ޕޮގްބާގެ އަސަރުގަދަ ވާހަކަތަކެއް: އަހަންނަކީ މަކަރުވެރިއެއް ނޫން

Fri, 18 Oct 2024 02:19 PM

View on this article on One Online

ޕޮގްބާގެ އަސަރުގަދަ ވާހަކަތަކެއް: އަހަންނަކީ މަކަރުވެރިއެއް ނޫން

މަނާ ބޭހަށް ޕޮސިޓިވްވެ، ޕައުލް ޕޮގްބާއަށް ފުރަތަމަ އައިސްފައި ވަނީ ހަތަރު އަހަރު ދުވަހުގެ ދިގު ސަސްޕެންޝަނެކެވެ. އެއީ މިދިޔަ ފެބްރުއަރީ މަސް ތެރޭގައެވެ. އޭރު އުމުރުން 30 އަހަރެވެ. ކެރިއަރުގެ ޕީކް އުމުރުގައި ޕޮގްބާއަށް އައި ސަސްޕެންޝަނާއެކު އޭނާ ދެން ފުޓުބޯޅައިން ނުފެންނާނެ ކަމަށް އޮތީ ބެލެވިފައެވެ.

އިޓަލީގެ ނޭޝަނަލް އެންޓި ޑޯޕިން ޓްރައިބިއުނަލް (ނާޑޯ) އިން ޕޮގްބާ ސަސްޕެންޑް ކުރަން ނިންމީ ދެ ސާމްޕަލެއްގެ ޓެސްޓޮސްޓެރޯން ލެވެލް މާ ބޮޑަށް މަތިވުމުންނެވެ. ޓެސްޓޮސްޓެރޯން އިންޖެކްޓް ކުރުމަކީ ބައެއް ކުޅުންތެރިން ޕާފޮމަންސް ރަނގަޅު ކުރުމަށް ކުރާ ކަމެކެވެ. އޭގައި އޮންނަނީ ވަރަށް ބޮޑަށް ލިމިޓް ކަނޑައަޅައިފައެވެ. އެތުލީޓުންގެ ގިނަ ޕާފޯމަންސްތަކަށްފަހު މަނާ ބޭހަށް އަބަދު ވެސް ޓެސްޓު ކުރަމުން އަންނަ އިރު، ޕޮގްބާ ފުރަތަމަ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޔުވެންޓަސް އިން ލީގުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓަކުންނެވެ.

އަލުން ފުޓުބޯޅައަށް ނާދެވޭ ގޮތަކަށް ޕޮގްބާ ހުރި ހުރުމަށް ނިމުން އައިީ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން އޭނާގެ އިސްތިއުނާފު މައްސަލަ ނިންމި ހިސާބުންނެވެ. ކާސްއުން ވަނީ ޕޮގްބާގެ ސަސްޕެންޝަން 18 މަހަށް ކުޑަކުރަން މިދިޔަ މަހު ތެރޭގައި ނިންމައިފައެވެ.

"އަހަންނަށް އެނގިގެން ކުރި ކަމެއް ނޫން އެއީއެއް. އަހަންނަކީ މަކަރުވެރިއެއް ނޫން. އަހަންނަކީ ފުޓުބޯޅަ ދެކެ އެއަށްވުރެ ބޮޑަށް ލޯބިވާ ކުޅުންތެރިއެއް. އަހަރެން މިހާ ލޯބިވާ ކުޅިވަރެއްގައި މަކަރު ހަދަން ބޭނުމެއް ނުވޭ. އަހަރެން ހޯދާ ކޮންމެ ކާމިޔާބީއެއް ވެސް ހޯދަން ބޭނުންވަނީ އިންސާފުން،" ޕޮގްބާ ބުންޏެވެ.

"އަހަންނަކީ ބަލިވީމަ ވަރަށް ދެރަވެ، ގޯސް ކަންކަން ވެސް ކުރާ މީހެއް. އެހެންވިޔަސް، އަހަންނަކީ މަކަރުވެރިއެއް ނޫން،" އަސަރާ އެކު ކުރިއަށް ގެންދިޔަ އިންޓަވިއުގައި ޕޮގްބާ ބުންޏެވެ.

މައްސަލައިގައި ސަސްޕެންޝަން ކުޑަކޮށްދޭން ނިންމި ހިސާބުން ޕޮގްބާ މަޑުމަޑުން އަލުން ތަމްރީނުތަކަށް ނުކުމެފައިވާ އިރު، އޭނާ އަދިވެސް ހުރީ ޔުވެންޓަސްގެ އެއްބަސްވުމުގައެވެ. ޕޮގްބާ ޔުވެންޓަސްގައި ވިދާލައި، މެންޗެސްޓާ ޔުނައިޓެޑަށް ގޮސް ކުޅުމަށްފަހު އަލުން އެ ކްލަބަށް ބަދަލުވީ 2022 ވަނަ އަހަރު ޖުލައި މަހުގައެވެ. އޭގެފަހުން އަނިޔާއާ ހުރެ އެންމެ ރަނގަޅަށް ކުޅެން ނުފެށިގެން އުޅެނިކޮށް މަނާ ބޭހުގެ މައްސަލައާ ހެދި ޕޮގްބާގެ ކެރިއަރު ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ.

"އަހަރެން ޒިންމާ ނަގަން ޖެހޭ ސަޕްލިމެންޓް ބޭނުން ކުރެވުނީމަ. އެކަމަކު އެނގިގެން ނޫން ބޭނުންކުރީ. އަހަރެން ޖެހޭނެ އެއްވެސް ސަޕްލިމެންޓެއް ނަގާއިރު ތިން ފަހަރު ޗެކް ކުރަން. އެކަން ނުކުރެވުނީ އަހަންނަށް،" ފްރާންސާ އެކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދި ޕޮގްބާ އިތުރަށް ބުންޏެވެ.

ޕޮގްބާ ވަނީ ސަސްޕެންޝަނާ އެކު ހަޔާތަށް އައި ބަދަލުވެސް އިންޓަވިއުގައި ހިއްސާ ކޮށްފައެވެ.

"އަހަންނަށް ހަޔާތް ވަރަށް ރަނގަޅަށް ދަސްވި ސަސްޕެންޝަނާ އެކު. ހާއްސަކޮށް އަހަރެންގެ ހަޔާތަކީ ފުޓުބޯޅަކަން އެނގުނު. ސަސްޕެންޝަނާ އެކު އަހަންނަކީ މަޝްހޫރު، މީހުން ލޯބިވި ޕޮގްބާއެއް ނޫން. އަހަންނާ ދުރުން އުޅެވޭތޯ ރައްޓެހިން ވެސް ބަލަން ފެށީ. ކުރިން އަހަންނަށް ފެޝަން އިވެންޓްތަކުން ވެސް ދައުވަތު ލިބެމުން ގޮސް، އުޅުނީ ވަރަށް ހެޕަނިން ދިރިއުޅުމެއް. ފަހުން އެމީހުން ވެސް ބެލީ އަހަރެން މަންޒަރަށް ނާރުވާ ވާނެ ގޮތެއް،" ޕޮގްބާ ބުންޏެވެ.

ޕޮގްބާ ބުނީ އެތައް ދުވަހަކު އެކަނި ފާރުގައި ބޯޅަ ތަޅަތަޅައި ހުންނަން ޖެހުނު ކަމަށާއި މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް ދަނޑު މައްޗަށް ނުކުންނަން ކަމަށެވެ. ހާއްސަކޮށް ފިޓްނެސް ރަނގަޅުކޮށް ނުކުންނަން ބޭނުން ކަމަށާއި ކުރިއަށްވުރެ ވެސް ބޮޑަށް ފުޓުބޯޅައަށް ފެންބޮވައިގެންފައި ހުރި ކަމަށްވެސް ޕޮގްބާ ބުންޏެވެ.

ފްރާންސްގެ ގައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޕޮގްބާ ވަނީ 91 މެޗު ގައުމީ ޖާޒީގައި ކުޅެ، 11 ގޯލު ޖަހައިދީފައެވެ. ޕޮގްބާ ބުނީ މިހާރު ހުރި ހާލަތުން ވީ އެންމެ އަވަހަކަށް ގައުމީ ޓީމަށް ވެސް ނުކުންނަން ބޭނުންވާ ކަމަށެވެ.





More from One Online