އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއަކަށް ޖޫހީ!

Fri, 18 Oct 2024 12:14 PM

View on this article on One Online

އިންޑިއާގެ އެންމެ މުއްސަނދި ބަތަލާއަކަށް ޖޫހީ!

އިންޑިއާގެ އެންމެ މުއްސަނދި ބަތަލާގެ މަގާމު ޖޫހީ ޗައުލާއަށް ލިބިއްޖެއެވެ.

އޭނާއަށް މި މަގާމު ލިބުނީ 4.600 ކްރޯޑް ރުޕީސްގެ މިލްކިއްޔާތަކާ އެކުއެވެ. އެއީ މިހާރުގެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ އައިޝްވަރިޔާ ރާއީ އަދި ޕްރިޔަންކާ ޗޯޕްރާއަށް ވުރެވެސް މަތީ އަދަދެކެވެ.

ނުވަދިހައިގެ އަހަރުތަކުގައި ތަރީންނަށް ފިލްމަކުން އެއް ކްރޯޑް ރުޕީސް ލިބޭ ކަމަށްވެއެވެ. އޭގެ ސަބަބުން ގިނަ ތަރީންތަކެއް މުއްސަނދިވެ އެކި ވިޔަފާރިތަކަށް އިންވެސްޓްކޮށް މިލިޔަނަރުންނަށް ވެފައިވެއެވެ. މިފަހުގެ ތާރީހެއްގައި އެއްވެސް ހިޓް ފިލްމެއްގައި ނުފެނުނު ކަމުގައި ވިއަސް ޖޫހީއަކީ ދުނިޔޭގެ ވެސް އެންމެ މުއްސަނދި 10 އަންހެނުން ތެރޭގައި ހިމެނޭ ތަރިއެކެވެ.

2024 ވަނަ އަހަރުގެ މުއްސަނދީންގެ ލިސްޓުގައިވާގޮތުގައި ޖޫހީގެ މިލްކިއްޔާތު އޭނާގެ ވިޔަފާރި ޕާޓްނަރު އަދި ގާތް އެކުވެރިޔާ ޝާހުރުކް ޚާނުގެ މިލްކިއްޔާތާ މާބޮޑު ފަރަގެއްވެސް ނެތެވެ. ޝާޚަކީ އިންޑިއާގެ އެންމެ މުއްސަނދި ބަތަލެވެ.

ޖޫހީއަށް ފަހު މިލްކިއްޔާތުގައި އެންމެ ގިނަ މުދާހުރީ އައިޝްވަރިޔާ ރާއީއެވެ. އޭނާގެ މިލްކިއްޔާތުގައި 100 މިލިއަން ޑޮލަރު ހުރިއިރު (އެއީ ގާތްގަނޑަކަށް 850 ކްރޯޑް ރުޕީސް) އެވެ. ތިންވަނައިގައި ހިމެނެނީ ޕްރިޔަންކާ ޗޯޕްރާ އެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 650 ކްރޯޑް އިންޑިއަން ރުޕީސް އެވެ. އެއީ އޭނާގެ ބްރޭންޑްތަކާއި، ފިލްމު ޕްރޮޑަކްޝަން ކުންފުނި އަދި ހޮލީވުޑް ޕްރޮޖެކްޓްތައް ވެސް ހިމަނައިގެންނެވެ. އޭގެ ފަހަތުން ތިބީ އާލިއާ ބަޓް އާއި ދީޕިކާ ޕަޑުކޯނެވެ. މި ދެ ތަރީންނަކީވެސް އެކި ވިޔަފާރިތަކުގައި އިންވެސްޓްކޮށްފައިވާ ތަރީންނެވެ.

ޖޫހީގެ މިލްކިއްޔާތުގެ ބޮޑު ބަޔަކީ އެކްޓުކުރުމުން ލިބިފައިވާ ފައިސާކަމުގައިވީނަމަވެސް އޭނާއަކީ ނުވަދިހައިގެ އަހަރުތަކުގެ މަގުބޫލު ތަރިއެކެވެ. އޭނާ އެންމެ ފަހުން ކުޅެފައިވާ ބޮކްސް އޮފީސް ހިޓަކީ 2009 ވަނަ އަހަރު ނެރުނު ފިލްމު ލަކް ބައި ޗާންސެވެ. ޖޫހީގެ މިލްކިއްޔާތުގެ ބޮޑު އާމްދަނީއަކީ އެކި ވިޔަފާރިތަކުން ލިބިފައިވާ އާމްދަނީ އެވެ. ހާއްސަކޮށް ރެޑް ޗިލީސް ގްރޫޕުގައި އޭނާގެ ހިއްސާ ހިމެނެއެވެ. މީގެ އިތުރުން އެކި ފިލްމުތައް ކޯ-ޕްރޮޑިއުސްކުރުމާއި އެކި ކްރިކެޓް ޓީމުތަކުގައިވެސް އޭނާގެ ހިއްސާ އޮވެއެވެ. އޭގެ ތެރޭގައި އައިޕީއެލް ކޮލްކަޓާ ކައިންޓް ރައިޑާސް ހިމެނެއެވެ. ހަމަ އެއާއެކު އޭނާއަކީ ރިއަލް އެސްޓޭޓް އެކި ވިޔަފާރިތަކަށްވެސް އިންވެސްޓްކޮށްފައިވާ ތަރިއެކެވެ. ރިއަލް އެސްޓޭޓް ވިޔަފާރި ޖޫހީ ކުރަނީ އޭނާގެ މިލިއަނަރު ވިޔަފާރިވެރި ފިރިމީހާ ޖޭ މެހެތާއާއެކުއެވެ.





More from One Online