްޖެނަމަ ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އެކުދިންނަށް ހެވެވެ.

އެނދުގައި އޮތް ބާޒިލް ސިހުނީ ދޮރުގައި ޓަކިޖަހާލި އަޑަށެވެ. އޭނާގެ ހިޔާލުތައް ވިއްސިވިހާލިވެގެން ދިޔައެވެ. މޭމަތީގައި ނިދާފައި އޮތް ލޫލުއަށް އޭނާ ބަލައިލިއެވެ. އަނގައަށް ކަނާއަތުގެ ބޮޑު އިނގިލި ޖަހައިގެން ނިދިފައި އޮތް ލޫލު ހިއްލާލުމަށްފަހު ރީތިކޮށް ކައިރީގައި ބާއްވާލިއެވެ. ދެން ލޫލުގެ މޫނަށް އޭނާ ބަލައިލިއެވެ. އެހިނދު އޭނާއަށް ލޫލުގެ މޫނުން ސިފަވެގެން ދިޔައީ މެލެކްގެ ތަސްވީރެވެ. ކުރިން އެއީ އޭނާއަށް ފާހަގަނުވާ ކަމެކެވެ. އެއީ ހަމަ މެލެކްއެވެ. މެލެކްގެ ކޯތާފަތެވެ. މެލެކްގެ ތުންކޮޅެވެ.

"ޒެއްލު. ކޫ އޭ. ހުޅުވަބަލަ" ބޭރުން ޒޭބާގެ އަޑު އިވުނެވެ.

ކޮޓަރި ތަޅުލެވިފައި ހުރިކަން ބާޒިލް ހަނދާންވިއެވެ. އޭނާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.

"ސާބަހޭ. ކިހާ ވަރަކަށް ގޮވައިފިން. ކީއްތަ ތިކުރަނީ" އެތެރެއަށް ވަންނަމުން ޒޭބާ ބުންޏެވެ.

"ލޫލު ނިންދަވަން އޮށްވަ ނިދުނީ. ކޫ ކަމަކުތަ؟" ބާޒިލް އެހިއެވެ.

ބާޒިލްގެ ފަހަތުން އައިސް ޒޭބާވެސް އެނދުގައި އިށީނެވެ. އުނގަށް ކުޝަނެއް ލަމުން ޒޭބާ ނިދާފައި އޮތް ލޫލުއަށް ބަލައިލިއެވެ.

"ކޮބާ ފޯނު؟" ޒޭބާ އަހާލިއެވެ.

އިންތަނުން ތެދުވެފައި ބާޒިލް ފޯނު ހޯދާލިއެވެ. އޭނާ ބޯއަޅައިގެން އޮތް ބާލިސްދަށުގައި އޮތް ފޯނު ޒޭބާއަށް ދައްކާލިއެވެ.

"ގުރޫޕް ބަލާބަލަ. ދޮންތަމެން އެބަ ވާހަކަދައްކާ. ބާޒިލްގެ ކަންކަމުގަ އެހެންމީހުންތަ އުޅެންވީ" ޒޭބާ ބުންޏެވެ.

މައްޗަށް ސްކްރޯލް ކުރަމުން ދައްތަމެން ދައްކާފައިވާ ވާހަކަތައް ބާޒިލް ކިޔަމުން ދިޔައެވެ. މީގެކުރިން އޭނާއަށް އެވާހަކަތަކުން ހިތްހަމަޖެހުން ލިބެއެވެ. އެހެންނަމަވެސް އެހިތްހަމަޖެހުން އޭނާ ލިބެންވި މީހާ ހިތަށްއެރުމުން ވީ ދެރައެވެ.

"ދެންވެސް އެއްޗެއް ބުނެބަލަ. ސާރާ ވައްދަންވީ ދޯ ގުރޫޕަށް. އޭރުން އޭނާއަށް ބޭނުންވާ އެއްޗެއް ޗޫޒްކުރެވޭނެއްނު" ޒޭބާ ބުންޏެވެ.

"ކީއްކުރަން. އޭނަ ބަހައްޓާ" ފަރުވާކުޑަގޮތަކަށް ބާޒިލް ބުންޏެވެ.

"މިހާރު ކިހިނެއްވީ؟ ބޮޑު އީދަށް އެންމެ މަހަކަށްވީ. ސާރާގެ ފަސްޓް ވީމަ ހާއްސަކުރަން އޭނަ ބޭނުންވާނެއްނު. ޒެއްލުގެ ދައްތަމެން މިހާވަރަކުން އުޅޭއިރު ޒެއްލު އުފަލެއްނުވޭތަ؟" ޒޭބާ ބުންޏެވެ.

"ކައިވެނިކުރެވޭނީ މިތާ ސާރާ ހުރެގެނެއްނު" ބާޒިލް ބުންޏެވެ.

"ތިބުނީ؟ ސާރާ ކޮބާ؟" ޒޭބާ އަހާލިއެވެ. އޭނާގެ މޫނުން ހައިރާންކަން ފާޅުވެލިއެވެ.

"ސާރާ ފުރައިފި" ބާޒިލް ބުންޏެވެ.

"ކޮންތާކަށް؟ މާލެ ދިޔައީތަ؟ ކިހިނެއްވީ؟ ބަލިވީތަ؟" ޒޭބާ ހިތުގައި ސުވާލު އުފެދުނެވެ.

"އޭނަ މާމަ ބަލިވެގެންހެން ހީވަނީ" ބާޒިލް ބުންޏެވެ.

ޒޭބާ ދެފަރާތަށް ބޯހޫރާލިއެވެ. ހަމައެކަނި ސާރާ މާލެ ދިޔައީއެއް ނޫނެވެ. ބޮޑުކަމެއް ވެއްޖެއެވެ.

"އުމުރަކަށް ނޫނެއްނު. އަންނާނެއްނު. ސާރާއަށްވެސް އެނގެއެއްނޫންތަ އީދަށް ތިކައިވެނި ކުރަން ހަމަޖެހިފަ އޮތްކަން" ޒޭބާ ބުންޏެވެ.

"ކޫ، އަހަރެން ބޭނުންވަނީ މި ކައިވެނި ލަސްކުރަން. އަހަރެން ނިންމަންޖެހޭ ކަންކަން އެބަހުރި" ބާޒިލް ބުންޏެވެ.

ފޯނުގެ ޑިސްޕްލޭ އޮފްކޮށްލާފައި ޒޭބާ ބާޒިލްގެ މޫނަށް ބަލައިލިއެވެ. ބާޒިލްގެ މޫނުމަތީގެ ހަރަކާތްތަކާ ވާހަކަދެއްކުމުގައި ހުރިގޮތުން ކަމެއްވެއްޖެކަން ޒޭބާ އަށް ޔަގީން ކުރެވުނެވެ.

"ކިހިނެއްވެގެން ތިއުޅެނީ؟ ތެދަށް ބުނެބަލަ" ޒޭބާ ބުންޏެވެ.

"ސާރާ ތަންކޮޅެއް ރުޅިގަދައީ. ފުރައިގެން ދިޔައީ އަހަރެން ކައިރީގަ ބުނެވެސްނުލާ. މާލެ ދާ ސަބަބާ އަންނަ ދުވަހެއް ނުބުނެވުނަސް އެޓްލީސްޓް ފުރާ ވާހަކަ ބުނެވޭނެ ދޯ. ކުޑަމިނުން ގޮސްފަ ނަމަވެސް ގުޅާލެވުނީހެއްނު. ސާރާ އަށް އަހަރެންނާ މިގުޅުން މުހިންމު އެއްޗަކަށްނުވި" ބާޒިލް ބުންޏެވެ.

"ޒެއްލުވެސް ނުގުޅަމެއްނު" ޒޭބާ ބުންޏެވެ.

"އަހަރެން ކީއްވެ ގުޅަންވީ؟ ސާރާ އޭ ރުޅިއައީ. ކޫ އަށް އިނގޭނެ މިދުވަސްތަކުގަ ގޭތެރޭގެ ކަންތައްތައް ހުރިގޮތުން އަހަރެން އުޅުނީ ވަރަށް ޓެންޝަންގަކަން. ސާރާ އަށް ވެސް އެނގޭނެ. އަހަރެންގެ ހާލަތަށް ވިސްނާނުލާ ސާރާވެސް އަހަންނަށް ފޯސްކުރަނީ. އެފަދަ ވަގުތެއްގަ ފޯސްކުރާނީކީ ނޫނެއްނު. ސާރާގެ ހިތްވަރު އަހަރެން ބޭނުންނުވާނެތަ؟ އަހަރެން ނުގުޅާނަން. މިގުޅުން ސާރާ ކަނޑާނުލާހާ ހިނދެއްގައި އަހަރެން ހުންނާނީ ހިމޭނުން" ބާޒިލް ބުންޏެވެ.

"ތިއީ ކޫ ބުނާ ވާހަކައަކީ. ދެމީހުންގެ މެދުގައި ތިހާ މައްސަލަތައް ހުއްޓަ ދިރިއުޅުމެއް ފެށިޔަސް ވޯކެއް ނުކުރާނެ. ފުރަތަމަ ތިކަންކަން އިސްލާހުކުރޭ. އެއަށްފަހު ކައިވެނިކުރޭ. ކައިވެންޏަކީ މިއަދު އެކުގަ އުޅެލާފަ މަދަމާ ދެމީހުން ވަކިވާން ކުރާ ކަމެއް ނޫން. އެއީ ލޯބިވާ ދެމީހަކު އެކުގައި ތަންތަމަތީގައި ހޭދަކޮށްލާ ކޮށްލުމަށް ކިޔާ ނަމެއްވެސް ނޫން. އެއީ ވަރަށް މާތް އަޅުކަމެއް. ކައިވެނިކުރާ އަންހެނާ އާ ފިރިހެނާ އަށް ގިނަގުނަ ސަވާބާ ދަރުމަ ލިބޭ އަޅުކަމެއް. ކައިވެންޏެއްކުރަނީ ދެމަފިރިން އެކުގައި އާހިރަތަށް މަސައްކަތްކޮށް މިދުނިޔޭގައި ޞާލިހު ދަރިފަސްކޮޅެއް ބިނާކުރުމަށް. އެކަކު އަނެކަކުގެ ހުރި އުނިކަންކަން ގަބޫލުކޮށް އެކަކު އަނެކަކަށް މާފްކޮށް އިތުބާރުގެ ވާފަށުގައި ދެމަފިރިން ބާރަށް ހިފަހައްޓައިގެން ނޫނީ ކުރިއަށް ނުގެންދެވޭނެ ކަމެއް. ކައިވެންޏަކީ ދެމަފިރިއަކަށް އުޅެން ނޭނގެންޏާ ވަރަށް ބަލިކަށި އެއްޗެއް. އުޅެން އެނގިއްޖެ ދެމަފިރިއަކަށް ވަރަށް ވަރުގަދަ އެއްޗެއް" ޒޭބާގެ ވާހަކަތައް އަހަން ބާޒިލް އިނީ އިސްޖަހާލައިގެންނެވެ. ސާރާ ކަންތައްކުރި ގޮތުން އޭނާ އިނީ އިންތިހާއަށް ދެރަވެފައެވެ.

"ދެން އެކަމަކުވެސް.... ދެން އަޅާނުލާ. އަހަރެން މަންމަ އާ ދޮންތަމެން ކައިރީ ބުނާނަން.... ބައި ދަ ވޭ... ކޮބާތަ ސާރާގެ މައްސަލައަކީ؟ ކޮންކަމަކަށް ސާރާ ފޯސްކުރަނީ؟" ޒޭބާ އަހާލިއެވެ.

"ސާރާ ބޭނުންވަނީ މެލެކް ޑިވޯސްކުރަން. މަންމަ މިހެން މިހެން ބުނެފިއޭ ބުނެވުނީމަ. އެކަމަކު އަހަރެން ބޭނުމެއްނުވޭ މެލެކް ދޫކޮށްލާކަށް. އެއީ ލޫލުގެ މަންމައަށް ވީމަ. ސާރާ އާ ރުޅިވާކަށްވެސް ބޭނުމެއްނުވޭ" ބާޒިލް ބުންޏެވެ.

"ތީގަ ގޮތް ނިންމަންޖެހޭ މީހަކީ ޒެއްލު. ކޮންމެހެން ދެން ސާރާ އާ ދުރުވާން އުޅޭނެކަމެއް ނެތް. ޒެއްލުއަށް ދުވަހަކުވެސް މެލެކް އަށް ރަނގަޅު ފިރިއަކަށް ނުވެވުނެއްނު. މެލެކް ވަރިކުރާށޭ މަންމަ ބުނެފިއެއްނު. އެކަން ވާންޖެހޭ ގޮތަކީ އެއީ. ޒެއްލު ވިސްނަބަލަ. މަރުގެ ތުންފަތް މައްޗަށް ދެފަހަރަށް މެލެކް އެދިޔައީ. ދެފަހަރުވެސް މެލެކް ކައިރީގަ ޒެއްލު އަކަށް ނުހުރެވުނެއްނު. މެލެކްދެކެ ލޯބިނުވާތަނުގައި އަހަންނަކަށް ހިއެއްނުވޭ އެ އަންހެންކުއްޖާއަށް ޒެއްލު ރަހުމުކުރާހެނެއްވެސް. ސީރިޔަސްލީ. ޒެއްލުގެ އިންސާނިއްޔަތުކަން ވަރަށް. މިހާރު ދެން ސާރާ ދުރުކޮށްގެން ދެ މީދާ ފެހި ބުޅަލަށް ވީވަރުވެސް ޒެއްލުއަކަށް ނުވާނެ" ޒޭބާ ބުންޏެވެ. ބާޒިލް ބަހެއްނުކިޔާ އިނުމުން ޒޭބާ ހިނގައިގަތީ ބާޒިލްގެ އަތުގައި ހިފާލާފައެވެ.

****

ބާޒިލް އާ ސާރާ އާ ދެމެދު ޖެހިގެން އުޅޭ މައްސަލައިގެ ވާހަކަތައް ޒޭބާ މައުސޫމާ އާއި އެއްބަނޑު ދެ އަންހެނުންނަށް ކިޔައިދިނީ ރޭގަނޑު ވަރަށް ދަންވިފަހުންނެވެ. އެވަގުތު މައުސޫމާ ﷲ އަށް ހަމްދުކުރިއެވެ. އޭނާ ބޭނުންވަނީ އެ މައްސަލަތައް ދުވަހަކުވެސް ހައްލު ނުވުމަށެވެ. ބާޒިލްއަށް ވިސްނި އިހުމާލުވެވިފައިވާ ދިރިއުޅުން ކޮޅަށް ޖެހުމެވެ. ލޯތްބާ އަޅާލުންދީގެން މެލެކް ގޮވައިގެން އުޅުމެވެ. ބާޒިލްގެ މައްޗަށް ގެއްލިފައިވާ އައްޒާމް އާއި ތަބައްސުމް ގެ އިތުބާރު ހޯދަން މަސައްކަތް ކުރުމެވެ. ކުރެވުނު ކުށަށް އެ އާއިލާގެ ކިބައިން މައާފަށްއެދުމެވެ. އަދި ވެވިފައިވާ ފާފައަށް ﷲ ގެ ހަޒްރަތުގައި ތައުބާވުމެވެ. އެހުރިހާ ކަމެއް އެކަނި ހިތަށް އެރިޔަސް މައުސޫމާގެ ހިތަށް ފުން ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ އުންމީދުތައް ހާސިލުވުމުގެ ކޮޅުމަތި ފެންނަން ފެށުނިއޭ ހީވިއެވެ.

"ތިކުދިން ކައިރީގަ މަންމަ ވާހަކައެއް ބުނަންވެފަ އެބައޮތް" ފަހުވަގުތު މައުސޫމާ ބުންޏެވެ.

ތިއަންހެންކުދިން މައުސޫމާއަށް ސަމާލުކަންދިނެވެ.

"ބައްޕަ މިރޭ ގުޅި. ބައްޕަ ބޭނުންވަނީ ކުޑަދުވަސްކޮޅަކަށް މަންމަ ލޫލު ގޮވައިގެން މާލެ ގޮސްލަން. ހަގީގަތުގަ ބައްޕަ ހުރީ ލަދުން. އައްޒާމް ބައްޕަ ދޫކޮށްނުލާ އެންމެ ހިނދުކޮޅަކަށްވެސް. އެދެމަފިރިންގެ ގޭގައި ބައްޕަ ހުރީ. ފޯނުކޮށްފަ ބައްޕަ ރުއި. ބުނި ތިމަންނަ ލަދުގަންނަނީއޭ. އެހެންވާނެތާ ކޮންމެ މީހަކަށްވެސް" މައުސޫމާ ބުންޏެވެ.

"ބައްޕަ ކީއްވެ ދޮންތަބެ ކުއްޔަށް ހިފައިގެން ހުރި ކޮޓަރިއަށް ނުދިޔައީ. މި މަސް އެއްކޮށް ދޮންތަބެ އެހުންނަނީ އެގްޒާމަށް މާލެގޮސް. އެކަނި ކޮޓަރިއެއް ނަގައިގެން އެހުންނަނީ" ޒޭބާ ބުންޏެވެ.

"ހިބާ ބުނި. އެކަމަކު އައްޒާމް ބައްޕަ އެހެންތާކު ހުންނާކަށް އެއްބަހެއްނުވި" މައުސޫމާ ބުންޏެވެ.

ބާޒިލް އިނީ އިސްޖަހައިގެންނެވެ. މަންމަ އާ ކޫ ގެ ވާހަކަތަކުގައި ބައިވެރިވާން ބުނާނެ އެއްޗެއް އޭނާއަށް ނޭނގުނެވެ.

"ދެން ކިހާތާކު ފުރާނީ؟" ޒޭބާ އަހާލިއެވެ.

"މާދަމާ ރޭ ފަތިހު. ތައްޔާރުވާން އަދި ވަގުތު އެބައޮތެއްނު" މައުސޫމާ ބުންޏެވެ.

"ޒެއްލު އަށް ދެވޭތަ؟" ޒޭބާ އަހާލިއެވެ. އޭނާ ބާޒިލް އަށް ބަލައިލިއިރު ބާޒިލް އިނީ އިސްއޮބާލައިގެންނެވެ.

"ބަލާނަން. މާދަމާ ރޭ ފަތިހަށްވީމަ ފަހަރެއްގަ ލީވް ހަމަނުޖެހިދާނެ" ބާޒިލް ބުންޏެވެ.

****

މެންދުރުފަހުގެ ވަގުތެވެ. މެލެކް ބާއްވާފައި އޮތް އެނދު ކައިރީގައި ކޮޅަށް ހުއްޓިގެން ހުރީ މައިލީން އެވެ. އޭނާ ހުރީ މެލެކްގެ އައިވީ ގުޅާފައި އޮތް އަތްތިލައިގައި ހިފަހައްޓާލައިގެންނެވެ. އިރުކޮޅަކާ އޭނާގެ ނަޒަރު މެލެކްގެ މޫނަށް ހުއްޓެއެވެ. މިހާރު މެލެކްގެ މޫނުމަތީގައިވި ދުޅަކަން އެއްކޮށް ފިލައިފިއެވެ. ކުރިއަށް ވުރެވެސް ބޮޑަށް މީހާ ހިކިވެއްޖެހެން ހީވެއެވެ. އެހެންދުވަސްތަކަށް ވުރެ މޫނުމަތި ރީތިހެން ހީވެއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު އެއްކޮށް މައިލީން އެހޭދަކުރަނީ މެލެކް ކައިރީގައެވެ. ނަރުހަކާ ނުޖައްސާ މެލެކްގެ ހުރިހާ ކަމެއް މިއަދު ބެލެހެއްޓީ މައިލީން އެވެ. މެލެކްގެ ގައިގައި ފެންހާކާ ރީތިކޮށްލީވެސް މައިލީން އެވެ.

"ދޮނާގެ ބްރޭވް ފައިޓަރ... އައި ނީޑް ޔޫ ހިއާ" މައިލީން ބުންޏެވެ.

މައިލީންގެ ހިތަށް މިއަދު ލިބިފައިވަނީ އާދަޔާހިލާފު އުފަލެކެވެ. މިއަދު ހެނދުނު ފެށިގެން މެލެކް އެވަނީ ވެންޓިލޭޓަރުން ނަގާފައެވެ. އެހެންނަމަވެސް އަދިވެސް ހުރިހާ ވަގުތެއްގައި މެލެކް ބާއްވާފައި އޮތީ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ. މާދަމާގެ ވަގުތެއްގައި ވޯޑަށް ވެސް ނެރޭނެއެވެ. މައިލީން ކުޑަކޮށް މެލެކް އާ ދިމާލަށް ގުދުވެލިއެވެ. މެލެކްގެ ނިތްކުރިން ފެށިގެން މައްޗަށް މައިލީން އަތްހިންގާލިއެވެ. އޭނާ މެލެކްގެ ކަންފަތާ ގާތްވެލިއެވެ.

"ލޫލު މާލެ އަތުވެއްޖެ. މެލީ އާ ބައްދަލުކުރަން. އަވަހަށް ރަނގަޅުވޭ" މައިލީން ބުންޏެވެ.

އެވަގުތު މައިލީންގެ އަތްތިލައިގެ ތެރޭގައިވާ މެލެކްގެ އަތްތިލައަށް ބާރުވެލާފައި ދޫވެލި އިހުސާސެއް ކުރެވުނެވެ. މައިލީން އަށް ހިނިތުންވެވުނެވެ. މިއަދު ހަތަރުދަމު މެލެކްގެ ފަރާތުން އެ އިޝާރާތް އެދަނީ ލިބެމުންނެވެ. އެއީ މެލެކްގެ ސިކުނޑި ރަނގަޅުވަމުން އަންނަކަމުގެ ނިޝާނެކެވެ.

"ޑރ އަހަދުﷲ އެބަގޮއްވާލައްވާ" މައިލީން ބަލައިލީ ނަރުހެއްގެ އަޑަށެވެ.

(ނުނިމޭ)





More from One Online